އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މިޒޯރަމްގެ ޗީފް މިނިސްޓަރ ޒޯރަމްތަންގޭގެ އަންހެން ދަރިފުޅު ޑޮކްޓަރަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ޒޯރަމްތަންގޭގެ އަންހެން ދަރިފުޅު މިލާރީ ޗަންގޭ އައިޒޯލްގެ ކްލިނިކެއްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރަކަށް ހަމަލާދޭ މަންޒަރެވެ.

މި މަންޒަރު ފެންނަ ވީޑިއޯ އާންމުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ ޑޮކްޓަރަށް ހަމަލާދީފައިވަނީ އެޕޮއިންޓްމެންޓެއް ހައްދައިގެން ނޫނީ ފަރުވާ ނުދޭނެ ކަމަށް ޑޮކްޓަރު ބުނުމުންނެވެ. އެގޮތުން އެޑޮކްޓަރު ވަނީ ކްލިނިކަށް އައުމުގެ ކުރިން އެޕޮއިންޓްމެންޓެއް ހެދުމަށް އޭނާ ކައިރީގައި ބުނެފައެވެ. ނަމަވެސް އެކަން ނުކޮށް ވަގުތުން އައިސް ހަމަލާދިން ކަމަށް ރިޕޯޓްތަކުން ވެސް ވަނީ ބުނެފައެވެ.

މިދިޔަ ބުދަ ދުވަހު ހިނގި މިހާދިސާގައި އޭނާ ހަމަލާދީފައިވަނީ ހަމުގެ ހާއްސަ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށެވެ.

މިވީޑިއޯ މީސްމީޑިއާގައި އާންމުވުމާއި ގުޅިގެން މިނިސްޓަރ ޒޯރަމްތަންގޭ އާއި އޭނާގެ އާއިލާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި ގިނަ ބަޔަކު ވަނީ އެއާއިލާއާއި ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ގުޅިގެން މިނިސްޓަރ ޒޯރަމްތަންގޭ ވަނީ އޭނާގެ އަންހެން ދަރިފުޅު ކުރި ކަމަކީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ އާންމުންގެ ފަރާތުން މާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު