އެމެރިކާގެ ކެލިފޯނިއާގައި މަސްތުވާތަކެތި ވިއްކަން އުޅުނު 15 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރު ކުރަން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެކުއްޖާގެ މަންމަ އާއި މަންމަގެ ލޯބިވެރިޔާ ވެސް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވަނީ މިއޮޕަރޭޝަންގައި 36 ކިލޯގެ ބަރުދަނުގެ ކެނަބިސް އަތުލައިގެންފައެވެ. ފުލުހުން ބުނީ ނޯމާ އެންޖެލިއާ އާއި ޖޯސް ރޭސް ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އެމީހުން ދިރިއުޅޭ ގެ ފާސްކުރިއިރު މަސްތުވާތަކެތި ރައްކާކޮށްފައި ހުރީ ނޯމާ ނިދާ އެނދުގެ ދަށުގައި ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި ނޯމާ ވަނީ އޭނާގެ ފުރާވަރު އުމުރުގެ އަންހެން ދަރިފުޅަށް މަޖުބޫރު ކޮށްގެން މަސްތުވާތަކެތި ވިއްކަން މަގުމައްޗަށް ނެރެފައެވެ. އަންހެން ކުއްޖާ މަގުމަތީގައި މަސްތުވާތަކެތި ވިއްކަން އުޅޭއިރު އެތަކެތި ރައްކާކޮށް، އެތަކެތި ވަކިން ބަންދުކޮށް ވިއްކަން ތައްޔާރު ކުރުމުގެ މަސައްކަތް ކުރަނީ ނޯމާ އާއި އޭނާގެ ލޯބިވެރިޔާ ޖޯސް އެވެ.

"އަޅުގަނޑުމެންގެ ތަޙްޤީޤަށް މިހާތަނަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ވަކިން ބަންދުކޮށް، އެތަކެތި ވިއްކަން ދަރިފުޅާއި ހަވާލު ކުރަނީ އެކުއްޖާގެ މަންމަ." ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތެކތީގެ އިތުރުން އެތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާ އާއި އެތަކެތި ބަންދު ކުރުމަށް ބޭނުންކުރާ އެއްޗެހި ވެސް ފުލުހުން ވަނީ ނޯމާގެ ކޮޓަރިން ހޯދާފައެވެ.

ނޯމާ އާއި ޖޯސް ހައްޔަރުކޮށް އެމީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ. އެމީހުންގެ މައްޗަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ކުޑަ ކުއްޖަކު ބައިވެރި ކުރުމުގެ ދައުވާ އުފުލާފައެވެ.

މިމައްސަލައިގައި ހިމެނޭ 15 އަހަރުގެ ކުއްޖާގެ މައްޗަށް އަދި ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު