''ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑު ވައިވްސް'' އިން ފެނިގެން ދިޔަ ނީލަމްއާއި އޭނާގެ ތިން ރަހުމަތްތެރިން ރާއްޖޭގެ ޖުމެއިރާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

ބޮލީވުޑުގެ ބަތަލާ ނީލަމް ކޮތާރީއާއި އެކްޓަރ ޗަންކީ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭއާއި ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރާއި ސުހެއިލް ޚާންގެ ކުރީގެ އަންހެނުން ސީމާ ސަޖުދޭ އެކުގައި ރާއްޖޭގައި އުފާވެރި ވަގުތުތަކެއް ހިއްސާ ކުރަމުންދާއިރު އިންސްޓަގުރާމުގައި ވެސް ދަނީ މި ޗުއްޓީގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

ހަތަރު މީހުން އެކުގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ނީލަމްގެ އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވަނީ އެ ހަތަރު މީހުން ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަ ކަމުގައި ވި ނަމަވެސް ވަރަށް މަޖާ ކުރާނެ ކަމަށެވެ.

މޫދުގެ ހިތްގައިމުކަން ދައްކުވައިދޭ ގޮތަށް ނީލަމް އެކަނި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް ބުނެފައިވަނީ އެއީ ވަރަށް ހިތްގައިމު ފޮޓޯ ޝޫޓެއް ކަމަށެވެ. އެކަމަށްޓަކައި ޖުމެއިރާ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

މީގެއިތުރުން ސީމާ ސަޖުދޭއާއި ބާވްނާ ޕާންޑޭ ވެސް ވަނީ އެމީހުންގެ އިންސްޓަގުރާމު އެކައުންޓުގައި މި ދަތުރުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ.

މި ހަތަރު ރަހުމަތްތެރިންގެ މި ފޮޓޯތަކާއި ބެހޭގޮތުން ވާހަކަ ދައްކާ ފަރާތްތަކުން ބުނެފައިވަނީ މި ހަތަރު މީހުންނަކީ ރަހުމަތްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ.

ހަތަރު މީހުން ވަނީ އެކުގައި ދެ ޝޯއެއް ވެސް ކުޅެފައެވެ. ''ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް'' ގެ ދެ ސީޒަނެއް ވަނީ ނެޓްފްލިކްސް އިން ދައްކާފައެވެ.

މީގެއިތުރުން ކަރަން ޖޯހަރްގެ ޝޯ ''ކޮފީ ވިތު ކަރަން'' ގެ ހަތްވަނަ ސީޒަންގައި ވެސް ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު