ދަރިންނަކީ ﷲ ސުބްޙާނަޙޫ ވަތަޢާލާ އިންސާނަކަށް ދެއްވާ އެންމެ މަތިވެރި ނިޢުމަތެވެ. ދަރިން ނުލިބިގެން އެތަކެއް މަސައްކަތެއް ބައެއް މީހުން ކުރާއިރު، އަނެއްބަޔަކު ދަރިން ލިބުމުން އެމީހުންނަށް އިޙްމާލުވާތަން ފެނެއެވެ. ދަރިން ނުބެލިގެން މަގު މައްޗަށް ދޫކޮށްލާ މައިންނާއި ބަފައިންވެސް މަދެއް ނޫނެވެ. މިއީ އެފަދަ މީހަކަށް އޭނާގެ އަސްލު މަންމައާއި އޭނާ ވިހޭތާ 65 އަހަރު ފަހުން ދިމާވި ގޮތުގެ ވާހަކައެވެ.

ސްޓީވް ޑެނިސްއަކީ މިހާރު އުމުރުން 65 އަހަރުގެ މީހެކެވެ. އެމެރިކާގެ އޮހީނޯގައި ތަނަވެސް ދިރިއުޅުމެއް އޭނާ ދިިރިއުޅެމުން ދިޔަ ނަމަވެސް އޭނާގެ މާޒީއަކީ ހިތި މާޒީއެކެވެ. އޭނާ ވިހޭ ދުވަހު އޭނާގެ މިދުނިޔެއަށް އުފަންކުރި އޭނާގެ މަންމަވަނީ އޭނާ ފޯން ބޫތްއެއް ކައިރީ އެކަނި މައިއެކަނި ދޫކޮށް ލާފައެވެ. އެއީ އޭނާއަށް އަޑުއިވިފައިވިގޮތެވެ.

މީގެ 64 އަހަރު ކުރިން ފޯން ބޫތްއެއް ކައިރިން ދިިރިހުއްޓާ ކުޑަކުއްޖެއް ފެނުނު ވާހަކަ އޭރު އެމެރިކާގެ ބޮޑެތި ނޫސްތަކަށް އެރިއެވެ. މިއާއިއެކު ދަރިންލިބުމުގެ ނިޢުމަތުން މަޙްރޫމްވެފައި ތިބި އެތައް ބަޔަކު އޭނާގެ ބެލެނިވެރިއަކަށް ވުމަށް ކިއު ހަދާލިއެވެ. ނަސީބު ކަންދިމާ ކުރި ގޮތުން ސްޓީވްގެ އައު މަންމައަކަށް ނުވަތަ އޭނާގެ ބެލެނިވެރިކަމާ ހަވާލުވީ ވަރަށްވެސް މުއްސަދި މީހެކެވެ. ޅަފުރާގެ ދުވަސްވަރު އޭނާއަށް ބޭނުންވި ހުރިހާކަމެއް ކޮށްދިން އިރު، ސްޓީވް ބަލަހައްޓަމުން ގެންދަނީ އޭނާގެ އަސްލު މަންމައާއި ބައްޕަކަމެއް ނޭނގެއެވެ. ސްޓީވްއަށް މިކަން ފަޅާއެރީ ސްޓީވްގެ އުމުރުން 18 އަހަރުގައެވެ. އެއާއެކު އޭނާގެ އަސްލު މަންމަ އެންމެ ފަހަރަކު ނަމަވެސް ދެކިލަން ސްޓީވް ބޭނުންވިއެވެ.

އުމުރުން 64 އަހަރުވީއިރު އޭނާއަކަށް މިކަން ވާގޮތެއް ނުވިއެވެ. ނަމަވެސް އޭނާގެ 65 ވަނަ އުފަން ދުވަހު ސްޓީވްގެ ދަރިފުޅު އޭނާއަށް ދިނީ ތަފާތު ހަދިޔާއެކެވެ. އޮންލައިންކޮށް ޑީއެންއޭ ޓެސްޓް ކުރެވޭ ކިޓް އެކެވެ. އޮންލައިންކޮށް ޑީއެންއޭ ޓެސްޓް ހެދުމުން ސްޓީވްއަށް އޭނާގެ އަސްލު އާއިލާގެ މެންބަރަކާއި މެޗްވިވެއެވެ. މިއީ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންގެ ޑީއެންއޭ މެޗްކުރާ ސްއިޓްއެކެވެ.

ސްޓީވްއަށް މެޗްވީ ސްޓީވްއާ ދެބޭން ދެދަރި މީހެއްގެ ޑީއެންއޭ އެވެ. ވަގުތުން އޭނާގެ މަންމައާ ބައްދަލު ކުރުމަށް ސްޓީވް އަވަސްވެގަތެވެ. އޭނާގެ މަންމަ ފެނުމުން ސްޓީވްގެ މޫނުމަތިން އެއްވެސް ރުޅިވެރި ކަމެއް ނެތް އިރު، ސްޓީވްއަށް މިގޮތަށް ހެދުމިގައި އޭނާގެ 86 އަހަރުގެ މަންމަގެ އެއްވެސް ކުށެއް ނެތް ކަމަށް ސްޓީވްގެ މަންމަ ބުންޏެވެ. ސްޓީވްގެ މަންމަ ބުނި ގޮތުގައި ސްޓީވް ފޯން ބޫތްއަކަށް އެއްލާލީ އޭނާއަށް ވަގަށް އޭނާގެ ބައްޕައެކެވެ. އަދި އެކަން ކުރުމަށްފަހު ސްޓީވްގެ ބައްޕަވަނީ ފިލާފައެވެ.

ބޭރުގެ މީޑިޔާއަކަށްދިން އިންޓަރވިއުއެއްގައި ސްޓީވް ބުނެފައިވަނީ އޭނާގެ މަންމަފެނުމުން އުފާވާ ކަމަށާއި އޭނާގެ މަންމަ އާމެދު އެއްވެސް ނަފްރަތެއް ނެތް ކަމަށެވެ.