ގެރިއަކީ، އިންޑިޔާގައި އިންސާނުންނަށްވުރެ ޚާއްޞަ އިސްކަމެއް ދީފައިވާ އެއްޗެކަށްވަނީ ވެފައެވެ. އެގޮތުން، ގެރިއެއް ގެންގުޅޭތަން ފެނިއްޖެކަމުގައިވާނަމަ، އަނިޔާކުރުންވަނީ އިންޑިޔާގައި އާއްމުވެފައެވެ. އެޤައުމުގެ ބައެއް ސަރަޙައްދުތަކުގައި، ގެރިއެއް ކަތިލުމަކީ އުމުރަށް ޖަލަށްލެވޭވަރުގެ ކުށްތަކަށް ވެފައިވާއިރު، ގެރިއަށް އަނިޔާކުރިކަމަށް ބުނެ، އެތައް ބަޔަކު މަރާލާފައިވެސްވެއެވެ.

އެގޮތުން، ގެރިއެއް ވަގަށް ނެގުމުންކަމަށް ބުނެ، އިންޑިޔާގެ ސްޓޭޓެއްގެ އަވަށަކަށް ނިސްބަތްވާ ދެ ޒުވާނަކަށްވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. އެ ޒުވާނުންތަކަށް މި ބޮޑެތި އަނިޔާތައް ދީފައިވާއިރު މުޅި އަވަށުގައި އެކުދިން ގަން ހިންގުވާފައިވެއެވެ.

"އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި ދިލްޝަދު އަދި ޝާހް ރުކް ނަމަކަށް ކިޔާ ދެ ޒުވާނުން މަސައްކަތް ކުރަމުން ދިޔައީ، މީހެއްގެ އަތުން ގަނެފައިވާ ގެރިތަކެއް އެހެން ތަނަކަށް ގެންދިއުމަށެވެ. އެމަސައްކަތް ކުރުމުގައި އެމީހުން މަސްއޫލުވެ އުޅެނިކޮށް، ގެރީގެ ހިމާޔަތުގައި މަސައްކަތް ކުރާ ގުރޫޕެއް އައިސް، އެމީހުންނާ ވަނީ ކުރިމަތިލައިފައެވެ.

މި ގުރޫޕުގެ މީހުން އައިސް ކުރިމަތިލައި، ދިލްޝަދު އަދި ޝާހު ރުކް އަށް ބޮޑެތި އަނިޔާތަކެއް ދޭން ފެށިކަމަށް، އިންޑިޔާ ޓައިމަސް ނޫހުން ބުނެފައިވެއެވެ. އެގޮތުން، ފަޓުލޫނު ކަމަރާއި ދަނޑި ބޭނުންކޮށްގެން، އެކުދިންނަށް އަނިޔާ ދިންކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ބުނެފައިވެއެވެ. އަދި، ފަހުންވަނީ އެކުދިން ގަން ހިންގުވާފައެވެ.

އުއްތަރަ ޕްރަދޭޝްގެ އަވަށެއްގައި މިކަން ހިނގާފައިވާއިރު ފަހުންވަނީ އެސަރަޙައްދަށް ފުލުހުން އައިސްފައެވެ. ފުލުހުން އައިސް މައްސަލަ ބެލުމަށްފަހު، ޒުވާނުންނަށް އަނިޔާކުރުމުގައި އިސްކޮށް ހުރި މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި، މިކަމުގައި ޝާމިލުވާ އެހެން ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުކޭ

    އަދިމިވެރިން އެބައުޅެޔޭ މިގައުމަށް ދަޑިބާނަން