އައްޑޫ ސިޓީން ކުޑަ ކުއްޖަކު ހިމަބިއްސަށް (މީސްލްސް) އަށް ފައްސިވެފައިވާއިރު، މި ބަލި ޖެހުނު ކުއްޖާއާ އާ ގާތުން އެއްތާވި މީހުންގެ ތެރޭގައި 65 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިމަހުގެ 3 ވަނަ ދުވަހު އައްޑޫއިން ފެނުނު ހިމަބިހި ވޭދަނައާ އެ ކުއްޖާއާ ގާތުން އެއްތާވި ފަރާތްތައް ބަލައި މައުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށެވެ.

އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކޭސް ފެނުނު ހިސާބު ވަށައިގެންވާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ސެކިއުރިޓީ ސާރވޭ ކުރިއަށް ގެންގޮސް މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުވެ ތިބި އަދި ފުރިހަމަކޮށްފައިވާ ކަމުގެ ރެކޯޑް ނެތް މީހުންނަށް ވެކްސިން ދިނުމުގެ ރިންގް ވެކްސިނޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފައި ވެއެވެ.

"މި ކޭސްއާ ގުޅިގެން މިހާތަނަށް 65 ފަރާތެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ އިރު، މިހާތަނަށް މިއިން އެއްވެސް ފަރާތަކުން ބަލީގެ އަލާމާތެއް ފެނިފައި ނުވެއެވެ." އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިމަބިއްސަށް ފައްސިވާ ފަރާތާއި ގާތުން އެއްތާވި މީހުންގެ ގޮތުގައި ދެނެގަނެވިފައިވާ ހުރިހާ ފަރާތްތަކަކީވެސް މީސްލްސް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކެއްކަން އެޗްޕީއޭއިން ބުންޏެވެ. އެގޮތުން އެޗްޕީއޭއިން ކުރި ކޮމިއުނިޓީ ސާރވޭގައި 41 ފަރާތެއްގެ މައުލޫމާތު ސާފުކޮށްފައިވެއެވެ. އޭގެ ތެރޭގައި 16 ގެއަކާއި، 1 ފިހާރަ ހިމެނެއެވެ. މި ސާރވޭއަށްފަހު 19 ފަރާތަކަށް ވަނީ ވެކްސިން ދީފައެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް ކަނޑައަޅާފައިވާތީ ހިމަބިހީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް ހިމަބިއްސަށް ޓެސްޓުކުރުމަށް ސުންކު ނެގުމަކީ މި އެޖެންސީގެ ސާރވެއިލެންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ ތަނަކުން އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނެގުން ހިމެނެއެވެ. މީގެ އިތުރުން ކެއްސުމާއެކު އަރިދަފުސް ފޭބުން، އަދި ލޯރަތްވުން ފަދަ އަލާމާތްތައްވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.