ބޮލީވުޑް އެކްޓްރެސް ނެހާ ދުޕިއާއާއި އަންގަދް ބޭޑީއަށް ދަރިއަކު ލިބެން އުޅޭ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ނެހާއާއި އަންގަދް ކައިވެނި ކޮށްފައިވާއިރު، ވަރަށް އަވަހަށް މި ދެމަފަރިން ދަރިއަކު ހޯދާނެ ކަމަށް ފޭނުން ބުނުމުންވެސް، އެދެމީހުން ވަނީ ވަކި އެއްޗެއް ނުބުނެ އެ ވާހަކަ އޮއްބާލާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އެންމެ ފުަރަތަމަ ނެހާ ބަނޑުބޮޑު ކަމަށް އާންމުންނަށް ހީވާން ފެށީ، ނެހާގެ ބަރުދަން އިތުރުވާން ފަށާ، ހަށިގަނޑަށް ދޫ ހެނދުން ލާން ފެށުމުން ކަމަށެވެ. މިކަމާއި ގުޅިގެން އަންގަދް އާއި ސުވާލު ކުރުމުންވެސް އޭނާގެ ފަރާތުން ޖަވާބެއް ގޮތް ވަނީ ނުވެފައެވެ. ނަމަވެސް، ވަރަށް އަވަހަށް އޮފިޝަލްކޮށް ނެހާ ބަނޑުބޮޑު ވާހަކައާއި އެދެމީހުންނަށް ދަރިއަކު ލިބެން އުޅޭ އުފާވެރި ޚަބަރު އާންމުކުރާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

ޚަބަރުތައް ބުނާގޮތުގައި ނެހާއާއި އަންގަދްއަކީ ވަރަށް ކުރިންވެސް ވަރަށް ގާތް ދެރައްޓެހިންނެވެ. އަދި ނެހާގެ ކޮލެޖްގެ ގިނަ ދުވަސްތަކެއް ނިއު ދިއްލީގައި ހޭދަކޮށްފައިވާއިރު، އަންގަދް ކުޑައިރުންފެށިގެންވެސް ދިއްލީގައި ދުވަސްތައް ހޭދަކޮށްފައިވެއެވެ.

ނެހާ ބުނެފަިއވަނީ ކަިއވެނި ކުރުމުގެ ހަތަރު އަހަރު ކުރިންވެސް އަންގަދް ވަނީ އޭނާއަށް ކައިވެނީގެ ހުށަހެޅުމެއް ހުށަހަޅާފައި ކަމަށާއި، ނަމަވެސް އޭރު އޭނާ އެކަމަށް އެއްބަސް ނުވާ ކަމުގައެވެ. އަދި މިއަދު އޭނާގެ އަނބިމީހާގެ މަޤާމުގައި ހުރެވޭތީ އުފާވާ ކަމަށާއި އަންގަދް އޭނާ ދެކެ ވާ ލޯތްބަށް ޝުކުރުވެރިވާ ކަމަށެވެ.

އާއްމުންގެ މެދުގައި އަންގަދް ބޮޑަށް މަޝްހުރް ވެގެންދިޔައީ ބޮލީވުޑް ފިލްމު "ޓައިގާ ޒިންދާ ހިއާ" ފަދަ ފިލްމުތަކުންނެވެ. އަދި ނެހާ ބޮޑަށް މަޝްހޫރް ވެފައިވަނީ ރޭޑިއޯ ޝޯތަކުންނެވެ.