"މުހައްމާ ކަލޯ" މިއީ ދިވެހިންގެ ކަންފަތަށް އާ ނަމެއް ނޫން ކަން ޔަގީނެވެ. މުޙައްމަދު އަބްދުﷲ ނުވަތަ ޢާންމު ނަމުން ނަމަ "މުހައްމާ" ބޮޑަށް މަޝްހޫރުވެފައި ވަނީ ދިވެހިރާއްޖޭގައި އުފެދިގެންދިޔަ މަޝްހޫރު އަދި ކުޅަދާނަ ކޮމީޑިއަންއެއްގެ ގޮތުގައިއެވެ. "ދެކެދެކެވެސް"، "މުހައްމާގެ ބްރީފްކޭސް" ފަދަ މަޤްބޫލު ހެއްވާ މަޖާ ފިލްމުތައް ޕްރޮޑިއުސްކޮށް، އޭގައި އެކްޓް ކޮށްފައިވާ މުހައްމާއަކީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ އިހަވަންދޫ ދާއިރާގެ މެންބަރު ވެސް މެއެވެ. ވީމާ، މުހައްމާއާއި ބެހޭ ވާހަކަތައް މުހައްމާގެ ކާމިޔާބު ފިލްމުތައް ޝައުގުވެރިކަމާއި އެކު ބެލި އެންމެން އަޑު އަހާ ހިތްވާނެ ކަމާ ދޭތެރޭ ޝައްކެއް ނެތެވެ.

ހއ. އިހަވަންދު އަށް އުފަން ރަށް ދެކެ އިންތިހާއަށް ލޯބިވާ މުހައްމާ ވަނީ އޭނާގެ ފުރާވަރުގައި ރަށް ދޫކޮށް މާލޭގެ އެމްއީއެސް ސްކޫލުން ގްރޭޑް 10 ނިންމަވައިފައެވެ. މުހައްމާ މާލެ އައީ ފޮނި އުންމީދުތަކަކާއެކުއެެވެ. ގްރޭޑް 10 ނިންމުމާއެކު، މުހައްމާ ދިޔައީ މަސައްކަތުގެ ދާއިރާއަށް ބާރު ދުވެލީގައި ތައާރަފްވަމުންނެވެ. އޭނާ އެންމެ ފުރަތަމަ ފެށީ ވިޔަފާރި ކުރާށެވެ. މުހައްމާ ހުޅުވި ޓާކޯސް ކެފޭގެ ވިޔަފާރި އަދިވެސް ކުރިއަށް ދެއެވެ. އެއަށްފަހު، އޭނާ ފެށީ ފިލްމީ ދާއިރާގެ މަސައްކަތް ކުރާށެވެ. މިވަގުތު އެކްޓް ނުކުރިޔަސް، މުހައްމާ ދަނީ އަދިވެސް "ދެކެދެކެވެސް ޕްރޮޑަކްޝަން"ގެ ބެނާގެ ދަށުން ކާމިޔާބު ފިލްމު އަދި ސީރީޒްތައް އުފައްދަމުންނެވެ.

މުހައްމާގެ ބޮޑު އާއިލާއަކީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ހިތްވަރު!

ޖުމްހޫރީ ޕާޓީގެ ޓިކެޓަކުން އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އުމުރުން 48 އަހަރުގެ މުހައްމާއަކީ ޕީޕީއެމްގެ ސެނަޓް މެމްބަރެކެވެ. އުމުރުން 28 އަހަރުގައި ގޭ ބަންދު އަދަބު މައާފް ކުރެވުނު ފަހުން، މުހައްމާ ވަނީ ފުރަތަމަ ކައިވެންޏެއް ކުރައްވައިފައެވެ. އެއީ އޭނާގެ ރަށު މީހަކާއެވެ. 2 އަންބަށް ކައިވެނިކޮށްފައިވާ މުހައްމާއަކީ މިހާރު 6 ކުދިންގެ ބައްޕައެކެވެ.

"އަޅުގަނޑަށް ކައިވެންޏަކާއި ހަމައަށް ދެވުނީ ވަރަށް ލަހުން. އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅަށް މިހާރު 16 އަހަރު" މުހައްމާ ވިދާޅުވިއެވެ.

މުހައްމާ "ވަގުތު މައިޒާން"އަށް ވިދާޅުވީ އޭނާގެ ހަޔާތުގައި "މާ ބޮޑެތި އިންވެސްޓްމަންޓްތައް ނެތް ކަމަށާއި" އޭނާއަށް "ކުރެވުނު އެންމެ ބޮޑު އިންވެސްޓްމަންޓަކީ" އޭނާގެ ލޯބިވާ ދަރިންކަމަށެވެ.

"އަޅުގަނޑު މިއީ އަޅުގަނޑުގެ މަންމަގެ 10 ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު. އަޅުގަނޑު ބައްޕަގެ ޖުމްލަ 13 ކުދިން އެބަ ތިބި. އަޅުގަނޑުގެ އާއިލާ އެންމެން އެއް ތަންވެގެން ފޮޓޯއެއް ނަގާލެވުނު ނަމަވެސް، އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" މުހައްމާ ވިދާޅުވިއެވެ.

މުހައްމާ "ވަގުތު"އަށް އިންޓަވިއު ދެނީ--ވަގުތު އިމޭޖަސް: އިބްރާހީމް ޝަބިލް

ކުށެއް ނެތި ޖަލުގައި، ބައްޕަ ނިޔާވިކަން ވެސް އޭނާއަށް އެނގުނީ މާ ލަހުން!

މުހައްމާ ވިދާޅުވީ އޭނާއަށް ސިޔާސީ ދާއިރާއަށް ވަންނަން ގަސްދުކުރެވުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގާނޫނުގައި އޮތް ކަމަކާއި ގުޅިގެން އައި 4 އަހަރުގެ ޖަލު ހުކުމެއްގެ ސަބަބުން ކަމަށެވެ. އެކަން ތަހައްމަލުކުރަންޖެހުމުގެ ސަބަބުން އޭނާ ބޭނުންވީ ގާނޫނު އިތުރަށް ފުރިހަމަކޮށް އެކަށީގެންވާ އިސްލާހުތައް ގެނައުމަށެވެ. އެއީ 2000 ވަނަ އަހަރުއެވެ. އެއިރު އޭނާ އައީ ރާއްޖޭގައި މަޝްހޫރުކަން ހޯދަމުންނެވެ.

އެ މައްސަލާގައި މުހައްމާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައިއިރު، އޭނާ އެކަން ހިނގިގޮތް ކޮންމެވެސް ވަރަކަށް ހިއްސާ ކުރިއެވެ.

"އެނގިހުރެ ނޭނގުމޭ ކިޔާ ގާނޫނެއް. މިއަދު އެ ގާނޫނު ވަނީ ބާތިލުކުރެވިފައި."

އެ ވާހަކަ ހިއްސާ ކުރަމުން މުހައްމާ ވިދާޅުވީ، އެ ދުވަހު އޭނާއާއެކު 38 މީހަކު ޖަލަށްލި ކަމަށެވެ. މުހައްމާ ކިޔައިދެއްވި ގޮތުގައި އޭނާ ދަންނަ މީހަކު އޭރުގައި ވަގު ނޫޓުތައް ގެންގުޅުނެވެ. އެއް ދުވަހަކު އެ މީހާ މުހައްމާ ކައިރިން އެދުނީ 500 ރުފިޔާގެ 3 ނޫޓެއް ބަދަލުކޮށްދިނުމަށެވެ. މުހައްމާ އެކަމަށް އިންކާރު ކުރެއްވީއެވެ. އެ ކުށުގައި ބައިވެެރިނުވިޔަސް، އެ ކުށް ހިނގާކަން ކޮންމެވެސް ވަރަކަށް އެނގުމުގެ ސަބަބުން އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވުނެވެ.

މުހައްމާ ވިދާޅުވި ގޮތުގައި، އޭނާގެ ބައްޕަ މި ދުނިޔެ ދޫކޮށް ދިޔައީ އޭނާ ޖަލުގައި އޮއްވާއެވެ. އޭނާއަށް އެކަން އޭރު ނޭނގެއެވެ.

މުހައްމަދު އަބްދުﷲ (މުހައްމާ)
މުހައްމަދު އަބްދުﷲ (މުހައްމާ)

" ޑޮކްޓަރަށް ދައްކަން ދަތެއްގެ ރިއްސައިގެން އިއްތިފާގުން، މާލެ ގެނައީ ކޯ ވަރަށް ދުޅަވެގެން، ގެނައި ދުވަހުގައި ކަރެކްޝަން ޖިޕުގައި އިންދާ މަންމައާއި އެއްބަނޑު އެއްބަފާ ކޮއްކޮއަކަށް މި ފެންނަނީ އަހަރެންވެސް ހަނާ އަޅާލިތަން ފެނިގެން، ކަރެކްޝަން ދޮރުމައްޗަށް ދުވެފައި އޭނާވެސް އަންނަނީ އެ ޖިޕާއި އެއްވަރަށް އެ ޖިޕުގެ ފަހަތުގައި ހުރެގެން ހަދާ އެއްޗަކުން އެނގިއްޖެ ބައްޕަ ނެތޭ. ބުނެދިނީ އަތުގެ އިޝާރާތުން ބައްޕަ މަރުވެއްޖެކަން" މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ، ކާފަ އާއި މަންމަ އާއި އާއިލާ މީހުންނަށް ޖަލަށް އާދެވުނީ ވެސް މަހެއްހާ ދުވަސް ފަހުން ކަމަށެވެ.

މުހައްމާ އެ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމް އެއްކޮށް ޖަލުގައި ހޭދަކުރަން ނުޖެހުނެވެ. ދެ އަހަރު ދުވަހު އޭނާ ޖަލުގައި ހޭދަ ކުރެއްވުމަށް ފަހު، އެއް އަހަރަށް ދޫކޮށްލީ ގޭ ބަންދަށެވެ. އަނެއް އަހަރު އަދަބު މާފުކޮށްދިނީއެވެ.

ޖަލުގައި ހޭދަ ކުރި ދުވަސްކޮޅުން މުހައްމާގެ ފިލްމީ އަދި ސިޔާސީ ޚިޔާލުތައް!

މުހައްމާ ވިދާޅުވީ، ޖަލަކީ އޭނާއަށް ލިބުނު ފިލާވަޅެއް ކަމަށާއި، އެއީ އޭނާ އުޅެންވީ ގޮތާއި، ސިޔާސީ ވުމުގައިވެސް ކަންކަން އޮތް ގޮތާއި، ޖަލު ތެރޭގައިވެސް ކަންކަން އޮތްގޮތާއި، ގައުމުގެ ވެރިކަން ދާގޮތް ފަދަ ކަންކަން އިހުސާސް ކޮށްލަން ލިބިވަޑައިގަތް ރަނުގެ ފުރުސަތެއް ކަމަށެވެ.

މުހައްމާ އެ ޖަލުގައި އޭރު އޮތީ އެންމެ ބޮޑެތި ކުށްވެރިއެއްގެ ގޮތުގައެވެ. އަދި އޭނާ އުޅުއްވީ ވެސް އެންމެ ބޮޑެތި ކުށްވެރިންނާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް އެތައް ފިލްމެއް ހެދޭ ވަރަށް ވާހަކަތައް އެތަނުގައި ލިބުނުކަމަށާއި، ދިވެހި ފިލްމް "ނިއުމާ" އަކީ އެތަނުން ދިމާވި މީހަކާއި ގުޅުން ހުރި ވާހަކައެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމެއް ކަމަށް މުހައްމާ ވިދާޅުވިއެވެ.

މުހައްމާ އެމްޑީޕީ އަށް ސޮއި ކުރައްވަނީ – ފޮޓޯ: އެމްޑީޕީ
މުހައްމާ އެމްޑީޕީ އަށް ސޮއި ކުރައްވަނީ – ފޮޓޯ: އެމްޑީޕީ

މުހައްމާ ބޭނުންވީ ''ގިނަ ރައްޔިތުން ދާ މިސްރާބަކަށް'' ތާއީދުކުރަން!

މުހައްމާ ވަނީ 4 ފަހަރު މަޖިލިހަށް ކުރިމަތިލައްވައިފައެވެ. އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުނީ ހަތަރު ވަނަ ފަހަރުންނެވެ. އޭރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިހުތިރާމްކޮށް ޝުކުރުވެރިވިޔަސް، އޭނާ ބޭނުންވީ އޭރުގައި އިހަވަންދޫ ދާއިރާއަށްޓަކައި ސަރުކާރާއި އެއްކޮޅަށް މަސައްކަތްކުރާށެވެ. އޭގެ ސަބަބުން، އޭނާ ވަނީ ޖޭޕީއިން ވަކިވެ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.

"އުފަލަކީ އަޅުގަނޑު މިހާތަނަށް ތާއީދުކުރި އެންމެނަށްވެސް އިންތިޚާބު ކާމިޔާބުކުރެވުނު. އަޅުގަނޑު ބޭނުންވީ ގިނަ ރައްޔިތުން ދާ މިސްރާބު އިޚްތިޔާރު ކުރަން" މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ޕީޕީއެމް އިން ވަކިވީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް ދުރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އެމައްސަލައިގައި މުހައްމާގެ ގޮނޑި ގެއްލުނު ކަމަށް ވެސް ނިންމިއެވެ. ނަމަވެސް ދޮޅު އަހަރު ފަހުން އަނެއްކާވެސް މެންބަރުކަން އިއާދަކުރި 12 މެންބަރުންގެ ތެރޭގައި މުހައްމާ ހިމެނުނެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު މުހައްމާ ދެން ގުޅުނީ ވެރިކަން ކުރާ އެމްޑީޕީ އާއިއެވެ. އޭނާ އެމްޑީޕީ އާއި ގުޅުނީ 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށްޓަކައެވެ.

މުހައްމާ ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރަން ތައްޔާރަށް ހުރި ކަމަށެވެ.

މުހައްމާ ޕީޕީއެމް އަށް ސޮއިި ކުރުމަށްފަހު ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މުހައްމާގެ ހަޔާތުގެ ހަމައެކަނި 'ރިގްރެޓަކީ' ގްރޭޑް 10 އަށްވުރެ މައްޗަށް ނުކިޔެވުނުކަން!

"އަޅުގަނޑަށް ލިބުނު ހިތްހަމަޖެހުމެއް އުމުރުން 13 އަހަރުގައި މާލެއަށް އައިސް ގްރޭޑް 10 ނިންމުނުކަން. ކިޔަވާ ހިތުން. އެ ހުވަފެން އެހެން ނަމަވެސް، އަޅުގަނޑު ބޭނުންވީ ހިސާބަކަށް ނުގެންދެވުނު. އެއަށްވުރެ މައްޗަށް ކިޔެވުނު ނަމައޭ ހިތަށް އަރާ" މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ އޭނާގެ ހުރިހާ ކޮއްކޮމެން ދޫކޮށްފައި އެކަނި މާލެއަށް އައުމަކީ ވަރަށް ދެރަވީ ކަމެއްކަމަށެވެ. އޭނާ ބޭނުންވީ ހިސާބަށް ތައުލީމް ހާސިލުނުކުރެވުނު ނަމަވެސް އޭނާގެ 9 ކޮއްކޮމެންނަށް މުހައްމާގެ ބައްޕަ އެކަނިމާއެކަނި ބުރަ މަސައްކަތުން، ރަނގަޅު ފެންވަރުގައި ކިޔެވިގެން ވަޒީފާ ލިބުމަކީ އޭނާއަށް ލިބުނު ހިތްހަަމަޖެހުމެއްގެ ގޮތުގައި މުހައްމާ ސިފަކުރިއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާ މިވަގުތު އޮތީ ރަނގަޅު ފެންވަރެއްގައި ނޫންކަ!

"އަޅުގަނޑުގެ މުޅި ކެރިއަރގައި ފިލްމް އިންޑަސްޓްރީ ދުށް އެންމެ ނިކަމެތި ދުވަސްކޮޅަކީ މިހާރު. މި 5 އަހަރުގެ ދައުރުގައި ފިލްމީ ދާއިރާއަށް ދުވަހަކުވެސް ނުލިބޭ ވަރުގެ ނިކަމެތިކަމެއް ލިބިފައިވަނީ. ކޮވިޑްގެ ސަބަބުން ގެއްލުމެއް އައި. އެއަށްފަހުވެސް ނެތް ކުރިއެރުމެއް ލިބިފައި" މުހައްމާ ވިދާޅުވިއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަން މުހައްމާ ގަބޫލު ކުރައްވައެވެ. މުހައްމާ ވިދާޅުވީ ފިލްމެއް ހެދުމުގައި ބޭނުންވާ އެއްބާރުލުން ލިބެންޖެހޭ މިންވަރަކަށް ނުލިބޭ ކަމަށެވެ. އެގޮތުން، މިސާލެއްގެ ގޮތުގައި ފިލްމެއްގެ މަންޒަރު ނަގަން ހޮސްޕިޓަލް ފަދަ ތަންތަނުން ފަސް މިނެޓްގެ މަންޒަރެއް ނަގާނެ ފުރުސަތެއްވެސް ފަސޭހައިން ނުލިބޭ ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ފިލްމު ރީތިވުމުގައި އުނިކަމެއް އަންނަ ކަމަށް މުހައްމާ ގަބޫލުކުރެއެވެ.

"ރާއްޖޭގައި އެބައޮތް އާޓްސްއަށް ޚާއްސަ ވުޒާރާއެއް. ކޮންކަމެއްތޯ އެތަނުން ކުރަނީ. މިސާލަކަށް ކޮންމެވެސް އެއް އާސާރީ ތަނަކާއި ގުޅުންހުރި މަސައްކަތެއް ކޮށްފާނެ. އޮލިމްޕަހަށް ނެތް ނޫންތޯ މާ ބޮޑު ކުރިއެރުމެއް އައިސްފައި. ހަމަ ރައީސް ވަހީދު ސަރުކާރުގައި އޮތް ގޮތަށް ނޫންތޯ އެތަން އެ އޮތީ، އެއަށްފަހު މާ ބޮޑު ކުރިއެރުމެއް ނާދެ" މުހައްމާ ވިދާޅުވިއެވެ.

މުހައްމާ "ވަގުތު"އަށް ްއިންޓަވިއު ދެނީ--ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ހަމައެއާއިއެކު، މި ގައުމުގައި ތިބީ ވަކި ބޮލީވުޑަށް ދޫނުކުރާ ފެންވަރުގެ ހުނަރުވެރި ގާބިލު ފަންނާނުންކަން މުހައްމާ ވަނީ ފާހަގަ ކުރައްވައިފައެވެ.

މުހައްމާ ވިދާޅުވީ މި ދާއިރާ ކުރިއެރޭނީވެސް ދާއިރާގައި މަސައްކަތްކުރާ ކުދިން ރަނގަޅަށް ތަމްރީންކޮށްގެން ކަމަށެވެ. "އެސޯސިއޭޝަންއިން ސަރުކާރާއި ގުޅިގެން ވަސީލަތް ހޯދައިގެން ކުދިންނަށް ކިޔަވައިދޭން އެބަ ޖެހޭ. އަޅުގަނޑުމެންގެ ފިލްމު އެސޯސިއޭޝަނަށް ބިމެއް އޮންނަން ޖެހޭ. ސްޓޫޑިއޯ އައިލެންޑެއް ބޭނުން އެބަވޭ. މީހުންގެ ގޭގައި ކުޅެގެން ކިހިނެއްތޯ މިލިޓަރީ، ޖަލު ފަދަ މަންޒަރުތައް ކުޅޭނީ. އެބައި ސްކްރިޕްޓުން އުނިކޮށްލަންޖެހެނީ. އެހެން ހެދީމަ ކިހިނެއްތޯ ޑްރާމާގެ ވާހަކަ ފޫބެއްދޭނީ؟" ފިލްމު އެސޯސިއޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތައް ތަފްސީލުކޮށް ކިޔައި ދެއްވަމުން މުހައްމާ ވިދާޅުވީ މި ގޮންޖެހުންތަކަށް ހައްލެއް ލިބިއްޖެނަމަ ދިވެހި ފިލްމުތައްވެސް ބޮލީވުޑްއާ އެއްވަރަށް ފުރިހަމަކުރެވިދާނެކަމަށެވެ.

މުހައްމާ "ލަފްޒު"ގެ ތަރިންނާއިއެކު

މުހައްމާ ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން ފިލްމީ ދާއިރާ ކުރިއެރުވުމަށް އެއްވެސް ވަރަކަށް އެހީތެރިކަމެއް ނުދޭ ކަމަށެވެ.

"ކޮންމެ ސަރުކާރަކުންވެސް އެބަ ޖެހޭ އަތްގާތްކޮށްދޭން. މާދަމާވެސް ފުޓްސަލް މުބާރާތެއް ކަހަލަ އެއްޗެއްވެއްޖެއްޔާ، އެމްޓީސީސީއާއި އެސްޓީއޯ ފަދަ ތަންތަނުން ސްޕޮންސަރ ދޭ. ކީއްވެގެންތޯ ފިލްމީ ދާއިރާއަށް އެ ކުރިއެރުން ނުދެވެނީ؟" މުހައްމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޜަނާ

    ޢިސްލާމްދީނުގަވެސް ކުށެއް ކުރިކަން އެނގިހުރެ އަޅާނުލާ ހުރުމަކީ ކުށެއް ކަން އެސޮރަށް ހަމަ ނޭނގެނީބާ
    ޥަގުން ބުނާނެބާ ވައްކަން ކުރަމޭ

    22
    1
  2. މުލުވގު

    މިމީހުން ކުއް ކުރަން ވެގެން އައިސް ގާނޫނު ތައް އެގޮތް މިގޮތަށް ބަދަލުކުރީ. ސީދާ އެކަމަށް އެއްބސަވެވިފަ މިއޮތީ. މޮޅެތި އިންޓަވިއު ގެނެސް ދެވިދާނެ މަށައްވެސް. އެކަމް މީހަމަ ވަގުން.

    8
    1
  3. ބޯކިބާ

    އާސަންދައިން ހަރަދުކޮށްގެނެއްނޫން އެހެން ގައުމުތަކުގައި ފުޓުބޯޅައާއި ފިލްމުކުޅުންކަހަލަ ކަންކަން ކުރިއަރުވަނީ. ބޮލީވުޑުމީހުން ފިލްމުކުޅޭތަންތަން ހަދަނީ މޯދީތަ.