ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު މިއަދާ ހަމައަށް ގިނަ ފިލްމުތަކެއްގައި މޮޅު އެކްޓިން އެއް ދައްކާފައިވާއިރު، އޭނާ މުހިންމު ރޯލަކުން ފެނިގެންދިޔަ "ޕަޑްމޭން" އަކީ އަކްޝޭ ނިކަން ފަޚްރުވެރިވާ ފިލްމެކެވެ. ނަމަވެސް އެއީ އޭނާގެ އެކްޓިންގެ ސަބަބަކުންނެއް ނޫނެވެ. އެއީ އެ ފިލްމަކީ އޭނާގެ ލޯބިވާ އަންހެނުން ޓުވިންކަލް ޚަންނާ އުފެއްދި ފިލްމަކަށް ވެފައި އެ ފިލްމު އުފެއްދުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ ސަރުކާރުން ސެނިޓަރީ ނެޕްކިންސް އިން ނަގާ ޖީއެސްޓީ ނެގުން ހުއްޓާލުމުންނެވެ.

އަކްޝޭ އެކޭ އެއްފަދައިން އޭނާގެ އަންހެނުން ޓުވިންކަލް ޚަންނާއަކީ ވެސް ހުނަރުވެރި ފަރާތެކެވެ. ޖުމްލަ 14 ފިލްމެއްގައި މޮޅު އެކްޓިންއެއް ދައްކައިދީފައިވާ ޓުވިންކަލް މިހާރު މިވަނީ ފިލްމް ކުޅުން ހުއްޓާލާއި ފޮތް ލިޔެ، ނެރުމުގެ މަސައްކަތް ފަށާފައެވެ.

މިކަމާއި ގުޅިގެން އަކްޝޭ ބުނެފައިވަނީ ޓުވިންކަލް ނަގާފައި އެ ވަނީ އެންމެ ރަނގަޅު ޑިސިޝަން ކަމަށެވެ.

"އަހަރެން ހަނދާންވޭ ކުރިން ޓުވިންކަލް އާއިއެކު ފިލްމެއްގެ ޝޫޓިންއަށް ގޮސް ހުންނައިރުވެސް، ކިރިޔާ ހުސްވަގުތު ކޮޅެއް ލިބުނަސް އޭނާ އިންނާނީ ފޮތެއް ކިޔާލަ ކިޔާލަ. އަދި ކައިރީގައި މޭވާ ވަށިގަނޑެއްވެސް ގިނަ ފަހަރު ހުންނާނެ. އެ ހުރިހާ މޭވާތަކެއްވެސް ހުސްކޮށްލާނެ ފޮތް ކިޔަން އެއިން ގޮތަށް އިނދެ. ދުވާލަކަށް ދިގު ވާހަކައެއް ކިޔާ ކަންނޭނގެ އޭރުވެސް. ޓުވިންކަލް ގޮތަށް ޝޫޓިންތަކަށް އައިސް އެކްޓްރެސް ކާޖޮލްވެސް ވަރަށް ފޮތް ކިޔާނެ" އަކްޝޭ ބުނެފައިވެއެވެ.

އެކްޓިންގެ ދާއިރާ ދޫކޮށް، ޓުވިންކަލް މިހާރު އަވަދިނެތި އުޅެމުންދަނީ ފޮތް ލިޔުމުގައެވެ. އޭނާގެ ތިންވަނަ ފޮތް "ޕިޖާމާސް އާރ ފޯގިވިން" ނެރުމުގެ މަސައްކަތުގައި މިހާރު ޓުވިންކަލް އުޅެމުންދަނީ ވަރަށް ބުރަ ކޮށެވެ.

"އަހަރެންނަކީ އެހާ ފޮތް ކިޔާ ހިތްވާ މީހެއް ނޫން. އެޔަށްވުރެ ބޮޑަށް އަހަރެންގެ ޝައުގުވެރިކަން އިންނާނީ ކުޅިވަރަށް. އެކަމަކު ޓުވިންކަލްއަށް ވީ ވަރަކުން ސަޕޯޓް ދެން. މިހާރު ލިޔަމުން އެ ގެންދާ ވާހަކަވެސް ވަރަށް ރީތި. އެ ވާހަކައިގެ ކޮންސެޕްޓް ކުރިންވެސް ޓުވިންކަލް އިނީ އަހަރެންނަށް ކިޔައިދީފަ. ކޮންސެޕްޓާ ވާހަކައިގެ ނަމާވެސް ވަރަށް ގުޅޭ." އަކްޝޭ ބުނެފައިވެއެވެ.