ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ މަގާމު ފުރުއްވި ޔަޒީދު މުހައްމަދު، އަލުން އެމަގާމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފަތުހުﷲ ޖަމީލް، ތިމަރަފުށީ ދާއިރާ އަށް ވާދަކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ މަހު 9 ގައެވެ.
ރައީސް ޑރ. މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީގައިވާ ގޮތުން އެ މަގާމަށް ޝަރުތުހަމަވާ ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ރުހުން ހޯދުމަށް ވަނީ ފޮނުއްވައިފައެވެ. އެއީ ޔަޒީދުގެ އިތުރުން ޔާމީންގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމު ފުރުއްވި ހަސަން ޒަރީރެވެ. އެ ދެބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރުމަށް ރައީސް އިސްކަންދެއްވި ތަރުތީބުގެ އެއްވަނައިގައި އޮތީ ޔަޒީދުގެ ނަމެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް ކޮމިޓީ އަށް ފޮނުވައިފައެވެ.
ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު އޭރު ވެރިކަމުގައި އޮތް އެމްޑީޕީން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އެ ގާނޫނަށް ގެނައި ބަދަލުގައި އޮތީ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ވާނެ ކަމަށެވެ.
ޒަރީރު ބޮޑަށް ރަގަނޅުވާނީ!