ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު އެއް މީސް މީޑިއާ ޕްލެޓް ފޯމަކީ ފޭސްބުކް އެވެ. ފޭސްބުކް ބޭނުންކުރާ 2.23 ބިލިއަން މީހުން އުޅޭކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ފަނޑުވުމެއް ނެތް ގޮތުގައި ފޭސްބުކްއަށް އޮންނަ ޝައުގުވެރިކަން ނުވަތަ ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު އިތުރު ކުރުމަށް ފޭސްބުކްއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

ދާދި ފަހުން ފޭސްބުކް އިން މިވަނީ އަނެއްކާވެސް ފޭސްބުކްގެ ނިއުސް ފީޑްއަށް ބޮޑު ބަދަލެއް ގެންނާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އެގޮތުން އެހެން މީހުންނަށް އުނދަގޫވާނެ ފަދަ އަދި މުޖުތަމައު ބަލައި ނުގަންނަ ފަދަ ބައެއް ޕޯސްޓްތަކާއި އަހުލާޤީ ގޮތުން ދަށް ފެންވަރުގެ ޕޯސްޓްތަކާއި އެއްވެސް މައުލޫމާތެއް ނުލިބޭ ބައެއް ލިޔުންތަކާއި ދޮގު ހަބަރުތަށް ފޭސްބުކްގެ ނިއުސް ފީޑް އިން ނުފެންނަ ގޮތް ހަދާނެ ކަމަށް ފޭސްބުކް އިން ބުނެއެވެ.

އަދި މި ނިންމުން ނިންމަން ޖެހުނީ އެއްވެސް މަސްދަރެއް ނެތް އަދި އެއްވެސް ހަޤީގަތެއްނެތް އެތަކެއް ޕޯސްޓެއް ފޭސްބުކް މެދުވެރިކޮށް ގިނަ އަދަދެއްެގެ ބަޔަކު ހިއްސާ ކުރަމުން އަންނާތީ ކަމަށްވެސް ފޭސްބުކް އިން ބުނެއެވެ.

ފޭސްބުކްގެ އާ އަޕްޑޭޓް އާއި އެކު ފޭސްބުކް ބޭނުންކުރާ މީހުންގެ ނިއުސްފީޑް އަށް ބަދަލުތަކެއް އަންނާނެ ކަމަށާއި ފޭސްބުކް ބޭނުންކުރާ މީހުންގެ ނިއުސްފީޑަކީ މައުލޫމާތުން ފުރިގެންވާ އެއްޗަކަށް ވެގެންދާނެ ކަމުގައި ފޭސްބުކް އިން ބުނެއެވެ.

ފޭސްބުކް އިން ވަނީ ދާދި ފަހުންވެސް ނިއުސް ފީޑަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބައެއް ކަހަލަ ޕޯސްޓްތަށް ނުފެންނަ ގޮތް ހެދުމާއި ތިމާއަށް އުނދަގޫ ކުރާ ފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށް "ބަޓަން" އެއް ވަނީ ތައާރަފްކޮށްފައެވެ. އަދި ލައިކްގެ ބަދަލުގައި ފޮޓޯތަކަށް ރިއެކްޓް ކުރެވޭނެ ގޮތްވެސް ވަނީ ތައާރަފްކޮށްފައެވެ.