އެއްމާބަނޑު ދެ ކުދިން ލިބުނު އިރު، ދެ ކުދިންގެ ހަންގަނޑުގެ ކުލަ ތަފާތުވުމުން ކުދިންގެ މަންމައަށް ބޮޑު ހައިރާންކަމެއް ލިބިއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އުމުރުން 29 އަހަރުގެ ޝަންތޭލް ބްރޯޓަން އަށް ލިބިފައިވާ ދެކުދިންގެ ހަންގަނޑުގެ ކުލަ ތަފާތުވުމުން ގިނަ ބަޔަކު އަންނަނީ އެކުދިންނަކީ އޭނާގެ ކުދިންތޯ ސުވާލު ކުރަމުންނެވެ.

އޭޕްރިލް މަހުގެ ތެރޭގައި ޝަންތޭލް އެއްމާބަނޑު ދެކުދިން ވިހާފައިވާއިރު، އޭނާގެ ބައިވެރިއާއަކީ އެއްފަޅި ޖަމައިކާއަށް އަދި އަނެއްފަޅި ސްކޮޓްލޭންޑަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އަޝްޓަންއެވެ.

އޭނާ ވިހާފައިވާ ދެކުދިންނަށް ދީފައިވާ ނަމަކީ އަޔާން އާއި އަޒީރާއެވެ. އެކުދިން ތަކުގެ ތެރެއިން އަޔާންގެ ހަންގަނޑުގެ ކުލަ އަލިއެވެ. އަދި އަޒީރާގެ ހަންގަނޑުގެ ކުލަ ތަންކޮޅެއް ކަޅުކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެކަމުގެ ސަބަބުން އޭނާއަށް ވެސް ލިބުނީ ޝޮކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަރުހެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޝަންތޭލް ބުނެފައިވަނީ އާންމު ގޮތެއްގައި އެފަދަ ހާލަތްތައް ދިމާވަނީ ބައްޕަ ފަރާތު އެހެން މީހަކު އެހެން ގައުމަކަށް ނިސްބަތްވުމުން ކަމަށެވެ. އެހެން ކަމުން އޭނާ އެކަން މިހާރު ގަބޫލު ކުރެއެވެ.

ކުދިންނާ ބެހޭ ގޮތުން ޝަންތޭލް ބުނެފައިވަނީ އެކުދިން އުފަން ވެފައިވާ ގޮތާއި މެދު ހިތްހަމަ ޖެހޭކަމަށާއި އަދި އެކަން އޭނާ ބަލަނީ ލިބުނު 'ޔުނިކް' ކަމެއްގެ ގޮތުގައި ކަމަށެވެ.

އެއްމާބަނޑު ދެކުދިން އުފަންވާއިރު، ކުދިންގެ ހަންގަނޑުގެ ކުލައަށް އަންނަ ތަފާތަކީ މިލިއަނަކުން އެއްކުއްޖަކަށް ދިމާވާ ކަމެއް ކަމަށް ކަމުގެ މާހިރުން ވަނީ މީގެ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު