އިދިކޮޅު ޖިންސުގެ ހިލޭ މީހުންނާ، އަތާ އަތް ޖޯޑުކޮށް ސަލާމް ކުރަން ދެކޮޅު ހެދުމުން، މުސްލިމު ދެމަފިރިންނަށް، ސްވިޓްޒަލެންޑްގެ ރަށްވެހިކަން ދިނުމަށް، އެޤައުމުން ދެކޮޅު ހަދައިފިއެވެ.

ބައެއް މީޑިޔާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، ދެ ޖިންސުގެ، ހިލޭ މީހުންނާ އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަށް ދެކޮޅު ހަދާފައިވަނީ، ރަށްވެހިކަން ދިނުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްކަމަށް ބުނެ ބޭއްވި އެސެސްމަންޓް ބައްދަލުވުމުގެ ތެރެއިންނެވެ.

ސްވިޓްޒަލެންޑްގެ ލައުސޭން ސިޓީގައި މިކަން ހިނގާފައިވާއިރު، ރަށްވެހިކަން ދިނުމަށް ދެކޮޅު ހެދި އިދާރާއަކީ، އެ ސިޓީގެ މުނިސިޕަލް އޮފީހެވެ. މުނިސިޕަލް އޮފީހުން، މިކަމާ ގުޅޭގޮތުން، މީޑިޔާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިކަން ކުރުމުގެ މައިގަނޑު ސަބަބަކީ، އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ، ޖިންސީ ހަމަހަމަކަމަށް، އެދެމަފިރިން އިސްކަން ނުދޭކަން ހާމަވާ ކަމެއްކަމަށް ވާތީއެވެ.

އެފަރާތުން އިތުރަށް ބުނެފައިވަނީ، ސްވިޓްޒަލެންޑުގެ ރައްޔިތުންނަށް ވާ މީހުންނަކީ ނުވަތަ ރަށްވެހިކަން ދެވޭ މީހުންނަކީ، ޖިންސީ ހަމަހަމަކަމަށް ފުރުޞަތު ދޭ ބަޔަކަށް ވާން ޖެހޭނެކަމުގައެވެ.

މުނިސިޕަލް އޮފީހުން، އިއްޔެ މި ނިންމުން ނިންމާފައިވާއިރު، އެތަނުން ވާހަކަ ދެއްކި މީހާ އިތުރަށް ބުނެފައިވަނީ، މުސްލިމު މި ދެމަފިރިންނަށް، ބައެއް ސުވާލުތަކަށް ޖަވާބު ދިނުމަށްވެސް ދަތިވިކަމުގައެވެ. އެހެންނަމަވެސް، އެމީހުންނަށް ދަތިތަކެއް ކުރިމަތިވީ ކޮން ސުވާލުތަކަކަށް ޖަވާބު ދިނުމަށްކަމެއް ހާމަކޮށްފައި ނުވެއެވެ.

މުނިސިޕަލް އޮފީހުން ނިންމާފައިވާ މި ނިންމުން އިސްތިއުނާފު ކުރުމަށް، މި ދެމަފިރިންނަށް 30 ދުވަހުގެ މުހުލަތެއް ލިބިގެންދާނެވެ.

މީގެއިތުރުން، ވަޒީފާގެ އިންޓަވިއުއެއްގައި، އިންޓަވިއު ކުރި ފިރިހެން މީހާއާ އަތާއި އަތް ޖޯޑުކޮށް ސަލާމްކުރަން ދެކޮޅު ހެދި އަންހެނަކަށް ވަޒީފާ ނުދިން މައްސަލައިގައި، ސްވިޑަންގެ ކުންފުންޏަކާ ދެކޮޅަށް ދައުވާކޮށް، އިއްޔެވަނީ އަންހެނަކު ކާމިޔާބު ހޯދާފައެވެ.

މިއީ، ކޮން ޤައުމަކުން ސްވިޓްޒަލެންޑް އަށް ގޮސް، އެޤައުމުގެ ރަށްވެހިކަން ހޯދަން މަސައްކަތް ކުރާ ބައެއްކަންވެސް ހާމަކޮށްފައި ނުވެއެވެ.