ކޮލޮމްބިއާއަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެއްޓުނު މަތިންދާ ބޯޓަކުން ހަތަރު ކުދިން ސަލާމަތް ވެއްޖެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކޮލަމްބިއާގެ ވަކި ކޮމިއުނިޓީއަކަށް ނިސްބަތްވާ އެ ހަތަރު ކުދިން ފެނިފައިވަނީ އެގައުމުގެ ދެކުނުގެ ސަރަހައްދެއްގެ ވަލު ތެރެއިންނެވެ. އެކުދިން ފެނިފައިވާކަން އެގައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވެސް ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޖުމްލަ 7 މީހުންނާއި އެކީ ދަތުރު ކުރަމުން ދިޔަ ސެސްނާ 206 މަތިންދާ ބޯޓު ވެއްޓިފައިވަނީ އިންޖީނު ފެއިލް ވެގެން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

"އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބުރަ މަސައްކަތުން ބޯޓު ވެއްޓުނު ފަހުން ގެއްލިގެން ހޯދަމުން ދިޔަ ހަތަރު ކުދިން މިހާރު ވަނީ ފެނިފައި. މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު އުފަލެއް" އޭނާ ވިދާޅުވިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ސަލާމަތް ވެފައިވާ ކުދިންގެ ތެރޭގައި 11 މަހުގެ ކުއްޖަކާއި 11 އަހަރާއި 9 އަހަރުގެ އިތުރުން 4 އަހަރުގެ ކުއްޖަކު ހިމެނެއެވެ. މި ހާދިސާގައި މަރުވެފައިވަނީ މަތިންދާ ބޯޓު ދުއްވަން ހުރި ޕައިލެޓާއި އިތުރު ތިން މީހެކެވެ. އެމީހުންގެ ހަށިގަނޑުތައް ބޯޓު ތެރެއިން ވަނީ ފެނިފައެވެ.

ރިޕޯޓްތަކުން ވަނީ ގެއްލިގެން ހޯދި ކުދިން ހޯދުމުގައި ހެލިކަޕްޓަރާއި މަތިންދާ ބޯޓުގެ އިތުރުން، އެއްގަމުން ކުއްތާތަކާއި ގިނަ އަދަދެއްގެ ވެހިކަލްތައް ބޭނުން ކޮށްފައިވާ ކަމަށް ބުނެފައެވެ.