ވަރަށް ވިސްނައިގެން، ރޭވުންތެރިކަމާއެކު ކުޅެން ޖެހޭ ކުޅިވަރަކަށް ވާތީ، ރާޒުވާ އަކީ އުނދަގޫ ކުޅިވަރެއްގެ ގޮތުގައި ފާހަގަވެފައިވާ ކުޅިވަރެކެވެ. ކުޅުންތެރިންގެ ހުނަރު އިތުރުވެ، ކުޅުމުގައި ކުރިއަށްދާނެ އިތުރު ގޮތްތައް އެނގެމުންދިޔަ ވަރަކަށް ކުޅިވަރުގެ އުނދަގޫކަމުގެ ދަރަޖަ އިތުރުވެގެންދެއެވެ.

ސިކުނޑީގެ މި ކުޅިވަރު، ހުނަރުވެރި ކުޅުންތެރިޔަކާއި ދެކޮޅަށް ކުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން ރާޒުވާ ކުޅޭ މީހުންނަށް އެނގޭނެއެވެ. އެކަމަކު ރާޒުވާ ބޯޑުގައި ރާޒުވާ ކުޅިބައި އެތުރުމަކީވެސް ހަމަ އެހާ އުނދަގޫ ކަމެއް ހެއްޔެވެ؟ އެންމެ އަވަހަށް ރާޒުވާ ކުޅިބައި އެތުރުމުގެ ދުނިޔޭގެ ރެކޯޑެއްވެސް އޮވެއެވެ.

މިފަހަރު މި ރެކޯޑް ހަދާފައިވަނީ އިންޑިއާގެ ޕުޑުޗެރީއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އެސް އޮޑީލިއާ ޖާސްމިން ނަމަކަށް ކިޔާ މި ކުއްޖާ ހަދާފައިވަނީ، ފަހަރަކު ކުޅިއެއް އަތުރަމުން ރާޒުވާ ކުޅިބައި އެންމެ މަދު ވަގުތުގެ ތެރޭގައި އެތުރުމުގެ ރިކޯޑެވެ. އެގޮތުން އޮޑީލިއާ ވަނީ 29.85 ސިކުންތުގެ ތެރޭގައި މިކަން ކޮށްފައެވެ.

އޮޑީލިއާ ރެކޯޑު ހަދާތަން ފެންނަ ވީޑިއޯއެއް ގިނިސް ވޯލްޑް ރިކޯޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ވަނީ އާންމު ކޮށްފައެވެ. އޭނާ މި ރިކޯޑް ހަދާފައިވަނީ 2021 ވަނަ އަހަރުއެވެ. އޮޑިލިއާގެ ވީޑިއޯ އާންމުކުރަމުން ގިނިސް ވޯލްޑް ރިކޯޑުން ބުނެފައިވަނީ، އޮޑީލިއާގެ އަބަދުވެސް ހުވަފެނަކީ ދުނިޔޭގެ ރެކޯޑެއް ހެދުން ކަމަށެވެ. އަދި މި ރެކޯޑް މުގުރާލުމަށްޓަކައި އޭނާ އެއް އަހަރު ތަމްރީނު ކުރި ކަމަށެވެ.

މި ރެކޯޑް ކުރިން 4 މީހަކު ވަނީ ހަދާފައެވެ.

އޮޑީލިއާ ދުނިޔޭގެ ރިކޯޑެއް ހެދިނަމަވެސް، މީސްމީޑިއާގައި އެތައް ބަޔަކު ދަނީ މިކަމަށް މަލާމާތް ކުރަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ މިކަމަށް ދުނިޔޭގެ ރެކޯޑެއް އޮވެގެންވެސް ނުވާނެ ކަމަށެވެ. އަދި ބައެއް މީހުން ބުނެފައިވަނީ މިއީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.

"މިވެސް ދެން ރެކޯޑެއްތަ؟" އެކަކު ބުނެފައިވެއެވެ.

"އަހަރެން އެއް އަތުންވެސް އެއަށްވުރެ އަވަހަށް އެކަން ކުރާނަން." އެހެން މީހަކު ބުނެފައިވެއެވެ.

އިތުރު މީހަކު ބުނެފައި ވަނީ އޭނާއަށް 60 މިނެޓްގެ ތަމްރީނާއެކުވެސް މި ރެކޯޑް މުގުރާލެވިދާނެ ކަމަށެވެ.

އެހެން މީހަކު މަލާމާތް ކުރަމުން ބުނެފައިވަނީ ދެން އޮތީ މަސައްކަތަށް ދާން ހޭލުމުގެ ކުރިން އެންމެ ގިނައިން އެލާމް ސްނޫޒްކުރުމުގެ ރެކޯޑް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާގުންޑާ

    ފާޑުފާޑުގެ އަނގަ ނުތަޅުވާ ހިތްވަރެއް ހުރި މީހަކު ވިއްޔާ ކޮށްފަ ދައްކާލަބަލަ ވާކަން ނިކަން