ދަރިން ލިބުން މަހުރޫމްވެފައި ތިބޭ މީހުން ކުރާ ހިތާމަ ވަރަށް ބޮޑެވެ. އެ ނަސީބު ދުނިޔެ މަތީގައި ނުލިބި ރޮއެ ރޮއެ އުޅޭ މީހުންވެސް މަދެއް ނޫނެވެ. އެ މީހުން ދަރިއަކު ލިބޭތޯ އެތައް މަސައްކަތެއް ކުރެއެވެ.

މިއީވެސް އެ ހިތާމަ ކުރަމުންދިޔަ އިންޑިއާގެ ޖަމްނަގަރްއަށް ނިސްބަތްވާ އަންހެނެކެވެ. ކޮންމެ ފަހަރަކު މާބަނޑުވާއިރަށް ބައިގެން ދަނީއެވެ. އެތައް ދުވަހެއްގައި އެ ވޭނުގައި އުޅެފިއެވެ. 22 ފަހަރެއްގެ މަތިން އައިވީއެފް ހެދިއެވެ. 10 ފަހަރަށް ބައިގެން ދިޔައީއެވެ.

އެހެން ނަމަވެސް އޭނާ ހިތްވަރުކުރިއެވެ. މިއީ ލޯޔަރެކެވެ. އުމުރުން 36 އަހަރު ފުރިފައިވާ ޝީތާގެ މިހާރު ދަރިއަކު އެބަހުއްޓެވެ.

ޝީތާ ބުނިގޮތުގައި، މިދިޔަ އަހަރު 100 އަށްވުރެ ގިނަ ފަހަރުމަތިން އޭނާގެ ހަށިގަނޑަށް އިންޖެކްޝަން ޖެހިއެވެ. ވަރަށް ތަދުވިއެވެ. މިހާރު އޭނާއަކީ ލޯބިލޯބި އަންހެން ކުއްޖެއްގެ މަންމައެވެ.

މާހިރުން ބުނާގޮތުގައި، ދޭއް ނޫނީ ތިން ފަހަރަށް އައިވީއެފް ހަަދައިގެން ދަރިއަކު ނުލިބުމުން މީހުން އެކަން ހުއްޓާލައެވެ. ނަމަވެސް ޝީތާ ބުނީ، އޭނާ އެއްވެސް ވަރަކަށް އުއްމީދު ކަނޑާނުލާކަމަށެވެ. ކޮންމެ ފަހަރަކު ފެއިލްވުމުން އަލުން އާ ހިތްވަރާއެކު ފަށައިގަންނަނީ ކަމަށް އޭނާ ބުންޏެވެ.

އެ ދަރިފުޅަށް މިހާރު ވަނީ ނަން ވެސް ކިޔާފައެވެ. ޕަންކިތްގެ ނަމުން އެ ކުއްޖާއަށް ނަންދިންއިރު، ދަރިއަކު ލިބޭތޯ ޝީތާ ވޭނުގައި އޭނާ އުޅުނު ދުވަސްތަކުގެ ވާހަކަ އޭނާ ދެއްކިއެވެ. ޝީތާ ބުނިގޮތުގައި، އޭނާގެ ހުރިހާވެސް ހިތްވަރަކީ ފިރިމީހާއެވެ. ބޭންކްގައި މަސައްކަތް ކުރަމުންދާ ފިރިމީހާ ދެމުންގެންދާ ސަޕޯޓަކީ ވޭނުގައި އެހާ ދުވަސްވަންދެން އޭނާއަށް އުޅުމުގެ ނަސީބު ކަމަށް އޭނާ ދެކެއެވެ.

2006 ވަނަ އަހަރު ކައިވެނި ކުރިއިރު، އެއިރު ޝީތާއަށް ދަރިން ލިބުމުގައި މައްސަލަތަކެއް ހުންނަކަމެއް ނޭގެއެވެ. ނަމަވެސް ކައިވެންޏަށް ތިން އަހަރު ވީއިރުވެސް ދަރިއަކު ލިބިފައި ނުވާތީ ޑޮކްޓަރަށް ދެއްކުމުން އެނގުނުގޮތުގައި، ޝީތާގެ ރަހިމުގައި މައްސަލައެއް ހުރިކަމެވެ. އެހެންވެ އައިވީއެފް ޓްރީމެންޓް ނަގަން ފެށީއެވެ.

ޝީތާ ވިހާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ދެ މައިންގެ ހާލުވެސް ރަނގަޅެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙފ

    މިސްކެރިއޭޖް އޭ ކިޔާބަލަ

  2. ނަންްްްްް

    އެއީ ރުގުޔާ ކިޔަވައިގެން ވީ ކަމެއް

    • ބަނަސް

      ނަން ދޯ ރުޤުޔާ ކޮށްދިނީ؟؟؟ވަރަށް ހީވޭ އެހެންހެން...