އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ވިރާތް ކޯލީ އޭނާގެ ގިނަ ކާރުތައް ވިއްކާލާފައިވާ ކަން ހާމަކޮށްފިއެވެ.

ވިރާޓް ކޯލީގެ އަތުގައި 8 އަށް ވުރެ ގިނަ ކާރު ހުރި ކަމަށް ވެއެވެ. އޭގެ ތެރޭގައި އޮޑީ، ބެންޓްލީ އަދި ލޭންޑް ރޯވާ ފަދަ ކާރުތައް ހިމެނެއެވެ.

އެކަމަކު މީގެ ތެރެއިން ގިނަ ކާރުތައް އޭނާ މި ވަނީ ވިއްކާލާފައެވެ.

"ކުރިން އަހަރެން ގެންގުޅުނު ގިނަ ކާރުތަކަކީ އެއްވެސް ވަރަކަށް ޕްލޭން ނުކޮށް ގަނެފައި ހުރި އެއްޗެހި، އެ ކާރުތަކުގައި ދަތުރުކުރަން ޖެހެނީ، ނޫނީ ދުއްވަނީ ވަރަށް މަދުން. އެހެންވެ އަހަރެންނަށް ހީވީ މިއީ ބޭކާރު ކަމެއް ހެން، އެހެންވެގެން އޭގެ ތެރެއިން ގިނަ ކާރުތައް ވިއްކާލީ، މިހާރު އަހަރެމެން ބޭނުންކުރަނީ ހަމައެކަނި ބޭނުންވާ ކާރުތައް އެކަނި". މިއަދު އޮތް ފޮޓޯ ޝޫޓެއްގެ ތެރެއިން އޭނާ އާރްސީބީ ޔީޓުއުބް ޗެނަލްއަށް ބުންޏެވެ.

ވިރާޓް ކޯލީގެ އެންމެ އަގުބޮޑު ކާރަކީ ބެންޓްލީ ކޮންޓިނެންޓަލް ޖީޓީއެވެ. އޭގެ އަގު އިންޑިއާ ރުޕީސްގެ 4 ކްރޯޑްއަށްވުރެ މައްޗަށް އަރައެވެ. އޭނާގެ އަތުގައި މީގެ ކުރިން ލަމްބޯގިނީ ކާރެއްވެސް އޮތް ކަމަށް ވެއެވެ. ނަމަވެސް އެ ކާރުވެސް އޭނާ ވަނީ ވިއްކާލާފައެވެ.