އިކްއެޑޯގެ ފިރިހެނަކު އޭނާގެ ދެދަރިންނާއި ބައްދަލު ނުކުރެވިގެން އަންހެނަކަށް "ބަދަލުވެއްޖެއެވެ." ހުޅަނގުގެ ގިނަ ގައުމުތަކެކޭ އެއްގޮތައް އިކްއެޑޯގައި ވެސް އެމީހަކު ބޭނުން ޖިންސެއްގެ މީހަކަށް ބަދަލު ވެއެވެ.

އިކްއެޑޯގެ ރާމޯސް ނަމަކަށް ކިޔާ މީހަކު މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާގެ ދަރިންނާއި އޭނާ އަށް ބަދަލު ނުވާތާ މިހާރު ފަސް މަސް ދުވަސް ވެއްޖެއެވެ. ދެދަރިން ވެސް ތިބެނީ އެކުދިންގެ މަންމަ ކައިރީގައެވެ. އިކްއެޑޯގެ ގާނޫނީ ނިޒާމު އޮންނަ ގޮތުން ދެމަފިރިން ވަކިވާ ހާލަތްތަކުގައި ދަރިންނަށް ވަރަށް ގިނަ ފަހަރު ފުރުސަތު ދެނީ މަންމަ ކައިރީ ތިބޭށެވެ. ދަރިން ބެލުމުގެ އިހްތިޔާރު ހޯދަން ކޯޓުތަކުން މަންމަ އިންނަށް ރަނގަޅު ގޮތްތަކެއް ހަމަޖައްސައިދެއެވެ.

ދަރިންނާއި ބައްދަލު ކުރަން ތަކުރާރުކޮށް ކޯޓަށް މައްސަލަ ހުށަހަޅައިގެން ވެސް ކުރިއެރުމެއް ނުލިބުމުން ރާމޯސް އެންމެފަހުން ކުރި ކަމަކީ އޭނާ އަކީ އަންހެނެއް ކަމަށް ކަނޑައަޅައި ދިނުން އެދި ރަސްމީ އިދާރާތަކަށް ހުށަހެޅީއެވެ. ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށްފަހު ޑިސެމްބަރ 30 ވަނަ ދުވަހު ރަސްމީ އިދާރާތަކުން ވަނީ ރާމޯސް އަކީ އަންހެނެއް ކަމަށް ގާނޫނީ ގޮތުން ނިންމާފައެވެ.

ނަމަވެސް ޖިންސުން ބަދަލު ކުރުމަށް އޮޕަރޭޝަނެއް ކުރުން ފަދަ ކަމެއް ރާމޯސް ކޮށްފައެއް ނުވެއެވެ.

ރާމޯސް ބުނާ ގޮތުގައި އޭނާ އަކީ އަންހެނެއް ކަމަށް ގާނޫނީ ގޮތުން މިހާރު ނިންމާފައި ވުމުން ކުދިންގެ މަންމަ އަށް ލިބިގެންވާ އެންމެހައި ހައްގުތައް އޭނާ އަށް ވެސް ދެން ލިބިގެން ދާނެއެވެ. އެހެންވެ ދާދިއަވަހަށް ދަރިންނާއި ބައްދަލު ކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރެވޭ ކަމުގައި ރާމޯސް ބުނެއެވެ.

ހުޅަނގުގެ ގައުމުތަކަށް "ޓްރާންސް ޖެންޑާ" ތައާރަފްވެ އެމީހަކު ބޭނުން ޖިންސެއްގެ މީހަކަށް ބަދަލުވުމުގެ ހައްގު އެމީހަކަށް ދިނުމުން މިފަދަ ތާކުންތާކުނުޖެހޭ އެތައް ކަމެއް އަންނަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިރާއްޖޭގައި ވެސް ތިކަން ތިހެން ކުރަން އދ އިން މަޖުބޫރުކުރާނެ ދުވަސް ގާތްވަމުން އަންނަނީ. އިސްލާމްދީން ނޫން އެހެން ދީނަކަށް އުޅުމުގެ ހުއްދަ ދޭ ދުވަހަކީ އެ ދުވަސް.