އެމެރިކާގެ ލޮސް އެންޖަލެސްގައި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ''ސްކުއިޑް ގޭމް ދުވަސް'' ގެ ގޮތުގައި ކަނޑައަޅައި ކޮންމެ އަހަރަކު ވެސް އެ ދުވަސް ފާހަގަ ކުރާ ގޮތަށް ސިޓީ ކައުންސިލްއިން އިއުލާން ކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހު ނެޓްފްލިކްސްގައި ދައްކަން ފެށި ދެކުނު ކޮރެޔާގެ ޑުރާމާ ''ސްކުއިޑް ގޭމް'' އަކީ ނެޓްފްލިކްސްގެ ދެކުނު ކޮރެޔާ ޑުރާމާ ތަކުގެ ތެރެއިން އެމެރިކާގައި އެންމެ ގިނަ މީހުން ބަލާފައިވާ ޑުރާމާއެވެ.

ލޮސް އެންޖަލެސްގެ ކައުންސިލްމޭން ޖޯން ލީއަކީ ދެކުނު ކޮރެޔާ އަދި އެމެރިކާއަށް ނިސްބަތްވާ މީހެކެވެ. އެހެންވެ 'ސްކުއިޑް ގޭމް ދުވަސް' ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިއީ އެމެރިކާގައި އެހެން ބަހެއްގެ ސީރީޒްއަކަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނު އަދި ގިނަ ރެކޯޑު ތަކެއް ހާސިލު ކޮށްފައިވާ ޑުރާމާއަކަށް ވާތީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ''ސްކުއިޑް ގޭމް ދުވަސް'' ކަމަށް ކައުންސިލް މޭން ޖޯން ލީ އިއުލާން ކޮށްފައިވެއެވެ.

''ސްކުއިޑް ގޭމް ދުވަސް'' އެންމެ ފުރަތަމަ ފާހަގަ ކުރަން ނިންމާފައިވަނީ މި އަހަރުއެވެ. އަދި މި ދުވަހަށް ''ސްކުއިޑް ގޭމް'' ޑުރާމާގެ ގިނަ ފަންނާނުންނަށް ދައުވަތު ދީފައިވެއެވެ. ގިނަ ފަންނާނުން މި ދުވަސް ފާހަގަ ކުރުމުގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

''ސްކުއިޑް ގޭމް'' އަކީ ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް ވަރަށް މަގުބޫލުވެގެން ދިޔަ ޑުރާމާއެކެވެ. މި ޑުރާމާއަށް ވަނީ ގިނަ އެވޯޑް ހަފުލާތަކެއްގައި އެތައް އެވޯޑެއް ހާސިލު ކޮށްފައެވެ.