އެމެރިކާގެ ޖޯޖިޔާ ސްޓޭޓުގެ ޕައުޑަރ ސްޕްރިންގްސް އަވަށަށް ނިސްބަތްވާ، ކަޑެން ކޯބްކޭ އަކީ، އުމުރުން އެންމެ ދެ އަހަރުން ފެށިގެން، ކިޑްނީގެ މައްސަލަތަކާ ކުރިމަތިލަމުން އަންނަ ކުއްޖެކެވެ. ތުއްތު އިރުންސުރެ، ދިމާވަމުން އައި މައްސަލަތަކާ ގުޅިގެން، އެންމެ ފަސް އަހަރުގައި، އޭނާގެ ކިޑްނީ އެއް ބަދަލު ކުރަން ޖެހުނެވެ. އޭރު، ކަޑެން އަށް ކިޑްނީ ހަދިޔާކޮށްފައިވަނީ އޭނާގެ ބައްޕައެވެ.

އެހެންނަމަވެސް، ކުޑަ ދުވަސްކޮޅެއް ފަހުން، ކެޑެންގެ ގަޔަށް ލެއްވި ކިޑްނީ މައްސަލަ ޖެހުނެވެ. ބެލި ބެލުންތަކުން އެނގުނު ގޮތުގައި، ކިޑްނީ އޭނާއަށް އެންމެ ފުރިހަމައަށް ނުގުޅެއެވެ. އެހެންކަމުން، އަނެއްކާވެސް ޑައިލަސިސްގެ ވޭންހުރި ކަންތައްތަކާ އަނެއްކާވެސް ކުރިމަތިލާން ޖެހުނެވެ.

މިހާރު ކެޑެންގެ އުމުރުން 12 އަހަރު ފުރިފައިވާއިރު، އަނެއްކާވެސް އޭނާގެ ޙާލަތުވަނީ އެތައް ތަނެއް ދަށަށް ގޮސްފައެވެ. މިކަމުގެ ސަބަބުން، އަނެއްކާވެސް އޭނާ ކިޑްނީ އަކަށް ބޭނުންވިއެވެ. އަދި، ކުރިން އެހެން ކިޑްނީ އެއް އޭނާއާ ގުޅިފައި ނުވާތީ، މިފަހަރު ކިޑްނީ ހޯދުމަކީ އުނދަގޫ ކަމެއްކަމަށް ބުނެ، ޑޮކްޓަރުން އޭނާއަށް އިންޒާރު ދީފައިވެސްވެއެވެ.

އެހެންކަމުގައިވިޔަސް، މިކަމުގައި އެހީތެރިވުމަށް، މީހަކުވަނީ ހެޔޮ ހިތުން އައިސްފައެވެ. އެއީ، ކެޑެން ތައުލީމު ހާޞިލު ކުރަމުންދާ، ޖޯޖިޔާގެ ގްރޭސް އެކެޑަމީގެ ޓީޗަރެކެވެ. މި ޓީޗަރަކީ، ކެޑެން އަށް ކިޔަވައިދޭ ޓީޗަރެކެވެ.

އުމުރުން 44 އަހަރު ވެފައިވާ ވިލިއަމް ވިލްކިންސަން ނަމަކަށް ކިޔާ މި މީހާ، އޭނާގެ ދަރިވަރަށް ކިޑްނީ ހަދިޔާކޮށްފައިވާއިރު، ކުރި ޓެސްޓުތަކުން، ދެ މީހުންގެ ކިޑްނީ ގުޅޭކަމަށް ޑޮކްޓަރުން އަންގާފައިވާކަމަށްވެއެވެ. އަދި، މި ހުރިހާ ކަމެއް ރަނގަޅަށް ގޮސްފައިވާކަމަށް ބުނެ، މި އުފާވެރި ޚަބަރު، ކެޑެންގެ އާއިލާއަށް ދީފައިވަނީވެސް ވިލިއަމް އެވެ.

ކެޑެންގެ ކިޑްނީ، ފެއިލްވެފައިވާއިރު، އޭނާގެ ކިޑްނީ އަށް ޖެހިފައިވަނީ، އާއްމުކޮށް ފެންނަ ބައްޔެއް ނޫންކަމަށްވެސް، ނޫސްތަކުން ބުނެފައިވެއެވެ.