މަދިރިއެއްގެ ސަބަބުން ޖަރުމަނު ވިލާތުގެ ފިރިހެނަކު ކޯމާއެއްގައި ހަތަރު ހަފްތާއެއްހާ ދުވަސް އޮންނަން ޖެހުނުއިރު، ފުރާނަ ސަލާމަތް ކުރުމަށް 30 އޮޕަރޭޝަނެއް ކޮށްފިއެވެ.

ޑެއިލީ ސްޓާގެ ރިޕޯޓެއްގައި ވާގޮތުން 2021 ވަނަ އަހަރުގެ ހޫނު މޫސުމުގައި، އުމުރުން 27 އަހަރުގެ ސެބެސްޓިއަން ރޮޓްޝްގެ ގައިގައި މަދިރިއެއްގެ ދަތް އެޅުމުން ފުރާނައަށް ނުރައްކާވާ ފަދަ ތަޖުރިބާއެއް ކުރަން ޖެހުނެވެ. އެގޮތުން އޭނާގެ ކިބައިން އެންމެ ފުރަތަމަ ފެނުނީ ރޯގާ ފަދަ އަލާމާތްތަކެވެ. ނަމަވެސް އެއީ ފެށުމެވެ. އޭގެ ފަހުން އޭނާގެ ސިއްހީ ހާލަތު ވަރަށް ގޯސްވިއެވެ. އެގޮތުން ހާލަތު ގޯސްވެ، ރޮޓްޝްކޭގެ ފައިގެ ދެ އިނގިލި އެއްކޮށް ކަނޑާލަން ޖެހުނެވެ.

އަދި ތިރީސް އޮޕަރޭޝަނެއް ކުރަން ޖެހި، ހަތަރު ހަފުތާ ވަންދެން ކޯމާގައި އޮތެވެ. މީގެ އިތުރުން ލޭ ވިހަވުމުގެ އިތުރުން ލިވާ، ކިޑްނީ، ހިތާއި ފުއްޕާމޭ ފެއިލްވުން ފަދަ މައްސަލަތަކާ ވެސް އެކި ފަހަރު މަތިން ކުރިމަތިލާން ޖެހުނީވެސް އެ މަދިރި އޭނާގެ ގައިގައި ހެފި އެޅި ފަހުންނެވެ.

މީގެ އިތުރުން އޭނާގެ ފައިގެ ފަލަމަސްގަނޑުގެ ހަންގަނޑު ޓްރާންސްޕްލާންޓް ކުރަންވެސް ޖެހުނެވެ. އެ ސަރަހައްދުގައި އުފެދިފައިވާ ވިހައެއް ނައްތާލުމަށެވެ. މިގޮތަށް ކަންތައް ވުމުން އޭނާ ހީކުރީ އޭނާގެ ދިރިހުރުމުގެ ފުރުސަތު ކުޑަކަމަށެވެ.

އޭނާގެ ހަށިގަނޑުގައި ހަފާފައި ވަނީ އޭޝިއަން ޓައިގާ މަދިރިއެވެ. އެ މަދިރި ކަށި ޖަހާފައި ވަނީ އޭނާގެ ލަފަސްގަނޑާ ދިމާލުގައެވެ. އޭނާގެ ހާލަތު މިހާރު ރަނގަޅެވެ.