ބޮލީވުޑުގެ ބަތަލާ އަނަންޔާ ޕާންޑޭ އެއްފަހަރާ ދެ މީހުންނާއި ރައްޓެހިވި ކަމަށް ބޮލީވުޑުގެ ޑައިރެކްޓަރ ކަރަން ޖޯހަރް ބުނެފިއެވެ.

ބޮލީވުޑު ފަންނާނުންގެ ގިނަ ސިއްރުތަކެއް ހިއްސާ ކުރާ ޝޯ ކަމަށްވާ ''ކޮފީ ވިތު ކަރަން'' ގެ ޗަންކީ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭއާއި ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރާއި ޝާހުރުކް ޚާންގެ އަންހެނުން ގައުރީ ޚާން ބައިވެރިވި އެޕިސޯޑުގައި އަނަންޔާގެ ބޮޑު ސިއްރު ވެސް ކަރަން ވަނީ ހާމަކޮށްފައެވެ.

މި އެޕިސޯޑުގައި ގައުރީ ޚާންގެ ދަރިފުޅު ސުހާނާ ޚާނަށް ދޭން ބޭނުންވާ ނަސޭހަތަކީ ކޮބައިތޯ ކަރަން ސުވާލު ކުރުމުން ގައުރީ ބުނެފައިވަނީ އެއްފަހަރާ ދެ މީހުންނާއި ރައްޓެހިނުވުން ކަމަށެވެ.

ގައުރީ މިހެން ބުނުމުން ކަރަން ބުނެފައިވަނީ އަނަންޔާ އެއްފަހަރާ ދެ މީހުންނާއި ރައްޓެހިވި ކަމަށެވެ.

ކަރަންގެ ބުނުމަށް ރައްދު ދެމުން އަނަންޔާގެ މަންމަ ބާވްނާ ޕާންޑޭ ބުނެފައިވަނީ އަނަންޔާ އެއްފަހަރާ ދެމީހުންނާއި ރައްޓެހި ނުވާ ކަމަށެވެ.

''އަހަރެންނަކަށް ހިޔެއް ނުވެ އަނަންޔާ އެއްފަހަރާ ދެމީހުންނާއި ރައްޓެހިވިހެން. ދެ ފިރިހެނެއް އެއްފަހަރާ ބޭނުންވި. އެކަމަކު އެކަކާއި ރައްޓެހިވީ އަނެކަކާ ރުޅިވެފަ'' ބާވްނާ ބުނެފައިވެއެވެ.

މިކަމާއި ބެހޭގޮތުން މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އަނަންޔާ އިޝާން ޚައްތަރުއާއި ރުޅިިވީ ކާތިކް އާރްޔާންއާއި ވިޖޭ ދެވަރަކޮންޑާއާއި ގުޅުން ބޭއްވުމަށް ކަމަށެވެ.

މި ޝޯގައި އަނަންޔާގެ މަންމަ ބާވްނާ ބުނެފައިވަނީ ކާތިކްއާއި ސިދާތުއާއި އިޝާންގެ ތެރެއިން އަނަންޔާ އެންމެ ގުޅެނީ ކާތިކް ކަމަށެވެ.

އަނަންޔާއަކީ އެކްޓަރ ޗަންކީ ޕާންޑޭއާއި ބާވްނާ ޕާންޑޭގެ ދޮށީ އަންހެން ދަރިއެވެ.