ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެމިލީ އޮލިވިއާ ލައުރާ ބްލަންޓަ އެކްޓިންގ މެދުކަނޑާލަން އުޅޭ ކަމަށް އިއުލާންކޮށްފިއެވެ.

އިނގިރޭސިވިލާތުގެ އެކްޓަރ އެމިލީ ބުނީ މި އަހަރުގައި އޭނާ ބްރޭކެއް ނަގަން ގަސްދުކުރަނީ އާއިލާއަށް ގިނަ ވަގުތު ދިނުމަށްޓަކައި ކަމަށެވެ.

ފިރިމީހާ ޖޯން ކްރަސިންސްކީއާއިއެކު ލިބުނު ދެ ކުދިންގެ ބެލެނިވެރިއެއް ކަމުގައިވާ އެމިލީ މި ޚަބަރު އިއުލާންކުރީ ހޯމަ ދުވަހު ދެއްކި "ޓޭބަލް ފޯ ޓޫ" ޕޮޑްކާސްޓްގައެވެ. އޭނާއެކޭ އެއްގޮތަށް ފިރިމީހާ ޖޯން ކްރަސިންސްކީއަކީވެސް ފިލްމީ ތަރިއެކެވެ.

މަންމައަކަށް ވުމުން ކެރިއަރު މެނޭޖްކުރާ ގޮތާ މެދު ޕޮޑްކާސްޓް ހޯސްޓް ބްރޫސް ބޮޒީ ސުވާލު ކުރުމުން ބްލަންޓް ބުނީ "އަބަދު ރަނގަޅަކަށް ބެލެންސް ނުކުރެވޭ ކަން އިނގޭ. މީހުން އަހާ، ކިހިނެއްހޭ ބެލެންސް ކުރާނީ؟. އަހަރެންނަށް ދުވަހަކުވެސް އެކަން ރަނގަޅަށް ކުރެވޭހެން ހިއެއް ނުވޭ، އަހަރެންނަށް އެކަން އިހުސާސުވޭ. އެހެންވެ މި އަހަރު އަހަރެން މަސައްކަތެއް ނުކުރާނަން.". ބްލަންޓް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ބްލަންޓްއާއި ކްރަސިންކީގެ ދެ އަންހެން ދަރިން ކަމަށްވާ، ހޭޒަލްއާއި ވަޔޮލެޓް ވިހެއުމަށް ފަހު ބްލަންޓް ކުރި މަސައްކަތްތަކުގެ ތެރޭގައި "އަ ކުއަޔަޓް ޕްލޭސް" ސިލްސިލާގެ ދެ ފިލްމާއި، "މޭރީ ޕޮޕިންސް" އާއި ޓީވީ މިނީ ސީރީސް "ދަ އިންގްލިޝް" ހިމެނެއެވެ.

އޭނާ ކޮށްފައިވާ މަސައްކަތަކަށް ދެން އެންމެ އަވަހަށް ނެރުމަށް ހަމަޖެހިފައިވަނީ " އާޕަންހެއިމާ" އެވެ.

އޭނާއަކީ އެވޯޑްތަކަށް ނޮމިނޭޓްވުމުގެ އިތުރުން ބައެއް އެވޯޑްތައް ހާސިލްކޮށްފައިވާ ފަންނާނެކެވެ. އެގޮތުން ބްރިޓިޝް އެކަޑަމީ ފިލްމް އެވޯޑަށް ނޮމިނޭޓް ވިއިރު، ގޯލްޑަން ގްލޯބް އެވޯޑާއި ސްކްރީން އެކްޓާސް ގިލްޑް އެވޯޑް ފަދަ ގިނަ އެވޯޑްތަކެއް އޭނާ ވަނީ ހާސިލްކޮށްފައެވެ.