ކޮލަމްބިއާގެ ފިރިހެނެއްގެ ފުރަގަސްފަރާތުން ކިއުކަމްބާއެއް ނަގައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކޮލަމްބިއާގެ ބަރަނޯއާއަށް އުފަން އެ ފިރިހެން މީހާގެ ފުރަގަސް ފަރާތުގައި ކިއުކަމްބާއެއް ތާށިވެފައި ހުރިކަން ޑޮކްޓަރުންނަށް އެނގުނީ އޭނާ ހިނގަން އުނދަގޫވެގެން ހޮސްޕިޓަލަށް ދިއުމުން ހެދި ޓެސްޓުންނެވެ.

އުމުރުން 40 އަހަރުގެ އެ ފިރިހެން މީހާ ވަނީ އެކްސްރޭ ނެގުމުގެ ކުރިން އޭނާއަށް ވަރަށް އުނދަގޫވާ ކަމަށް ބުނެފައެވެ. އަދި އެކްސްރޭއަށް ފަހު، އޭނާގެ ފުރަގަސް ފަރާތު ކިއުކަމްބާއެއް ތާށިވެފައި ހުރިކަން ބުނުމުން އޭނާއަށް ވެސް ލިބުނީ ޝޮކެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކުޑަ އޮޕަރޭޝަނަކަށްފަހު، ޑޮކްޓަރުން ކިއުކަމްބާ ނަގާފައިވާއިރު، އޭނާ ބުނެފައިވަނީ ކިއުކަމްބާ އޭނާގެ ފުރަގަސް ފަރާތަށް ދިޔަ ގޮތެއް ނޭނގޭ ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ އޭނާ އަކީ ގިނަގިނައިން ކިއުކަމްބާ ކައި ހަދާ މީހެއް ކަމުން އޭގެ އޮށެއް ބަނޑުގައި އޮވެގެން ކިއުކަމްބާއެއް އުފެދުނީ ކަމަށް ވެސް އޭނާ ވަނީ ޑޮކްޓަރުން ގާތު ބުނެފައެވެ.

އޭނާ އެފަދައިން ބުނި ނަމަވެސް، އެއީ ބުއްދި ގަބޫލު ކުރާ ކަހަލަ ވާހަކައެއް ނޫން ކަން ޑޮކްޓަރުންނަށް ވެސް އެނގެއެވެ. މީގެ ކުރިއަށް ބަލާއިރު ވެސް މިފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން ވެނެޒުއެލާގެ ފިރިނެއްގެ ފުރަގަސް ފަރާތުގައި ބިޔަރު ފުޅިއެއް ތާށިވެގެން ޑޮކްޓަރަށް ދައްކަން ގޮސް އެފިރިހެން މީހާ އެކަމެއް ކުރީ އޭނާ ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަން ބަޔަކު ކަމަށް ބުނި ހާދިސާއެއް ވެސް ވަނީ ފެންމަތިވެފައެވެ.