އިންޑިއާގެ މުމްބާއިއަށް ނިސްބަތްވާ އަންހެނަކު އޭނާގެ ފިރިހެން ދަރިފުޅަށް ޖެހިފައިވާ ބަލީގެ ސަބަބުން އެ ދަރިފުޅު މަރާލައި އެކަން ސިއްރު ކުރުމަށް މަސައްކަތްކޮށްފިއެވެ.

އެއަންހެން މީހާ އޭނާގެ އުމުރުން ހަތަރު މަހުގެ ތުއްތު އެ ދަރިފުޅު މަރާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު، މަގުގެ އެއްކައިރީގައި ހެދިފައި އޮތް ފެންގަނޑެއްތެ ތެރެއަށް ދަރިފުޅު ވައްޓާލައި ހާސްކޮށްލައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން އެންމެ ހަތަރު މަހުގެ އެ ކުއްޖާ މަރާލުމަށްފަހު އެ އަންހެން މީހާ އެ ކުއްޖާ ގެންދިޔައީ ހޮސްޕިޓަލަށެވެ. އަދި އެ ހޮސްޕިޓަލުން އެ ކުއްޖާ ބެލުމަށްފަހު އެނގުނުގޮތުގައި، އެ ކުއްޖާ މަރުވެފައި ވަނީ ގުދުރަތީ މަރަކުން ނޫނެވެ. އެހެންވެ އެކަން ފުލުހުންނަށް އެންގީ ހޮސްޕިޓަލުންނެވެ.

އެ މައްސަލަ ފެންމަތިވުމުން ފުލުހުން އެ ކުއްޖާގެ މަންމަ އާއި ސުވާލުކުރިއެވެ. ނަމަވެސް އެ ހާދިސާ ހިނގިގޮތް ސިއްރުކުރާން މަސައްކަތްކުރުމަށްފަހު ފަހުން އެ އަންހެން މީހާ ވަނީ އެކަމަށް އެއްްބަަސްވެފައެވެ. އެ އަންހެން މީހާ ބުނީ، އޭނާ އެ ދަރިފުޅު މަރާލީ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެގެން އެ ބަލި ރަނގަޅު ނުވުމުން ކަމަށެވެ.

އެ އަންހެންމީހާގެ އާއިލާއިން ބުނިގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު އެ އޭނާގެ ދަރިފުޅު ގޮވައިގެން ދިޔައީ ބޭރަށް ހިނގާލަން ކަމަށް ބުނެއެވެ. އެހެން ނަމަވެސް އޭނާ އެކުއްޖާ ގޮވައިގެން ބޭރަށް ގޮސް އެ ފެންގަނޑު ތެރެއަށް އެެ ކުއްޖާ ފައްތާލުމަށްފަހު، އެނބުރި ދަރިފުޅު ގެނައީވެސް ފެން ފޮހެ ސާފުކޮށްގެން ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އަދި ގެއަށް ގެންގޮސް އިރުކޮޅެއް ފަހުން އޭނާ ހަޅޭލައްވާގަތީ ދަރިފުޅު ނޭވާ ނުލާކަމަށް ބުނެ ކަމަށާއި، އޭނާ މަސައްކަތްކުރީ ދަރިފުޅުގެ މަރުގެ ހާދިސާ އޮޅުވާލުމަށް ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.