މީސެލްސް ނުވަތަ ހިމަބިއްސަށް ފައްސިވެފައިވާ އިތުރު މީހަކު ރާއްޖޭން ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، އެމީހާ ހިމަބިއްސަށް ފައްސިވެފައިވާކަން އެނގިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހާއަކީ ރާއްޖޭން ބޭރުން ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވާ ފަރާތެއް ކަމަށް ވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

މި ވޭދަނަ ފެނުމާއި ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުޞަތު ދެނެގަތުމާއި އޭނާއާ ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވޭދަނަ މޮނިޓަރކޮށް ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށް އަދި ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި ވޭދަނަ އާއި މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ ހިމަބިހި ވޭދަނަ އާއި ގުޅުމެއް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނުވާ ކަމަށެވެ.

ހިމަބިއްސަށް އިއްޔެ މީހަކު ފައްސިވެފައިވާއިރު، މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު މާލެ ސަރަހައްދުގައި ދިވެއްސަކަށް ހިމަބިހި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.