ބަރަހަނާ މަންޒަރުކުޅެ ޢާންމު ކުރެވުނީތީ މިހާރު ދެރަވާކަމަށާއި، މީގެ ފަހުން ދުވަހަކުވެސް އެފަދަ މަންޒަރެއް ނުކުޅޭނެ ކަމަށް، އެމެރިކާގެ މަޝްހޫރު ޓީވީ ސީރީޒް "ލޮސްޓް"ގެ ތަރި އެވަންގެލައިން ލިލީ ބުނެފިއެވެ.

ލިލީ ބުނިގޮތުގައި އޭނާ "ލޮސްޓް" ގައި ޙަރަކާތްތެރިވަމުން ދިޔައިރު އެތައް ފަހަރެއްގެ މަތިން ބަރަހަނާ މަންޒަރު ކުޅެން ޖެހުނު ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ އެފަދަ މަންޒަރެއް ކުޅެން ޖެހުނު ފަހަރު ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށެވެ. ނަމަވެސް އޭރު "އިތުރު ގޮތެއް ނެތުމުން" އެ މަންޒަރު ކުޅުނީ ކަމަށާއި، އެ ޝޮޓަށްފަހު ހިތާމަކޮށް ރުއި ކަމަށެވެ.

ލޮސްޓްގެ ސީޒަން ތިނެއްގައި ކުޅުނު އެ މަންޒަރަށްފަހު ޖެހިގެން އައި ސީޒަންގައިވެސް އެފަދަ މަންޒަރެއް ކުޅެން ޖެހުނު ކަމަށް ލިލީ ބުނެފައި ވެއެވެ. ނަމަވެސް އެފަހަރަކީ އޭނާ އެފަދަ މަންޒަރެއް ކުޅުނު އެންމެ ފަހު ފަހަރު ކަމަށާއި، އިތުރަށް ބަރަހަނާ މަންޒަރެއް ނުކުޅުމަށް އަޒުމް ކަނޑައަޅައި އެކަން ފްލްމުގެ ކްރޫއަށް އަންގާފައިވާ ކަމަށް ލިލީ ބުންޏެވެ.

"ދެވަނަ ފަހަރުވެސް އަހަރެން އެފަދަ މަންޒަރެއް ކުޅެން ޖެހުމުން ވަރަށް ހިތްހަމަ ނުޖެހުނު. ނަމަވެސް އެފަހަރުވެސް ހިތާއި ދެކޮޅަށް އެ ޝޮޓް ނަގައި ނިންމީ. އެއަށްފަހު އަހަރެން ބުނިން ދެން އިތުރަށް އެފަދަ މަންޒަރެއް ނުކުޅޭނެ ކަމަށް. އަދި އެފަދަ މަންޒަރެއް ކުޅެން ޖެހިއްޖެ ނަމަ ސްކްރިޕްޓް ބަދަލުކުރަންދެން އަހަރެން އެކަމާއި ދެކޮޅު ހަދާނެ ކަމަށްވެސް އެންގިން،" ލިލީ ބުންޏެވެ.

ލިލީ ބުނެފައިވާގޮތުގައި، އޭނާ ކުޅެން ޖެހުނު ބަރަހަނާ މަންޒަރުތަކުގެ ސަބަބުން އެތައް ބައެއްގެ ކުރިމަތީގައި އަމިއްލަ އަގު ވަނީ ވެއްޓިފައެވެ. އަދި ކުރިން މީހުން އޭނާއަށް ކުރި އިހްތިރާމް ކުޑަވެގެންދިޔަކަން ފާހަގަކުރެވުނު ކަމަށްވެސް ލިލީ ވަނީ ބުނެފައެވެ.

ލިލީ ބުނީ އޭނާ، އޭނާގެ ހުވަފެންތަކުގައި ހަޤީޤީކުލަ ޖައްސަން ބޭނުންވަނީ އަމިއްލަ އިޚްތިޔާރުގައި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި އަމިއްލަ އަގު ވެއްޓޭގޮތަށް ނަފްސު ވިއްކާލައިގެން ދާއިރާގެ ކުރި ހޯދަން ބޭނުން ނުވާކަމަށްވެސް ލިލީ ވަނީ ބުނެފައެވެ.

ޢާންމުންގެ ގިނަ ބައެއްގެ މެދުގައި ލިލީ މަޝްހޫރުވެގެން ދިޔައީ 2004 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ނެރެމުންދިޔަ "ލޮސްޓް" ސީރީޒް އިންނެވެ. މިއީ އޭނާ ފާޅުކަން ބޮޑު ގޮތަކަށް އެ ސީރީޒްއާއި ގުޅޭގޮތުން ހިތްހަމަނުޖެހުމުގެ ބަސްތަކެއް ހާމަކުރި ފުރަތަމަ ފަހަރެވެ. އޭނާއަކީ މަޝްހޫރު ފިލްމް ސިލްސިލާ އޭންޓް މޭންގެވެސް ތަރިއެކެވެ. ކުރިއަށް ދެން އެންމެ އަވަހަށް ލިލީ ފެނިގެންދާނީ ފިލްމް "އެވެންޖާސް" އިންނެވެ.