މިއީ އުމުރުން 12 އަހަރުގެ ސުމްހާދް ޓުންގަރާއެވެ. އޭނާއަކީ އެހެން ކުދިންނާއި ތަފާތު ކުއްޖެކެވެ. އުފެދުމުގައިވެސް ދެ އަތް ނެތެވެ. އެހެން ނަމަވެސް އެތައް ބަޔަކު ހައިރާންކޮށްލާނެ ފަދަ ފަސޭހަކަމާއެކު ފައި ބޭނުން ކުރަނީ ލިޔުމަށާއި، ކެެއުމަށެވެ.

އަދި މީގެ އިތުރުންވެސް ދަތް އުނގުޅުމާއި، ބޮލުގައި ފުނާއަޅާ، ތަރުކާރީތައްްވެސް ކޮށާ ހަދަނީ ފައިގެ އެހީގައެވެ.

އޮޑީޝާގައި ދިރިއުޅެމުން އަންނަ ސުމްހާދް އެއްވެސް ވަރަކަށް އޭނާ ހުރި ނުކުޅެދުންތެރިކަމާއި މެދު ހިތާމަ ނުކުރެއެވެ. އަދި އޭނާ ބޭނުންވާ ގޮތަށް އުޅުމަށް ފުރުސަތު ނުގެއްލޭކަމަށް އޭނާ ގަބޫލުކުރެއެވެ.

މިހާރުވެސް ޕްރޮސްތެޓިކް ލިމްބް ނުވަތަ ޕްލާސްޓިކް އަތެއް ލައްވައިގެން އުޅޭ ސުމްހާދް މަސައްކަތްތައް އެ އަތަކުން ނުކުރެއެވެ. އޭނާ ބޭނުންކުރަމުންދަނީ ފައެވެ.

"އެކަމާއި ހެދި އެއްވެސް ވަރަކަށް ދެރައެއް ނުޥޭ. އަހަންނަށް ނުކުރެވޭނެ މަސައްކަތެއް ނޯންނާނެ. އެހެން މީހުން މަސައްކަތްކުރަނީ އަތް ބޭނުންކޮށްގެން. އަހަރެން އެ މަސައްކަތްތައް ކުރަނީ ފައި ބޭނުންކޮށްގެން". ސުމްހާދް ބުންޏެވެ.

ސުމްހާދް ބައްޕަ ބުނީ، އޭނާގެ ދަރިފުޅު ފައި ބޭނުންކޮށްގެން މަސައްކަތް ކުރާތީ ގިނަބަޔަކު އޭނާއާވެސް ސުވާލުކުރި ކަމަށެވެ. އަދި ދަރިފުޅަށް އެ ގޮތް ދަސްކުރީ ކިހިނެއްތޯވެސް ގިނަބަޔަކު އެހިއިރު، އެ ފިރިހެން މީހާ ބުނީ، އޭނާގެ އެ މީހުންގެ ދަރިފުޅު އެގޮތަށް މަސައްކަތް ކުރަން ދަސްކުރީ އަމިއްލައަށް ކަމަށެވެ.

ސްކޫލްގައި ސުމްހާދް އަށް އެތައް ބަޔަކު ބުލީކޮށް ހަދައެވެ. އެހެން ނަމަވެސް އޭނާގެ ހިތްވަރެއް އެލުވައެއް ނުލައެވެ. އޭނާގެ މަސައްކަތް ފެނިފައި ސްކޫލުން އޭނާއަށް އެވޯޑްތަކެއްވެސް ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    މާޝާﷲ. އަލްހަމްދު ލިﷲ

  2. ވަރުދާ

    ޙާދަ މޮޅު އޭ ދޯ! ކީކޭ ބަނާނީ