ބޮލީވުޑުގެ ފިލުމު ތަކަށް ހިތްގައިމު ރީތި ލަވަތަކެއް ކިޔައިދީފައިވާ މަގްސޫދު މުހައްމަދު އަލީ މަޝްހޫރު ނަމުން ނަމަ ލަކީ އަލީ ބޮލީވުޑު ދޫކޮށްލި ސަބަބު ހިއްސާ ކޮށްފިއެވެ.

1996 ވަނަ އަހަރު ފުރަތަމަ ލަވަ އަލްބަމް ރިލީޒް ކުރި ލަކީ އަލީ އެންމެ ފުރަތަމަ ބޮލީވުޑަށް ލަވަކިޔައިދީފައިވަނީ 2000 ވަނަ އަހަރު ފިލުމު ''ކަހޯނާ ޕިޔާރް ހޭ'' އަށެވެ.

އެއަށްފަހު ގިނަ ފިލުމު ތަކަކަށް ހިތްގައިމު ލަވަތަކެއް ކިޔައިދީފައިވާ ލަކީ އަލީ ބޮލީވުޑު އިންޑަސްޓްރީއާއި ދުރަށް ދިޔުމަށް ނިންމާފައިވަނީ 2015 ވަނަ އަހަރު ފިލުމު ''ތަމާޝާ'' އަށް ފަހުގައެވެ.

2017 ވަނަ އަހަރު ޕޮލީވުޑު ބޮކްސް އޮފީހަށް ދިން އިންޓަވިއުއެއްގައި ލަކީ އަލީ ވަނީ ބޮލީވުޑު ދޫކޮށްލި ސަބަބު ހިއްސާ ކޮށްފައެވެ.

''ބޮލީވުޑު ވަރަށް ބޮޑަށް ބަދަލުވެއްޖެ. މިހާރު އުފައްދާ ބޮލީވުޑުގެ ފިލުމުތަކުގައި އެހެން މީހުން އިންސްޕަޔަރ ކުރުމުގެ ބައެއް ނޯވެ. އެފަދަ ފިލުމުތަކުން ދަސްކުރާނެ އިތުރު އެއްޗެއް ނޯވެ. މި އިންޑަސްޓްރީއަކީ އެއްވެސް އިހުތިރާމެއް އޮތް އިންޑަސްޓްރީއެއް ނޫން'' ލަކީ އަލީ ބުނެފައިވެއެވެ.

މިހާރު އުފައްދާ ފިލުމުތަކުން އެހެން މީހުންނަށް އަނިޔާވެރިވުމަށް ދަސްކޮށްދޭ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައަށް އެކަމުގެ ނޭދެވޭ އަސަރު ކުރުމަކީ ވެސް ލަކީ އަލީ މި އިންޑަސްޓްރީ ދޫކޮށްލުމަށް ބޭނުންވި ސަބަބެއް ކަމަށް ބުނެފައިވެއެވެ.

ލަކީ އަލީ 2008 ވަނަ އަހަރު ކުޅެފައިވާ ފިލުމު ''މާރޑަރ އެޓް ތީސްރީ މަންޒިލް 302'' ވަނީ މިދިޔަ އަހަރު ރިލީޒް ކުރެވިފައެވެ. 2008 ވަނަ އަހަރު ކުޅެފައިވާ ފިލުމެއް ނަމަވެސް އެތައް ކަމެއްގެ ސަބަބުން މަޑުޖައްސާލާފައިވާ މި ފިލުމު ރިލީޒް ކުރެވުނީ މިދިޔަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު