ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެތަށް ބައެއް ދުނިޔޭގައި އުޅޭއިރު ގިނަ މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލޯބީގެ ގުޅުން ގިނަ ދުވަހަކަށް ދެމިގެން ނުދިޔުމެވެ. ދިމާވާ އެކި ސަބަބުތަކާއި ހުރެ ލޯބީގެ ގުޅުން ނިންމާލަން ޖެހޭ ފަހަރު ވަރަށް ގިނައިން އާދައެވެ. ސައިކޮލޮޖިސްޓުންގެ ނަޒަރުގައި ލޯބީގެ ގުޅުން ނިންމާލަން ޖެހޭ ނުވަތަ ނިމުމަކަށް އަންނަ އެންމެ ބޮޑު ސަބަބަކީ އެކަކު އަނެކަކަށް އިތުބާރު ނުކުރުމެވެ. އެހެންކަމުން ލޯބިވެރިޔާ ތިމާއަށް އިތުބާރު ނުކުރާކަން ދެނެގަންނާނެ ބައެއް ގޮތްތަށް ތިރީގައި އެވަނީއެވެ.

ގިނަ ވަގުތު އެކުގައި އުޅެން ބޭނުންވުން

ލޯބިވެރިޔާ ތިމާއަށް އިތުބާރު ނުކުރާނަމަ ގިނަ ވަގުތު އެކުގައި އުޅެން ބޭނުންވާނެއެވެ. އެއީ ލޯބިވެރިޔާގެ ހިތުގައި ތިމާއާއި މެދު ޝައްކު އުފެދޭ ކަންތަށްތަކެއް ހުރުމުގެ ސަބަބުންނެވެ. އަދި ލޯބިވެރިޔާއަށް ތިމާ ވޭބަފާތެރިވެދާނެކަމުގެ ބިރަށްޓަކައެވެ.

އާއިލާގެ މީހުންނާއި އެކުގައި ވަގުތު ހޭދަކުރުމުން ރުޅިއައުން

އާއިލާގެ މެންބަރުންނާއި އެކު ވަގުތު ހޭދަކުރުމުން ލޯބިވެރިޔާ ތިމާ ދެކެ ރުޅިއަންނަނީ ނަމަ އެއީ ލޯބިވެރިޔާ ތިމާއަށް އިތުބާރު ނުކުރާ ކަމުގެ ނިޝާނެކެވެ. އަދި އެކަމުގެ ސަބަބުން ފަހަރުގައި އާއިލާއާއި މެދު ހަސަދަވެރިވުމުގެ ފުރުސަތުވެސް ބޮޑެވެ.

ތިމާގެ ބުނުންތަކަށް ކިޔަމަން ނުވުން/ ސަމާލުކަން ނުދިނުން

ތިމާގެ ބަސްތަކަށް ނުވަތަ ތިމާ ކުރާ ކަންކަމަށް ލޯބިވެރިޔާ ސަމާލުކަން ނުދޭނަމަ އެއީ ލޯބިވެރިޔާ ތިމާއަށް އިތުބާރު ނުކުރާ ކަމުގެ ހެއްކެކެވެ. އަދި އެކަމުގެ ސަބަބުން ލޯބީގެ ގުޅުން ހީނަރުވެދެއެވެ.

ޝައްކު ކުރުން

މާ ގަދައަށް ޝައްކު ކުރުމަކީވެސް އިތުބާރު ނުކުރާ ކަމުގެ ނިޝާނެކެވެ. އެހެނީ އިތުބާރު ނުކުރާ ނަމަ ތިމާ އުޅޭ ގޮތާއި ތިމާ ނުކުރާ ކަންކަންވެސް ތިމާކުރިއޭ ލޯބިވެރިޔާ ހިތަށް އަރާފާނެއެވެ. އަދި ތިމާ ތެދު ބުންޏަސް އެއީ ދޮގެކޭ ހީވުން ފަދަ ކަންކަން ވެެސް ކުރިމަތިވެދާނެއެވެ.