އައިފޯން-15 މިއަހަރު ނެރޭނެއެވެ. އައިފޯން-15 އާއިއެކު އެއް އާއިލާގެ ދެބެއިންގެ ގޮތުގައި އައިފޯން-15 ޕްރޯ ވެސް މިއަހަރު އެޕަލްގެ ލޯބިވެރިންނަށް ލިބޭނެއެވެ.

އައިފޯންގެ ތަފާތު މައުލޫމާތުތައް ލީކް ކުރަމުންދާ 9ޓް5މެކް އިން ބުނާ ގޮތުގައި މިއަހަރު ނެރޭ އައިފޯންގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ ތަފާތު ކުލައެއްގެ އައިފޯނެއް ވެސް މިއަހަރު ބާޒާރަށް ނެރުމެވެ. އެއީ ރަތް ކުލައިގެ އާއިލާގައި ހިމެނޭ ކޯޑް ނަމްބަރު #410D0D ކުލައެވެ.

އެޕަލް އިން އައިފޯންގެ ކިތަންމެ މައުލޫމާތެއް ލީކްވި ނަމަވެސް އެކަމާއި ގުޅޭ ގޮތުން ދުވަހަކު ވެސް ވާހަކައެއް ނުދައްކައެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އައިފޯނާއި ގުޅޭ ގޮތުން ބްލޮގްތަކުގައި މައުލޫމާތު ލީކް ކުރުމަކީ އައިފޯން އިސްތިހާރު ކުރުމަށް އެޕަލް އިން ގެންގުޅޭ އުކުޅެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ނެރޭ އައިފޯންގައި އާއްމުކޮށް އައިފޯންގައި ހުންނަ ކުލަތަކުގެ އިތުރުން އިތުރު ދެކުލައެއް ހިމެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭގެތެރޭގައި ނޫކުލަ ނުވަތަ ފިޔާތޮށި ކުލަ ވެސް ހިމެނިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަހަރު ނެރޭ އައިފޯންގައި ޗާޖިން ޕޯޓް ބަދަލު ކުރާނެއެވެ. އެއީ ޔޫރަޕްގައި ވިއްކާ ހުރިހާ ފޯނެއްގެ ޗާޖިން ޕޯޓް އެއްގޮތް ކުރަން އީޔޫ އިން އަންގާފައިވާ އެންގުމަކަށް ކިޔަމަން ވުމުގެ ގޮތުންނެވެ. އޭގެ އިތުރުން ފޯންގެ ޗިޕްގެ ފެންވަރު މަތިކޮށް އަދި ކެމެރާ އަށް ވެސް އިތުރު ކުރިއެރުންތައް ދޭނެ ކަމަށް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ނެރޭ އައިފޯންގެ އަގު ބޮޑުވުން އެކަށީގެންވެއެވެ. އެއީ ޔޫރަޕްގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމަށް ބަލާއިރު މިއަހަރު އަންދާޒާ ކުރިވަރަށް އައިފޯން ނުވިކުމުގެ ފުރުސަތު އޮތުމުންނެވެ. އެޕަލް އިން ދެން މަސައްކަތް ކުރާނީ މަދު އަދަދެއްގެ ފޯން ވިކުނު ނަމަވެސް ލިބޭ އާމްދަނީ އިތުރު ކުރަން ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު