ފައިސާ އަކީ ދުނިޔޭގައި މީހުން މޮޔަ ކޮށްލާ އެއްޗެއްކަމަށް ބުނެ އުޅެއެވެ. އެއީ، މިތުރުން ހަތުރުންނަށް ހަދާ އެއްޗެއްކަމަށްވެސް ބުނެ އުޅެއެވެ. އެހެންނަމަވެސް، މިގޮތަށް ކަންތައްވަނީވެސް، ބައެއް ފަހަރު ކަންތައް ކުރެވޭ ގޮތުންނެވެ. ކަންތައް އޮންނަންވާ ގޮތް ނޫން އެހެން ގޮތަކަށް ކަންތައް ކުރެވޭތީއެވެ.

ފައިސާގެ މައްސަލަތަކުގައި، ދުނިޔޭގެ އެތަން މިތަނުގައިވެސް ވަރަށް ހިތާމަވެރި ޙާދިސާތައް ހިނގާފައިވެއެވެ. އެގޮތުން، މިއީވެސް ހަމަ އެފަދަ ކަމެކެވެ.

ދާދިފަހުން، އަވަށްޓެރި އިންޑިޔާގެ ވެރިކަން ކުރާ ނިއު ދިއްލީގެ ކަލްޔާންޕޫރީ އަވަށުގައި، އެންމެ 500 ރުޕީސްގެ މައްސަލައެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވެއެވެ. އަމިއްލަ އަތުން، ލޯނެއްގެ ގޮތުގައި ދިން 500 ރުޕީސް އަނބުރާ ހޯދުމަށް ދިއުމުން ބަދަލުގައި ހަށިގަނޑުގެ 12 ތަނަކަށް ވަޅި ހަރާ މަރާލީއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި، ޝާހު ރުކް ނަމަކަށް ކިޔާ މީހަކުވަނީ، މުކޭޝް ނަމަކަށް ކިޔާ މީހެއްގެ ގެއަށް ގޮސްފައެވެ. ޝާހު އެގެއަށް ގޮސްފައިވަނީ މީގެ މަހެއްހާ ދުވަސްކުރިން، މުކޭޝްގެ އަންހެނުންނަށް ދިން 500 ރުޕީސް އަނބުރާ ހޯދުމުގެ ބޭނުމުގައެވެ. އެވަގުތު މުކޭޝް ގޭގައި ނެތްކަމުގައިވިޔަސް، ފައިސާގެ ބަދަލު ހޯދަން ޝާހު އެގެއަށް ދިޔަ ވާހަކަ މުކޭޝްގެ އަންހެނުން ބުނެފައިވެއެވެ.

ކަންތައް ގޯސްވެގެން ދިޔައީ އެހިސާބުންނެވެ. މުކޭޝްވަނީ އިތުރު ދެ މީހަކު ގޮވައިގެން ޝާހު ހުރުތަނެއް ބެލުމަށްފަހު ގޮސް، އޭނާއަށް އެތައް އަނިޔާއެއް ކުރަން ފަށާފައެވެ. މުކޭޝްއާއެކު ދިޔަ އެކަކު ނަމަކީ ހާލިދު ކަމަށްވާއިރު ދެން ހުރީ 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ.

ތިން މީހުންވެގެން ޝާހަށްވަނީ އެތައް އަނިޔާއެއް ކޮށްފައެވެ. އެގޮތުން، އޭނާގެ މެޔަށާއި ބަނޑަށް އަދި ކަރަށްވަނީ 12 ފަހަރު ވަޅިން ހަމަލާ ދީފައެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ޝާހަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނަކީ، ކުރިންވެސް އެކި ކުށްތައް ކުރުމުގެ ރިކޯޑު އޮންނަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު