ހިމަބިއްސަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސްގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މިބުނި ވައިރަސް އަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސުވާ ވައިރަސް އެކެވެ.

ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެއެވެ. އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާޢުކޮށް ދެއެވެ. 1963 ވަނަ އަހަރު ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ތަޢާރަފްކުރި ފަހުން ހިމަބިހި ޖެހޭ މިންވަރު ނިސްބަތުން ދަށްވެގެން ގޮސްފައިވެއެވެ.

ހިމަބިހި ޖެހޭ ސަބަބުތައް

ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"ގެ ވައްތަރެކެވެ. މިއީ އާރުއެންއޭ ވައިރަސްއެކެވެ. އިންސާނުންގެ ހަށިގަނޑަކީ މިވައިރަސް ގެ ނަސްލު ދަމަހައްޓުމަށް ހިޔާވަހިކަން ހޯދާ ހިޔާވެއްސެވެ. އެއްވެސް އެހެން ދިރޭއެއްޗެއްގައި މިވައިރަސް ރިޒާވަރެއްގެ ގޮތުން ހުންނަކަން ހޯދިފައެއް ނުވެއެވެ.

ހިމަބިއްސަކީ ގައިންގަޔަށް އަރާ ބައްޔެއް!

ހިމަބިހި ޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގައެވެ. މިއީ ހިމަބިހީގެ ބަލި ފަތުރާ މުއްދަތެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ބުނެވެއެވެ.

ހިމަބިހީގެ ވައިރަސް ހިޔާވަހިކަން ހޯދައިގެން ތިބެނީ ބަލިޖެހިފައި ހުންނަ މީހާގެ ކަރާއި، ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތް ދުލި ފަށަލަައިގެ ތެރޭގައެވެ. އެހެންކަމުން ބަލިޖެހިފައިވާ މީހާ ކެއްސާ، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެން ދެއެވެ. އަދި ނޭވާލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާޞިލްވެ، އެމީހަކަށް ބަލި ޖައްސުވައެވެ.

ހަމަ މިހެން ވައިރަސް އާއި ތަޣައްޔަރުވެފައިވާ އެއްޗަކަށް މިސާލަކަށް ބަލިމީހާ ގެންގުޅޭ ޓިޝޫ، ރުމާ، ތުވާލި ފަދަ އެއްޗެއްގައި އަތްލުމަށްފަހު، ސަލާމަތުން ހުރި މީހާ އަތްނުދޮވެ، އަނގަޔަށް އަތްލައިފިނަމަ އެމީހަކަށް ބަލިޖެހިދާނެއެވެ. ވައިރަސް އާއި ތަޣައްޔަރުވެފައިވާ ތަކެތީގައި ހީވާގިކަމާއެކު ވައިރަސް 2 ގަޑިއިރުގެ މުއްދަތަށް ދިރިދެމި ހުރެއެވެ. ހަމަ މިހެން ކެއްސާއި ކިނބިހިއެޅުމުގެ ތެރޭގައި ވައިގެ ތެރެއަށްދާ ވައިރަސް ވެސް ރައްކާތެރިކަމާއެކު 2 ގަޑިއިރެއްހާއިރު ދިރިހުރެއެވެ.

ހިމަބިހި ފެތުރެނީ ކިހިނެތް؟

• ބަލިމީހާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުމުން

• ޖަރާސީމާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުން

• ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުން ނުވަތަ މަދުން ނަމަވެސް މިގޮތަށް ހިމަބިހި ޖެހޭ

ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް

ހިމަބިހި ޖެހުމުގެ ފުރުސަތު ބޮޑޫ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ ކުޑަކުދިންނާއި މީހުނަށެވެ. އެގޮތުން ލޭގެ ކެންސަރާއި، އޭޑްސް ފަދަ ބަލިތަކާއި، އަދި ސްޓީރޮއިޑް ފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން ދިފާޢީ ބާރު ދެރަވެފައިވާ މީހުންނަށް ފަސޭހައިން ހިމަބިހި ޖެހޭގޮތްވެއެވެ. އަދި ހިމަބިހި އާންމު ހިސާބުތަކަށް ދަތުރުކޮށްއުޅޭ މީހުނަށް ފަސޭހައިން މި ބަލިޖެހެއެވެ. ސަބަބަކީ ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީއެވެ. މީގެ އިތުރުން ކާނާ ގޯސްވުން ކުރިމަތިވެފައިވާ ކުޑަކުދިންނާއި މީހުންނަށާއި، ވިޓަމިން އޭ ހަށިގަނޑުގައި މަދުވެފައިވާ ކުޑަކުދިންނާއި މީހުން އަދި މާބަނޑު މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހިމަބިހި ބަލި ޖެހުމުން ފެންނާނެ އަލާމާތްތައް

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު: ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ހިމަބިހި ޖައްސާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމާއި ދެމެދު، 8-12 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ބައެއް ފަހަރު 7-21 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވުމަކީ ވެސް ހުރުމަކީ ވެދާނެ ގޮތެކެވެ.މިމުއްދަތަކީ ހަށިގަނޑުގައި ވައިރަސްތައް ގިނަވެ އިތުރުވާ މުއްދަތެވެ.

ބަލިފަތުރާ މުއްދަތު: އެހެން މީހުން ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ (2-4 ދުވަސް) ނުވަތަ 5 ދުވަސް ކުރިން ފެށިގެން، އަދި ބިހިތައް ނަގަށް ފެށުމަށްފަހު އަންނަ ފުރަތަމަ 5 ދުވަހާއި ދެމެދު ހޭދަވާ މުއްދަތުގެ ތެރޭގައެވެ. މިއީ ހިމަބިހީގެ ބަލި ފަތުރާ މުއްދަތުއެވެ.

ހިމަބިހީގެ އަލާމާތްތައް

ހިމަބިހި ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ގަދަޔަށް ހުން އައުމެވެ. އާންމު ގޮތެއްގައި ހިމަބިހި ޖެހުމުން އަންނަ ހުން ހުންނަނީ 38 ޑިގްރީ ސެލްޒިއަސް އަށްވުރެ މަތީގައެވެ. ބައެއް ފަހަރު ހުންގަދަވެގެން ގޮސް 40 ޑިގްރީ ސެލްޒިއަސް އަށް ވެސް އަރައެވެ. އެއަށްފަހު ފެންނަ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން، ކިނބިހިއެޅުން، ކަރުތެރެ ހަލާކުވެ ފާރުވުން، ކެއްސުން، ވަރުބަލިވުން، ނުތަނަވަސްވުން، ގައިގައި ނުވަތަ މަސްތަކުގައި ރިހުން، އަދި ކާހިތްނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ވަރަށް ގިނަ ފަހަރު ލޯރަތްވެ،ލޮލަށް ލޭއެރި، ހިރުވައި، ދުޅަވެ، އައްޔަށް ތަހައްމަލު ނުކުރެވޭގޮތް (އަލިވުމުން އުދަނގޫވުން) ދިމާވެއެވެ. މަދުން ނަމަވެސް ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ގޮށްލުމަކީ ވެދާނެ ގޮތެކެވެ.

މަތީގައި ބަޔާންކުރެވުނު އަލާމާތްތައް 3-5 ދުވަހާއި ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ. މިއަލާމާތްތައް ފެންނަ މަރުހަލާ ނިމޭ ހިސާބުގައި (ގާތްގަނޑަކަށް ހިމަބިހި ޖެހޭތާ 4 ވަނަ ދުވަސް ހާތާގައި) އަނގައިގެ ތެރޭގައި ކުދިކުދި ރަތްއަޅި ކުލައިގެ ތިކިތަކެއް (އަޅިނޫކުލައިގެ) ނުވަތަ ލައްތަކެއް ހުންނަ އެއްޗެތި ތަކެއް ފާޅުވެއެވެ. މިރަތްތިކިތަކަށް ކިޔަނީ "ކޮޕްލިކް ސްޕޮޓް"އެވެ. މިރަތްތިކިތައް ނަގާފައި ހުންނަނީ ކޮލުތެރޭގައެވެ. އަނގައިގެ ތެރޭގައި މި ތިކިތައް ހުންނައިރު ހީވާނީ "ވެލިފުށް" ތަކެއް ހުންނަ ހެންނެވެ. ގާތްގަނޑަކަށް 18 ގަޑިއިރުގެ ތެރޭގައި މި ރަތްތިކިތައް ފިލައިގޮސް، ރަތް ކުލައަކަށް ހުންނަ ކުދިކުދި ބިހިތަކެއް ހަށިގަނޑުން ފާޅުވާން ފަށައެވެ. މިބިހިތައް ހުންނަނީ ތުންބިހި ނުވަތަ ފެންބިހި ތަކެއްގެ ސިފައިގައެވެ.

ހަށިގަނޑުގައި ނަގާ ރަތް ކުލައިގެ ބިހިތައް ފުރަތަމަ ނަގަނީ ނިއްކުރި މަތިން ގޮސް ބޮލުގެ އިސްތަށި ފެށިފައި ހުންނަ ހިސާބުންނެވެ. އެއަށްފަހު، މޫނާއި، ކަރު އަދި ކަންފަތުގެ ފަހަތުގައެވެ. އެއަށްފަހު 3-2 ދުވަހުގެ ތެރޭގައި، ބުރަަކަށި، މޭމަތި، އަތް، އަތްތިލަ، ފައި، ފައިތިލަ، އަދި މުޅި ހަށިގަނޑަށް ބިހިތައް ފެތުރިގެން ދެއެވެ. މިބިހިތައް ނަގާ ދުވަސްވަރު ހުން ހުންނަ މިންވަރު 40 ޑިގްރީ ސެލްޒިއަސް އަށް މަތިވެގެން ދެއެވެ. ނަމަވެސް 2 ދުވަހެއްގެ ތެރޭގައި ކުރިން ހުރި މިންވަރަށް ހުން އަނބުރާ ރުޖޫއަ ވެއެވެ. ހިމަބިހި ޖެހުމުން ހަށިގަނޑުގައި ނަގާ ބިހިތައް ގާތްގަނޑަކަށް 4-7 ދުވަހުގެ މުއްދަތަށް ދެމިހުރެއެވެ. ކޮންމެވެސް ވަރަކަށް ބައެއް ފަހަރު ބިހިތައް ހިރުވައި ކަހާގޮތް ވެއެވެ. އެއަށްފަހު ބިހިތައް ތިރިވެ، ރަގަޅުވެދެއެވެ. ބިހިތައް ތިރިވެ ދިއުމުން ބައެއް ފަހަރު ހަށިގަނޑުގައި މުށިކުލައިގެ ލައްތަކެއް ހުރެދާނެ އެވެ. ނަމަވެސް މަޑުމަޑުން މިލައްތައް ވެސް ފިލައި ނެތިދެއެވެ. ބިހިތައް ތިރިވެ، ފިލައި، ނެތިދާން ފަށަނީ ބިހިތައް ފެންނަށް ފެށި ތަރުތީބުންނެވެ. މާނައަކީ އެންމެ ފުރަތަމަ ބިހިތައް ތިރިވެ ފިލާނީ، މޫނާއި ކަރުންނެވެ. ބިހިތައް ފުރަތަމަ ނަގާ ދުވަސްވަރު ބިހިތަކަށް ފިއްތާލުމުން ހަންގަނޑުގެ ކުލަ ހުދުވެގެން (ފަނޑުވެގެން) ދާނެއެވެ. ނަމަވެސް ދެތިން ދުވަސް ފަހުން މިބުނި ގޮތަށް ހަންގަނޑަށް ނުވަތަ ބިހިތަކަށް ފިއްތާލުމުން ހަންގަނޑުގެ ކުލަ ފަނޑުވެގެނެއް ނުދާނެ އެވެ.

އާންމު ގޮތެއްގައި ހިމަބިހި ޖެހުމަށްފަހު، އޭގެ ސަބަބުން އިތުރު ނުރައްކާތަކާއި ދިމާނުވާނަމަ، 7-10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެބަލީގެ އުދަނގޫތައް ފިލައިގޮސް ރަގަޅުވެދެއެވެ.

ހިމަބިހީގެ ނުރައްކާތައް

ހިމަބިހި ޖެހި ރަގަޅުނުވެ، ގިނަ ދުވަސްވުމުން ބައެއް ފަހަރު ނުރައްކާތެރި މައްސަލަތައް ފެންމަތިވެގެން އާދެއެވެ. އާންމު ގޮތެއްގައި މިއުދަނގޫތައް 5 އަހަރުން ދަށުގެ ކުދިންނާއި، 20 އަހަރުން މަތީގެ މީހުންނާއި ،ދިފާޢީ ބާރު ދަށް މީހުންނަށް، އަދި ކާނާ ގޯސްވުން ކުރިމަތިވެފައިވާ ކުދިން ނުވަތަ ރަގަޅުކާނާ ނުލިބޭ ކުދިންނަށް، ކުރިމަތިވާ މިންވަރު އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ. ހިމަބިހި ޖެހޭ 30 އިންސައްތަ މީހުންނަށް މިއިން ކޮންމެވެސް އުދަނގުލެއް ކުރިމަތިވާކަމަށް ދިރާސާ ތަކުން ދައްކައެވެ.

