ޖަލުގެ ހާލަތު، ހީކުރިވަރަށްވުރެ ގޯސް ކަމަށާއި އެގޮތުން ޖަލުގައި ބޭނުންވާ މިނިވަންކަން ނެތްއިރު ފޯނު ކޯލެއް ކޮށްލުމުގެ ފުރުސަތުވެސް ނުލިބޭ ކަމަށް ލޮސް އެންޖެލްސް އިން އުފެދިގެން އައި ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ގޭންގް، "އެމްއެސް-13" ގެ، ހައްޔަރުކޮށްފައިވާ އިސް މެމްބަރަކު ބުނެފިއެވެ.

ޑްރަގް ޓްރެފިކިންގް އާއި ރަހީނުކުރުމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުމުގެ އިތުރުން މާރާމާރީގެ އެތައް މައްސަލައެއް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށްލާފައިވާ އުމުރުން 35 އަހަރުގެ މިގުއެލް އެންޖެލް ކޮރެއާ ޑިއޭޒް މިގޮތަށް ބުނެފައިވަނީ، އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ގާޒީ ކުރިމަތީގައެވެ. ޑިއޭޒް ވަނީ ޖަލުގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކޮށްދިނުމަށް ގާޒީގެ ކިބައިން އެދިފައެވެ.

"އަހަރެން މި ޖަލުގައި އުޅެމުން މިދަނީ ވަރަށް ހާލުގައި. އެމީހުން އަހަންނާއި ދިމާލަށް ގޮވަނީ އެލް ޗަޕޯގެ ނަމުން. އަދި އަހަރެން މަރާލާނެ ކަމަށް ބުނެ އެމީހުން ދަނީ އިންޒާރު ދެމުން. ޖަލުގައި މި ހާލުގައި އުޅެމުންދާއިރު ލޯބިވާ މީހުނަށް ގުޅާލައި ވާހަކަ ދައްކާލުމުގެ ފުރުސަތެއް ނުލިބޭ. މިކަންކަން ރަނގަޅުކޮށްދިނުމަށް އާދޭހާއި އެކު ދަންނަވަން،" ޑިއޭޒް ކޯޓުގައި ބުންޏެވެ.

މިއަހަރުގެ ކުރީކޮޅު ހައްޔަރު ކޮށްފައިވާ ޑިއޭޒް އޭނާގެ މައްޗަށް ކުރެވޭ ދަޢުވާތަކަށް އިންކާރު ކުރަމުންދާއިރު، އޭނާ ބުނެފައިވަނީ އޭނާއަކީ ދަރިންނާއި އާއިލާ ދެކެ ލޯބިވާ ބައްޕައެއް ކަމަށެވެ. ނަމަވެސް ޑިއޭޒް އާއި ދެކޮޅަށް ދަޢުވާކުރާ ވަކީލުން ބުނެފައިވަނީ އޭނާއަކީ އެލް ސަލްވެޑޯގައި އުޅޭ އެމްއެސް 13 ގޭންގުގެ ލީޑަރު ކަމަށާއި، އޭނާއަކީ ނުރައްކާތެރި ކުއްވެރިއެއް ކަމަށެވެ. ޑިއޭޒްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުންނާއި އޭނާގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހު ޖަލުގައި އޭނާ 23 ގަޑިއިރު ބަންދުކުރެވިފައި ހުންނަނީ ގޮޅީގައެވެ. އަދި ފޯނުގެ ޚިދުމަތްވެސް ލިބޭނީ ކަނޑައެޅޭ ވަކި "ލިމިޓެއްގައި" ކަމަށް ކުރިންވެސް ޖަލުން ވަނީ ބުނެފައެވެ. ޑިއޭޒް ކޯޓުގައި އެދުނީ ޖަލުގައި އަދަބު ތަންފީޒުކުރާއިރު މިހާރު ޢަމަލުކުރާވަރަށްވުރެ ކަންކަން ލުއިކޮށްދިނުމަށެވެ.

ޑިއޭޒް ހައްޔަރުކޮށްފައިވަނީ 25 އަހަރަށެވެ. މިއީ އޭނާގެ މައްޗަށް ކުރެވުނު ބައެއް ދަޢުވާތައް ސާބިތުވުމާއި ގުޅިގެން އިއްވާފައިވާ ޙުކުމަކަށްވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު ޙުކުމްތަކެއްވެސް އޭނާއަށް ކޮށްފާނެ ކަމަށް ބެލެވެއެވެ. ޑިއޭޒް ކޯޓުގައި އޭނާގެ ޙުކުމް ލުއިކޮށްދީ ޖަލުގައި ލިބޭ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށްދިނުމަށް އެދުނު ނަމަވެސް، އޭނާގެ ނުރައްކާތެރި ކަމަށްޓަކައި ގާޒީވަނީ އެކަން ކުރެވެން ނެތްކަމަށް ބުނެފައެވެ.

އެމްއެސް 13 އަކީ އެމެރިކާގައި އުފެދުނު އެންމެ ނުރައްކާތެރި ގޭންގުތަކުގެ ތެރޭގައި ހިމެނޭ ގޭންގެކެވެ. 1980 ގެ އަހަރުތަކުގައި ލޮސް އެންޖެލްސް އިން އުފެދިގެން އައި މި ގޭންގު އެމެރިކާގެ ގިނަ ސަރަޙައްދުތަކަށް ފެތުރިފައި އޮވެއެވެ. އަދި ކޮންމެ އަހަރަކުވެސް މި ގޭންގުން ބައިވެރިވެގެން ބޮޑެތި ކުށްތަކަށް އަރައިގަނެ މީހުން މަރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަކޮތަރު

    ކިހާ ހެއްވާވާހަކައެއް! ޢެކުދިން ބެއުނުން އިރަކު އަހަރެމެންނަށް ގުޅާހަދާ..

  2. ބޮޑުގަމާރު

    ނޫން ނުކުރާނެ. ތީ އެންމެ އަމާން އޮމާން ޑިމޮކްރަސީ ގެ އައްޕަ... މިކަން ނުވެގެން ދިވެހިރާއްޖޭގެ ބަޔަކުވެސް އުޅެނީ (އަދާލަތު ދީނީގޮތުން އެކަމަށް ފަތުވާދޭން ތިބީ)