"ދަ ސުއިޓް ލައިފް އޮފް ޒެކް އެންޑް ކޯޑީ" އިން މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ފިލްމީ ތަރި ޑިލާން ސްޕްރައުސް ކައިވެނިކޮށްފިއެވެ. ޑިލާން ކައިވެނިކުރީ ހަންގޭރީގެ މޮޑެލް ބާބަރާ ޕެލްވިންއާއިއެެވެ.

ބާބަރާއާއި ޑިލާން ކައިވެނިކުރީ އޭނާގެ އުފަން ގައުމު ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައިއެވެ. މި ދެމީހުން ކައިވެނިކުރީ މި އަހަރުގެ މާޗްގައި އެންގޭޖްމަންޓް އިއުލާންކުރި ފަހުންނެވެ. ޑިލާން އާއި ބާބަރާ ވަނީ ހަންގޭރީގައި ބޭއްވި ކައިވެންޏަށްފަހު އެހެން ތަނެއްގައި އަދި އެއްފަހަރު ކައިވެނީގެ ރަސްމިއްޔާތެއް ބާއްވަން ތައްޔާރުވެފައިތިބި ކަމަށްވެސް އިއުލާންކޮށްފައެވެ.

ޑިލާން، 30 ބާބާރާ، 29 އާއި ކައިވެނިކުރީ ފަސް އަހަރު ވަންދެން ރައްޓެހިވެގެން ތިބުމަށްފަހުއެވެ. ޑިލާން އެންމެ ފުރަތަމަ ބާބަރާއާއި ވާހަކަދައްކަން ފެށީ މީސް މީޑިއާއިން ޑީއެމް ކުރުމަށްފަހުއެވެ. އެއީވެސް ބާބަރާ އޭނާއަށް ފޮލޯ ކުރުމާއި ގުޅިގެންނެވެ.

ބާބަރާއާއި ޑިލާންއަކީ ހޮލީވުޑްގައި އެންމެ ގިނަ ދުވަހު ބޮޑެތި މައްސަލަ ނުޖެހި އެކީގައި އުޅެވުނު ވަރަށް މަދު ޖޯޑުންގެ ތެރެއިން އެއް ޖޯޑެވެ. ބާބަރާ ބުނީ ޑިލާންއަކީ އޭނާއާއީ ދިމާވި އެންމެ އަޅާލުން ބޮޑު އަދި އެހާމެ އޯގާތެރި ފިރިހެނެއްކަމަށެވެ.

ޑިލާން ބުނީ ބާބަރާ ހަ މަސް ދުވަހު އޭނާއަށް މެސެޖް ނުކޮށް ހުރެފައި 2018 ވަނަ އަހަރުގައި އޭނާއާއި ބައްދަލުކުރަން ޗައިނާއަށް ދަތުރުކުރި ކަމަށެވެ. އޭރު ޑިލާން ހުރީ ފިލްމެއް ޝޫޓްކުރާށެވެ. އެއަށްފަހު، އެ ދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ.