ކޮލަމްބިއާގެ ޖަންގަލީގެ ތެރޭގައި 40 ދުވަސް ވަންދެން ގެއްލިފައި ތިއްބާ ފެނުނު ކުދިން އެކުދިންގެ ބައެއް ވާހަކަތައް ކިޔައި ދީފިއެވެ. 13 އަހަރުގެ އަންހެން ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖަކާއި ފަސް އަހަރުގެ ކުއްޖަކާއި އަދި އެއްއަހަރުގެ ކުއްޖަކު ޖަންގަލީގެ ތެރެއިން ސަލާމަތް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ހަތަރު ކުދިން ޖަންގަލީގެ ތެރެއަށް ގެއްލުނީ ކުއްޖާގެ މަންމަ އާއި އަދި އިތުރު މީހަކާއިއެކު ކުޑަ ފްލައިޓެއްގައި ދަތުރު ކުރަމުން ދަނިކޮށް ފްލައިޓް ވެއްޓުމުންނެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށް ފްލައިޓް ފެނުނުއިރު އޭގެތެރޭގައި ކުދިންގެ މަންމަ އާއި ދެން ފްލައިޓްގައި އިން މީހާ މަރުވެފައި އޮއްވާ ފެނުނެވެ. ނަމަވެސް ކުދިންނެއް ފްލައިޓްގައި ނެތެވެ.

ކުދިން ފެނުނީ މެދުނުކެނޑި 40 ދުވަސް ވަންދެން ފުލުހުންނާއި ސިފައިންނާއި އާއްމުން ކުރި މަސައްކަތުންނެވެ.

ކޮލަމްބިއާގެ އޮފިޝަލުން ވަނީ 13 އަހަރުގެ ކުއްޖާ ކިޔައިދިން ބައެއް ވާހަކަތައް މިހާރު މީޑިއާއަށް ހާމަކޮށްފައެވެ. "އެންމެ ދޮއްޓަށް ހުރި ކުއްޖާ އަޅުގަނޑުމެންނަށް ކިޔައިދީފައިވާ ގޮތުގައި އެކުދިންގެ މަންމަ ފްލައިޓް ވެއްޓުނުފަހުން ހަތަރު ދުވަސް ވަންދެން ދުނިޔޭގައި އޮތް. މަންމަ މަރުވުމުގެ ކުރިން ކުދިން ކައިރީ ބުނީ އަމިއްލައަށް ޖަންގަލިން ސަލާމަތްވާން މަސައްކަތް ކުރަން. އެހީއެއް ހޯދަން މަސައްކަތް ކުރަންވީ ގޮތް މަންމަ ކިޔައިދިން." އޮފިޝަލް ބުންޏެވެ.

ޖަންގަލި ތެރޭގައި 40 ދުވަސް ވަންދެން ހަތަރު ކުދިން ދިރިތިބުން ވެފައި ވަނީ ވަރަށް ބޮޑު އަޖައިބަކަށެވެ. ކޮލަމްބިއާގެ އޮފިޝަލުން ވެސް ބުނާ ގޮތުގައި އެކުދިން ދިރިތިއްބާ ފެނުން އެއީ މުއުޖިޒާތެކެވެ.

ކުދިން ފުރަތަމަ ފެނުނު މީހާ ކަމަށްވާ ނިކޮލަސް ގޯމޭޒް މީޑިއާއަށް ކިޔައިދިން ގޮތުގައި ކުދިންތައް ފެނުނުއިރު ވެސް އެންމެ ދޮއްޓަށް ހުރި 13 އަހަރުގެ ލޭސްލީ އިނީ އެންމެ ހަގު ކުއްޖާ އުރައިގެންނެވެ. އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން ފެނުމާއިއެކު ލޭސްލީ ކޮއްކޮ ގޮވައިގެން އެމީހުންްނާއި ދިމާއަށް ދުއްވައިގަތެވެ. "ކޮއްކޮ ކޮނޑުމައްޗަށް ލައިގެން ދުވެފައި އަހަރެންނާއި ދިމާއަށް އައި. ފުރަތަމަ ވެސް ބުނީ މިތިބީ ވަރަށް ބަނޑުހައިވެފައޭ." ނިކޮލަސް ކިޔައިދިނެވެ.

ދެން އެކުދިން ބުނީ މަންމަ މަރުވެފައިވާ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރަނގަޅަށް ކާން ނުލިބި ތިބުމުގެ ސަބަބުން ދެކުއްޖެއްގެ ހާލު ވަނީ ވަރަށް ދެރަވެފައެވެ. ނަމަވެސް މިހާރު ކުދިންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ކޮލަމްބިއާގެ އޮފިޝަލުން މައުލޫމާތު ދެއެވެ.