ވ. ފުލިދޫގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ފުލިދޫން ގެނބިގެން މަރުވެފައިވަނީ ރަށުގެ ނަރުދަމާ އަޅަން ދިޔަ އިންޑިއާގެ ޒުވާން ފިރިހެނެކެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އޭނާ މަރުވެފައިވަނީ ޖެޓީ މައްޗަށް ގޮސް އެސަރަހައްދު ތިލަ ކަމަށް ހީކޮށް ފުންމާލައިގެން އުޅެނިކޮށް ކަމަށެވެ. އަދި އެސަރަހައްދަކީ ކިލަނބުކޮށް އޮތް ސަރަހައްދެއް ކަމުން އޭނާ ގެނބިގެން ސަލާމަތް ކުރަން ގިނަ ވަގުތުތަކެއް ވެސް ހޭދަވި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، އެފިރިހެން މީހާ މޫދުން ނެގިއިރު ވެސް މަރުވެފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ފުލިދޫ ކައުންސިލުން ވިދާޅުވީ، ޖެޓީ މަތިން ފުންމާލީ އިންޑިއާގެ ތިން މީހުން އެކުގައި ކަމަށާއި އެންމެންނަށް ވެސް ފަތަން އެނގޭ ކަމަށެވެ. އޭގެ ތެރެއިން މަރުވެފައިވަނީ އުމުރުން 21 އަހަރުގެ މީހާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ވިދާޅުވީ، އޭނާ މޫދުން ނަގައި ޖެޓީ މައްޗަށް އަރުވައިގެން ސީޕީއާރު ވެސް ޑޮކްޓަރުން އައިސްގެން އެވަގުތު ދިން ކަމަށެވެ. ނަމަވެސް އޭރުވެސް އޮތީ މަރުވެފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.