(ހ) – ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތައް: ނޭވާލާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި، ލަގޮނޑި ދުޅަވުން، ނިއުމޯނިޔާ ޖެހުން، ވައިނޮޅި ދުޅަވުން، ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅުތައް ދުޅަވުން، އަދި ކަންފަތުގެ މެދުބައިގައި ޖަރާސީމު އެޅުން ފަދަ ކަންތައްތައް ހިމެނެއެވެ. ނިއުމޯނިޔާ ޖެހުމުން ދިމާވެދާނެ އުދަނގޫ ތަކުގެ ތެރޭގައި ނޭވާކުރުވުން، ނޭވާލާން އުދަނގޫވުން، މޭގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) – ލޮލަށް ދިމާވާ މައްސަލަތައް: ލޮލަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި، ލޮލުރޯގާ ޖެހުން(Conjunctivitis) ، ލޮލުގެ ކުރިމަތީގައި އިންނަ ސާފު ކަވަރު ނުވަތަ ލޮލުގެ ހާމަދުލި(Cornea) އޭ ކިޔޭ މަޑު ޖެލީކޮޅެއްފަދަ ސާފު ބައި ދުޅަވުން، އަދި އެބައި(ލޮލުގެ ހާމަދުލި) އާދަޔާ ޚިލާފަށް މަޑުވުން، ލޮލުގެ ހާމަ ދުލީގައި ފާރުހެދުން(Corneal ulcer) ، ލޯދުޅަވުން އަދި ލޯއަނދިރިވުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ރޯނާވެ، ލޯއަދިރިވުމުގެ މައްސަލަ ދިމާވަނީ ވިޓަމިން އޭ މަދުވުން ކުރިމަތިވުމާއެކު ހިމަބިހި ޖެހުމުންނެވެ. މީގެ އިތުރުން ލޮލުނާރަށް ހިމަބިހީގެ ވައިރަސްގެ އަސަރު ކުރުމަކީ ވެސް ލޯއަނދިރިވުން މެދުވެރިކުރުވާ ސަބަބެކެވެ. 3 ވަނަ ދުނިޔޭގެ ގައުމުތަކުގައި ލޯއަދިރިވުން ދިމާވާ މައިގަނޑު ސަބަބަކީ ވެސް ހިމަބިހި ޖެހުމެވެ. ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިފަދަ ގައުމުތަކުގައި އަހަރަކު 60 ހާސް ކުދިންނަށް ހިމަބިހި ޖެހިގެން ލޯއަދިރިވެއެވެ. މަދުން ނަމަވެސް ހިމަބިހި ޖެހުމުން ލޯއަވަރުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. މިއީ ހިމަބިހީގެ ވައިރަސްގެ އަސަރު ލޮލުގެ ނާރާއި މަސްތަކަށް ކުރުމުން މެދުވެރިވާ ކަމެކެވެ.

(ނ) – ހަޖަމުކުރާ ނިޒާމަށް ދިމާވާ މައްސަލަތައް: ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި، އަނގަ ފާރުވުން، އަދި ބޭރަށްހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. ބޭރަށްހިންގުމަކީ ހިމަބިހި ޖެހޭ މީހުންނަށް އެންމެ އާންމުކޮށް ދިމާވާ އެއް ނުރައްކަލެވެ. ގާތްގަނޑަކަށް މިބަލިޖެހޭ މީހުންގެ ތެރެއިން 8 އިންސައްތަ މީހުންނަށް ބޭރަށްހިންގުމުގެ މައްސަލަ ދިމާވެއެވެ. މީގެ އިތުރުން މޭގަނޑު ދުޅަވުމުގެ މައްސަލަ ވެސް މަދުންނަމަވެސް ކުރިމަތިވެއެވެ.

(ރ) – ނާރުތަކުގެ ނިޒާމަށް ދިމާވާ މައްސަލަތައް: ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ސިކުނޑި ދުޅަވުން، ވާގިއެރުން، ފިޓުޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ހޭވެރިކަން ގެއްލި ފުރާނަ އަށް ނުރައްކާވުމަކީ ވެސް ވެދާނެ ގޮތެކެވެ. ސިކުނޑި ދުޅަވުން ކުރިމަތިވާ މީހުންގެ ތެރެއިން 15 އިންސައްތަ މީހުން ދުނިޔެ ދޫކުރާ ކަމަށް ތަފާތު ހިސާބުތައް ދައްކައެވެ. ސިކުނޑި ދުޅަވުމުގެ މައްސަލަ އާންމުކޮށް ދިމާވަނީ ހިމަބިހިޖެހިގެން ހަމުން ނަގާ ބިހިތައް ފެންނަތާ ގާތްގަނޑަކަށް ހައެއްކަ ދުވަސް ފަހުންނެވެ. ސިކުނޑި ދުޅަވުން ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައި ރިހުން، ހޮނޑުލުން، ތާއްޔަށްޖެހުން، ކަރުހަރުއެރުން، ވާގިއެރުން، އަދި ހޭވެރިކަން ގެއްލުން ހިމެނެއެވެ.

(ބ) - ހަށިގަނޑުން ފެންހުސްވުން: އެގޮތުން ހަށިގަނޑުން ފެން ހުސްވުމުގެ އަލާމާތްތައް ފާހަގަކޮށް އެކަންކަން ދެނެގަތުން މުހިއްމެވެ. އެގޮތުން ކުޑަކުއްޖެއްގެ ފުށުން ފެން ހުސްވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
o ރޯއިރުގައި އަނގައާއި ދޫ ހިކިފައި ހުރުން
o ރޯވަގުތުގައި ކަރުނަ ނެތުން
o ނެޕީ ބަދަލުކުރުމަށްފަހު ތިންގަޑިއިރުވާއިރުވެސް ނެޕީ ތެމިފައި ނެތުން
o ބަނޑާއި ލޯ އަދި ކޯމަތި ހިނދިފައި ނުވަތަ ވަޅުވަދެފައިވުން
o ސިކުނޑިވަޅު ހިނދި އަޑިއަށްދިއުން
o ހުން ވަރަށް ގަދަކޮށް ހުރުން
o އުނދަގޫތަކެއްވާތީ އުޅުން
o ހަންގަނޑު ހިކިވެ،ދޫވެ، ނިކަމެތިވުން
o ބަރުދަން ލުއިވުން

ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ހިމަބިހި ޖެހޭ މީހުންގެ ތެރެއިން ކޮންމެ 4 މީހުންގެ ތެރެއިން އެކަކު މަރުވާ ކަމަށް ދިރާސާ އަކުން ވަނީ ހާމަވެފައެވެ. އެފްރިކާގެ ގައުމު ތަކުގައި ކުޑަކުދިންނަށް ލޯއަނދިރިވުން މެދުވެރިވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ބެލެވިފައިވަނީ ވެސް ހިމަބިހި ޖެހުމެވެ. ދުނިޔޭގައި ހިމަބިހި ޖެހިގެން އަހަރަކު 1 މިލިޔަން ކުޑަކުދިން މަރުވާ ކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ

ބަލި ދެނެގަތުން

ހިމަބިހި ހުރިކަން އާންމު ގޮތެއްގައި ދެނެގަނެވެނީ ބަލިޖެހިފައިވާ މީހަކާއި މާގައިގޯޅިކޮށް އުޅުނުތޯ ބެލުން، ބަލީގެ އަލާމާތްތައް ހުރިތޯ ބެލުން، އަދި ޚާއްޞަކޮށް ބައްޔާއި ގުޅިގެން ހަށިގަނޑުގައި ނަގާ ބިހިތައް ހުރިތޯ ބަލައިގެންނެވެ. އަދި މީގެ އިތުރުން 3 ދުވަހަށްވުރެ ދިގުމުއްދަތަކަށް 38 ޑިގްރީއަށް ވުރެ މަތީގައި ހުން ހުރިތޯ ވެސް ބަލައެވެ.

ބައެއް ފަހަރު ލޭގެ ޓެސްޓެއް ވެސް ހަދަން ޖެހިދާނެ އެވެ. އެއީ ހިމަބިހިތޯ ޔަގީންކުރުމަށާއި، އަދި އެހެން ބައްޔެއްގެ ސަބަބުން ކުރިމަތިވާ އުދަނގޫ ތަކެއްތޯ ދެނެގަތުމަށްޓަކައެވެ. ބަލި ޔަގީންކުރުމަށް ބައްޔާއި ދެކޮޅަށް ހަށިގަނޑުގައި ހަށިދަމަނަ އުފެދިފައި ހުރިތޯ ބަލަންޖެހެއެވެ. ނޭފަތުން ނުވަތަ އަނގައިގެ ތެރެއިން ފައިބާ ދަވަ، އަރިދަފުސް ފަދަ އެއްޗެއް ނަގައިގެން އެ ވަކި މީޑިއަމް އެއްގައި ހައްދައި ދިރުވައިގެން ވައިރަސް ހުރިތޯ ދެނެގަނެވެއެވެ. ބައެއް ހާލަތުގައި ނިއުމޯނިޔާގެ އަސަރު ހުރިތޯ ޔަގީންކުރުމަށްޓަކައި މޭގެ އެކްސްރޭ އެއް ވެސް ނަގަން ޖެހިދާނެ އެވެ.

ބަލީގެ ފަރުވާ

ހިމަބިއްސަށް ފަރުވާކުރުމަށް ދެވޭ ވަކި ޚާއްޞަ ބޭހެއް ނުވަތަ މިބައްޔަށް ވަކި ޚާއްޞަ ފަރުވާ އެއް ނޯވެއެވެ. ހިމަބިއްސަށް އާންމުކޮށް ފަރުވާކުރެވެނީ ގޭގައެވެ. އެއީ ބަލީގެ ޙާލަތު ގޯސްވެ، ނުރައްކާތެރ ިޙާލަތަކަށް ބަދަލުވެފައި ނުވާނަމަ އެވެ. ބައްޔާއި ގުޅިގެން ކުރިމަތިވާ ނުރައްކާތެރި އުދަނގޫތައް މެދުވެރި ނުވާނަމަ، އާންމު ގޮތެއްގައި 2 ހަފްތާގެ ތެރޭގައި ބަލި ފަސޭހަވެ ދެއެވެ. ނުރައްކާތެރި ހާލަތުގައި ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާ ދޭން ޖެހެއެވެ.

ހިމަބިހި ޖެހުމުން އެންމެ އެދެވިގެންވަނީ ރަގަޅަށް އަރާމުކުރުމެވެ. ހިމަބިހި ޖެހިފައިވާނަމަ އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.

(ހ) – ގިނައިން ދިޔާތަކެތި ބުއިން : ވީވަރަކުން ގިނައިން ދިޔާތަކެތި ބޯށެވެ. ނުވަތަ ދޭށެވެ. ގަދަޔަށް ހުންނައިރު އެކަށޭނަ ވަރަށް ދިޔާތަކެތި ނުބޯނަމަ، ވަރަށް ފަސޭހައިން ހަށިގަނޑުން ފެން ހުސްވާގޮތް ވެއެވެ. މިގޮތުން ބޭނުންކުރެވިދާނެ ދިޔާތަކެތީގެ ތެރޭގައި، ލޮނު ޕެކެޓް، ފެން، ކުރުނބާފެން، ސައި، މޭވާ ޖޫސް، އަދި ލުނބޯހުތު ފަނި ފަދަ ތަކެތި ހިމެނެއެވެ. ހިމަބިހިޖެހުމަކީ ހަށިގަނޑުން ފެންހުސްވުން މެދުވެރިވާ ކަމަކަށްވާތީ ވީހާ ވެސް ގިނައިން ދިޔާތަކެތި ދިނުން މުހިއްމެވެ.

(ށ) – ގޭގައި ތަދުކެނޑުވުމަށާއި ހުން ތިރިކުރުމަށް ހުންނަ ބޭސްތައް ބޭނުންކުރެވިދާނެ އެވެ. 20 އަހަރުން ދަށުގެ ކުދިންނަށް އެސްޕިރިން ފަދަ ތަކެތި ދިނުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ އެސްޕިރިންގެ ސަބަބުން "ރޭޒް ސިންޑްރޯމް" ކިޔާ ބައްޔެއް ފެންމަތިވެގެން އަންނާތީ އެވެ. މީގެ އިތުރުން "ލޫކްވާރމް ވޯޓަރ" ބޭނުންކޮށްގެން ސްޕަންޖު ބާތު ދިނުމަކީ ހުންތިރިކޮށްދޭ ކަމެކެވެ.

