ސައުދީ އަރަބިއްޔާގެ ސިޓީއެއްގެ ކޯރަކަށް ގެނބެމުންދިޔަ ފަސް އަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެކުއްޖާ ސަލާމަތް ކޮށްފައިވަނީ އެސަރަހައްދަށް އާއިލާއާއި އެކީ ޕިކްނިކަށް ގޮސް އުޅުނު އަލީ އަލް-މެރީ ނަމަކަށް ކިޔާ ފިރިހެނެކެވެ.

އޭނާ އާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ، އެކުއްޖާ ސަލާމަތް ކޮށްފައިވަނީ އެސަރަހައްދުގައި އޭނާ ހުއްޓާ އެތަނުގައި ތިބި އަންހެނުންތަކެއް އެހީއަށް އެދި ހަޅޭއް ލަވާ އަޑު އިވިގެން އެމީހުން ކައިރިއަށް ދިއުމުން ކުއްޖާ ގެނބެމުން އަންނަ ވާހަކަ ބުނުމުން ކަމަށެވެ.

އެމީހުން އެގޮތަށް ބުނުމާއި އެކީ ޖެހުލުމެއް ނެތި ލައިގެން ހުރި ހެދުންތަކާއި އެކީ ވަގުތުން ކޯރަށް ފުންމާލައި ކުއްޖާ ސަލާމަތް ކުރި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެފިރިހެން މީހާ ކުއްޖާ ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެއީ ކިހާ ބޮޑު މިނެއް އަދި ފުންމިނެއްގެ ކޯރެއްކަން އެނގިފައެއް ނުވެއެވެ. އަދި ވީޑިއޯއާއި އެކީ ގިނަ ބަޔަކު ވަނީ ކުއްޖާ ސަލާމަތް ކުރި ފިރިހެން މީހާ އަކީ "ހީރޯ"އެއް ކަމަށް ބުނެ އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ބޭރުގެ އެކި ހިސާބުތަކުގައި އާންމުކޮށް އާއިލާއާއި އެކީ ޕިކްނިކް ހަދަން ނުވަތަ ޗުއްޓީ ހޭދަކޮށްލަން ދާ މީހުންގެ ތެރެއިން ކުޑަކުދިންނަށް ނުބެލުމުގެ ސަބަބުން މިފަދަ އެތައް ހާދިސާތަކެއް މީގެ ކުރިން ވެސް ހިނގާފައިވާކަން ފާހަގަ ކޮށްލެވެއެވެ.