ވެއްޓުނު ފްލައިޓަކުން ދަތުރުކުރި ހަތަރު ކުއްޖަކު ފްލައިޓް ވެއްޓުނުތާ 17 ދުވަސް ފަހުން ދިރިތިއްބާ ފެނިއްޖެއެވެ. އެފްލައިޓުން ދަތުރުކުރި އެކުދިންގެ މަންމަ ވަނީ މަރުވެފައެވެ.

ކޮލަމްބިއާގެ އެމޭޒަން ޖަންގަލީގެ ސަރަހައްދަށް ވެއްޓުނު ފްލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްވީ މިހަތަރު ކުދިން އެކަންޏެވެ. ސަލާމަތްވި 13 އަހަރުގެ އަންހެން ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކާއި 11 މަހުގެ ކުއްޖެކެވެ.

ވަލުޖަނަވާރު އިންތިހާއަށް ގިނަ އަދި އަނިދިރިކަމާއި، ބިރުވެރިކަން އިންތިހާއަށް ބޮޑު ޖަންގަލީގައި ދެހަފްތާއަށް ވުރެ ގިނަ ދުވަހު އެކުދިން ސަލާމަތުން ތިބީ އެސަރަހައްދުގެ ގަސްތަކުން މޭވާ ބިނދެގެން ކައިގެންނެވެ. ކުދިން ފެނުނީ ފްލައިޓް ވެއްޓުނު ސަރަހައްދަށް ގޮސް އުޅުނު އާއްމުންގެ ބަޔަކަށެވެ.

ފްލައިޓް ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ސިފައިން ވެސް އައީ ބައިވެރިވަމުންނެވެ.

ފްލައިޓުން އިތުރު ތިން މީހަކު ދަތުރު ކުރިއެވެ. އެތިން މީހުންގެ މަރުވެފައިވާ ހަށިގަނޑު ވެސް މިހާރު ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ ކުދިންގެ މަންމަގެ އިތުރުން ؛ޕައިލެޓާއި އަދި އިތުރު މީހެކެވެ.

ހަތަރު ކުއްޖަކު ދިރިތިއްބާ ފެނުމާއި ގުޅިގެން ކޮލަމްބިއާގެ ރައީސް ވިދާޅުވީ ގެއްލުނު ހަތަރު ކުއްޖަކު ސަލާމަތުން ތިއްބާ ފެނުމުން މުޅި ގައުމަށް އުފާވެރިކަން ލިބިފައިވާ ކަމަށެވެ.

ހަތަރު ކުދިން ވެސް އަދި ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ކޮލަމްބިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ފްލައިޓް ވެއްޓެން މެދުވެރިވި ސީދާ ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ކޮލަމްބިއާގެ އޮފިޝަލުން ބުނާ ގޮތުގައި ފްލައިޓް ވެއްޓުނީ މެކޭނިކަލް ފޭލިއާއެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ﷲ އަކްބަރު

    ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަތަ އިލާހް. އެ ކުދިން އެފަދަ ނުރައްކާތެރި ޖަނަވާރުން ގިނަ ޖަންގައްޔަކުން ސަލާމަތްކޮށްދީ ކާނާ ލިބުނީ ﷲ ގެ އޯގާވަންތަކަމުން. ﷲ އަކްބަރު

    29
  2. ކޮތަރު

    އަލްޙަމްދު ލިﷲ

    24
  3. މީތާ

    فَاللَّهُ خَيْرٌ حَافِظًا ۖ وَهُوَ أَرْحَمُ الرَّاحِمِينَ
    ފަހެ، اللَّه އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ.
    [ ޔޫސުފް 64 ވަނަ އާޔަތް ]