ވަގަށް ނަގައި މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މަރުގެ މައްސަލާގައި އިހުމަލުވި އެންއައިސީގެ ކުރީގެ މެންބަރު އަހުމަދު އަމީނަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހެޑް އޮފް އިންވެސްޓިގޭޝަންގެ މަގާމަށް އައްޔަންކުރީ އޭނާގެ ގާބިލިއްޔަތުގެ މައްޗަށް ބަލާފައި ކަމަށް ކޮމިޝަނުން މަޖިލީހަށް އަންގައިފިއެވެ.

ރިލްވާނުގެ މަރުގެ މައްސަލައާ ގުޅިގެން އެންއައިސީން ނެރުނު ރިޕޯޓުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ކަނޑައަޅާފައިވަނީ ބަލަންޖެހޭ މިންވަރަށް ނުބެލި ކަމަށްވާތީވެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަމަށް ގަބޫލުކުރެވޭތީވެ މެންބަރުންގެ ގާބިލުކަމާއި މެދު ސުވާލު އުފެދޭ ކަމަކަށްވާތީވެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމީ އަމީން ހިމެނޭ ގޮތަށް ކޮމިޝަންގެ ހަތަރު މެންބަރުން ވަކިކުރަންށެވެ.

ކޮމިޓީން އެހެން ނިންމާފައި އޮއްވާ އެންއައިސީގެ މެންބަރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އަމީން ވަނީ އިސްތިއުފާ ދީފައެވެ.

ނަން ނުޖަހަން ޝަރުތުކޮށް "ވަގުތު" އާއި ވާހަކަ ދެއްކި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ އެމްޑީޕީ މެމްބަރަކު ވިދާޅުވީ އަމީންގެ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކަމާއި ގުޅޭ ގޮތުން ކޮމިޓީން މައުލޫމާތު ސާފުކުރުމުން އަމީނަށް މަގާމު ދީފައިވަނީ ގާބިލް މީހަކަށް ވާތީ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް އެ މައްސަލަ ބެލުމާއި މެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މިނިވަން މުއައްސަސާއެއްގެ މަސްއޫލިއްޔަތު އަދާކުރަން ފޭލްވި ކަމަށް އެމްޑީޕީގެ މެންބަރުން ގަބޫލު ކުރާ އަމީނަކީ އޭސީސީގައި މިހާރު ތިއްބަވާ މެންބަރުންނާ "ގާތް ގުޅުމެއް" އޮންނަ ބޭފުޅެއް ކަމަށް ވެސް ތުހުމަތު ކުރެއެވެ. އިންވެސްޓިގޭޝަން ހެޑްގެ މަގާމަށް އަމީން އައްޔަންކޮށްފައިވަނީ އޭސީސީ މެންބަރުންގެ އެދުމުގެ މަތިންކަންވެސް ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒުންނޫރާން

    މުޅިންވެސް ތިޔަކަހަލަ ބޭފުޅުން ތިޔަތަންތަނުގަ ތިޔަލައްވަނީ ދެން ކިހިނެއް ރައީސް ބޭފުޅާ ކުރައްވަން އުޅުއްވާ މަސައްކަތްޕުޅުކުރައްވާނީ!!

  2. ޝިއުނާ މޮރިޝަސް

    ރިލުވާނު ނޫން މީހެއް ނުގެއްލެނީތަ؟ ތި ޑްރާމާ ނިނިއްޖެ

  3. އުއްތަމަ އުސްތާޛް

    ރިލުވާނު ކާޑު، ބުލޮގަރ ޔާމިން ކާޑު، އަންނި ބޮން ކާޑު މިއީ މިހާރު ބައުވެފައިވާ ކަންކަން. ތިޔަކުން ލިބޭނެ ސިމްޕަތީ ވޯޓެއް ނެތް