(ނ) – ލޮލަށް އަރާމާއި ފަސޭހަކަން ހޯދައިދޭށެވެ. ލޯ ގަދަ އައްޔަށް ނާޒުކުނަމަ، މާގިނައިން ޓީވީ ބެލުމަކީ ރަގަޅު ކަމެއް ނޫނެވެ. ކޮޓަރީގެ ކުޑަ ދޮރުތައް ވެސް މާބޮޑަށް ހުޅުވާފައި ނުބަހައްޓާށެވެ. ކޮޓަރީގެ ދޮރުފޮތި ތައް ދަމާފައި ބެހެއްޓުމާއެކު، ކޮޓަރީގައި ފަނޑުއަލިކަމެއް ބެހެއްޓުން ރަގަޅެވެ. މިގޮތަށް ހެދުމުން އަލީގެ ސަބަބުން ލޮލަށްވާ އުދަނގޫ ކުޑަކޮށްދޭނެ އެވެ.

(ރ) – ވީވަރަކުން އަރާމުކުރާށެވެ. ބަލިވުމުން އަރާމުކުރުމުން ބަލި ފަސޭހަވުން އަވަސްވާނެ އެވެ.

(ބ) – އުމުރުން 1 އަހަރުން މަތީގެ ކުދިންނަށް ލުބޯހުތް ސައިސަމުސަލަކާއ، 2 ސައިސަމުސާ މާމުއި ތާފަނާ ފެންތައްޓަކަށް އަޅައިގެން ރަގަޅަށް ގިރުވުމަށްފަހު ދެއްވާށެވެ. މިއީ ރޯގާގެ އުދަނގޫ ލުއިކޮށްދޭނެ ކަމެކެވެ. އުމުރުން 1 އަހަރުން ދަށުގެ ކުދިންނަށް މާމުއި ދިނުމަކީ ރަގަޅު ކަމެއް ނޫނެވެ.

އާންމު ގޮތެއްގައި ހިމަބިހީގެ ފަރުވާގެ ގޮތުގައި އެންޓިބަޔޮޓިކް ބޭނުމެއް ނުކުރެއެވެ. ނަމަވެސް ބަލީގެ ހާލަތު ގޯސްވެ ގިނަ ދުވަސްވުމުން ކުރިމަތިވާ ފުއްޕާމޭގައި ޖަރާސީމް އެޅުން، އަދި ކަންފަތުގައި ޖަރާސީމު އެޅުން ފަދަ ކަންކަމަށް އެންޓިބަޔޮޓިކް ބޭނުންކުރަން ޖެހިދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދިދަ ދަނޑި

  އެންމެ ބުއްދިވެރި ގޮތަކީ މިދުވަސްވަރު ސްކޫލް ތަކުގެ ކިޔެވުން ބަންދު ކުރުން.. ކުދިން ބަލިވެ ތިއްބާވެސް ގިނަ ބެލެނިވެރިން ސްކޫލަށް ފޮނުވާ.. ސްކޫލް ތެރެއިން މިބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ...

  42
  2
  • މަދަރއިސް

   ސްކޫލުތަކުން ވެސް އެއްބާރުލުން ދިނުން މުހިންމު، އިމްތިހާންތައް ގެއްލިދާނެތީ ސްކޫލަށް ފޮނުވަނީ ކިތަންމެ ބައްޔަސް

   21
  • Anonymous

   ބުރޯ އެއީ ސަރުކާރުން ކުޅޭ ޑްރާމާއެއް. އަސްލެންް ނެތް ޙަޤީޤަތައި ހިލާފު ދޮގު ހަބަރުތަކެއް ވަކިކައެއް ކުރުމަށް

   3
   25
 2. މަރީ

  މިއަދު ކޮބާ އުފާގެ ވާހަކަ؟

  13
  1
 3. Anonymous

  އެމްޑީޕީ ހިންގާ ގޭސްގަޑެއް

 4. ޝިފާ

  މިދުނިޔޭގެލަައްވާބަލިނައްތާލަނީިއިންސާނުންބާ ؟