އަވަށްޓެރި އިންޑިއާގެ އައްސާމް ސްޓޭޓްގައި ކުރިޔަށް ދިޔަ އިމްތިހާނެއްގައި މަކަރު ހެދުން ހުއްޓުވުމަށް ހަތަރު ގަޑިއިރަށް އިންޓަނެޓްގެ ހިދުމަތް ކަނޑާލަން ނިންމައިފިއެވެ.

އެކި ޑިޕާޓްމަންޓްތަކުގައި ސަރުކާރުގެ 27،000 މަގާމު ފުރުމަށް އައްސާމްގައި ބޮޑު ރެކްރޫޓްމަންޓް އިމްތިހާނަކަށް ކެންޑިޑޭޓުން ހާޒިރުވާން ތައްޔާރުވަމުންދާ އިރު، ސްޓޭޓް ސަރުކާރުން ވަނީ އިމްތިހާނުގެ ގަޑިތަކުގައި އިމްތިހާނު ސެންޓަރުތަކުގެ ވަށައިގެން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލަން ނިންމައިފައެވެ.

މި އިމްތިހާނަކީ އެ ސްޓޭޓުގައި ހިންގާ އެންމެ ބޮޑު ރެކްރޫޓްމަންޓް ޑްރައިވްގެ ތެރޭގައި ހިމެނޭ އިމްތިހާނެކެވެ. އިމްތިހާނު ހަދަމުންދާ ހުރިހާ ޑިސްޓްރިކްޓެއްގައި އިންޓަނެޓްގެ ހިދުމަތް ނުލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ސީއާރްޕީސީގެ 144 ވަނަ މާއްދާ އާ އެއްގޮތަށް އަމަލުކުރަން ނިންމާފައިވަނީ ކޮންމެ އިމްތިހާނު ސެންޓަރެއްގައި ވެސް ސަލާމަތީ ގޮތުން ވަރުގަދަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާތީ ކަމަށް ސަރުކާރުން ބުންޏެވެ.

މި ގަވާއިދުގެ ދަށުން ކެންޑިޑޭޓުންގެ އިތުރުން އިންވިޖިލޭޓަރުން އިމްތިހާނު ސެންޓަރުތަކަށް މޯބައިލް ފޯނު ނުވަތަ އެ ނޫންވެސް އިލެކްޓްރޯނިކް އާލާތެއް ގެންދިއުން ވަނީ މަނާކޮށްފައެވެ. ކޮންމެ އެގްޒަމިނޭޝަން ސެންޓަރެއްގައި ސެންޓަރ އިންޗާޖް ގެ ގޮތުގައި ހުންނަ ސެންޓަރ އިންޗާޖް، އެގްޒަމިނޭޝަން ސެންޓަރަށް ވީޑިއޯ ނެގުމަށްވެސް ސަރުކާރުން ވަނީ އަންގާފައެވެ.

އިމްތިހާނުގެ ކުރިން އައްސާމްގެ ޗީފް މިނިސްޓަރު ހިމާންތާ ބިސްވާ ޝަރުމާ ވަނީ ޑެޕިއުޓީ ކޮމިޝަނަރުންނާއި އެހެނިހެން އޮފިޝަލުންނާއެކު ވާޗުއަލް ބައްދަލުވުމެއް ބާއްވައި އިމްތިހާނުގެކަންކަން އޮމާންކަމާއެކު ކުރިއަށްދާތޯ ޔަގީންކުރުމަށް އަންގާފައެވެ. މި ބައްދަލުވުމުގައި ޗީފް މިނިސްޓަރު ވަނީ އިމްތިހާނު ހަދާއިރު އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނުވާނެ ކަމަށް އޮފިޝަލުންނަށް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު