މޭގަން މާކެލް ޕްރިންސް ހެރީ އާއި ކައިވެނި ކުރިފަހުން މޭގަންގެ ބައްޕަ އާއި މޭގަންގެ އާއިލާ މެންބަރުން މޭގަން އަށާއި ޝާހީ އާއިލާ އަށް ފާޑުކިޔަމުންދާ ހަޤީޤީ ސަބަބު އެ އާއިލާ އިން ހާމަކޮށްފިއެވެ.

މޭގަންގެ އާއިލާގެ އެންމެ ބޮޑު ޝަކުވާއަކީ ކޭޓް މިޑިލްޓަންގެ އާއިލާ އާއިމެދު ޝާހީ އާއިލާ އިން ކަންތައް ކުރި ގޮތައް މޭގަންގެ އާއިލާ އާއި މެދު ކަންތައް ނުކުރުން ކަމަށް މޭގަންގެ ބޭބެ ވަނީ މިދިޔަ އަންގާރަ ދުވަހު ބުނެފައެވެ.

"ކޭޓް އަކީ ވެސް ޝާހީ އާއިލާ އަށް ބޭރުން އައި މީހެއް. އަހަރެންނަކަށް ނުފެނޭ އަހަރެމެންގެ އާއިލާ އާއި ކޭޓް އާއިލާ އާއި ދެމެދު ހުރި ތަފާތެއް." މޭގަންގެ ބޭބެ ތޯމަސް މާކެލް ޖޭއާރް ބުންޏެވެ.

ޖޭއާރް ބުނީ ޝާހީ އާއިލާ އިން މޭގަން އާއި ޕްރިންސް ހެރީގެ ގުޅުން މާކުރިން މީޑިއާ އަށް ހާމަކޮށް އެކަމާއި ބެހޭ ބަޔާންތައް ނެރުނު އިރުވެސް މޭގަންގެ އާއިލާ އަށް ސަމާލުކަމެއް ނުދިން ކަމަށެވެ.

"މޭގަން އާއި ޕްރިންސް ހެރީގެ އެންގޭޖްމެންޓް ވެސް އެތައް ދުވަހެއް ކުރިން ހާމަ ކުރި. ކައިވެންޏަށް ތައްޔާރުވަމުން ދިޔައިރު ކޭޓްގެ އާއިލާ އާއި ޝާހީ އާއިލާއިން ބޭއްވި ގުޅުން އެމީހުން އަހަރެމެންނާއި މެދަކު ނުބާއްވާ." ޖޭއާރް އިތުރަށް ބުންޏެވެ.

2011 ވަނަ އަހަރު ޕްރިންސް ވިލިއަމް އާއި ކޭޓްގެ ކައިވެނި ކުރިއިރު އެހަފްލާ އަށް ކޭޓްގެ ބޮޑުބޭބެ އާއި އާއިލާގެ އިތުރު މެންބަރުންނަށް ވެސް ދައުވަތު ދިނެވެ. ނަމަވެސް މޭގަންގެ ކައިވެނީގެ ހަފްލާ އަށް ދައުވަތު ދިނީ ހަމައެކަނި މޭގަންގެ މަންމަ އާއި ބައްޕަ އަށެވެ. ބައްޕަގެ ބަލިހާލަތު ހުރި ގޮތުން އެހަފްލާގައި އޭނާ ބައިވެރިއެއް ނުވެއެވެ. އެހެންކަމުން މޭގަންގެ ކައިވެނީގެ ހަފްލާގައި އޭނާގެ އާއިލާގެ ފަރާތުން ބައިވެރިވީ މަންމަ އެކަންޏެވެ.