އިންޑިއާގެ ކެރެލާގައި ހާލުގައި ޖެހިފައިވާ އެތައް ހާސް ރައްޔިތުންތަކެއް އެބަތިއްްބެވެ. ކާނާއާ ބޯފެން ލިބުމުގައި ދަތިވެފައިވާ ރައްޔިތުންތަކެއް އެބަތިއްބެވެ. އަދި އެ ހިސާބުގަނޑުގެ ބައެއް ތަންތަނުގައި ކަރަންޓެއްވެސް ނެތެވެ. އެ މީހުންނަށް އެހީވުމަށް މުޅި އިންޑިއާ ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ހިސާބުގައި ކަރަންޓް ނެތި ހާލުގައި ޖެހެމުންދާ މީހުންނަށް ގުޅޭނެ އެއްވެސް މަގެއް ނެތި އުޅެން ޖެހުނުއިރު، އެ މީހުންގެ ފޯން ޗާޖް ކުރުމަށް އެހީވެފައި މި ވަނީ ކެރެލާގެ ކޮލެޖެއްގެ ކުދިންތަކެކެވެ.

އެ ކުދިން ހެދި ޕަވާބޭންކްތަކުގެ އެހީގައި ފޯން ޗާޖް ކުރުމުގެ ކަންތައް ދަނީ ކުރިއަށެވެ.

އެ ޕަވާބޭންކްތައް ހަދާފައިވަނީ އޭއޭގެ 5 ބެޓަރީ އާއި ދެ ކާޓްރިޖް ބޭނުންކޮށްގެންނެވެ. އެ ކޮލެޖްގެ ކުއްޖަކު ބުނިގޮތުގައި، އެ ޕަވާބޭންކްތައް ބޭނުން ކުރަމުން ދަނީ ހާއްސަ އެމަޖެންސީ ހާލާތްތަކުގައި އެކަންޏެވެ. އަދި އެ ޕަވާބޭންކްތަކުން ޗާޖަށް ޖަހައިގެން މާގިނައިރުވަންދެން އިނުމަކީ ފޯން ހަލާކުވެދާނެކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ޕަވާ ބޭންކްތަކުން ކޮންމެ ފޯނެއްވެސް 10 ޕަސެންޓާއި، 15 ޕަސެެންޓާއި ދެެމެދުގެ ޕަސެންޓަކަށް ޗާޖް ކުރެވޭއިރު، އޭގެން ގަޑިއެއްހާއިރުވަންދެން ޗާޖް ހިފަހައްޓާނެއެވެ.

މިހާރުވެސް މީގެ 300 އެއްހާ ޕަވާބޭންކް، ކެރެލާގައި ހާލުގައި ޖެހެމުންދާ މީހުންނަށް އެހީވުމުގައި އުޅޭ ސަރުކާރު މީހުންނަށް ބަހާފައިވާކަަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ޕަވާ ބޭންކްތައް ނުލިބޭ މީހުންނަާއި ހަމައަށް އެ ގެންދަނީ ހެލިކަޕްޓަރުތަކުގެ އެހީގައިކަމަށް ވެއެވެ.