ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ އިން ބިންތައް ދޫކުރީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަމަށާއި ބިމު އަޑީގައި އެއްޗެއް ހުރި ކަމެއް ނޭނގޭ ކަމަށް އެ މަސައްކަތުގައި މިދިޔަ ސަރުކާރުގައި އިސްކޮށް އުޅުއްވި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ އިން ގޯތިތައް ދީފައި ހުރީ ކަރަންޓާއި، ފެނާއި، ނަރުދަމާ ނެޓްވޯކް މަތިން ކަަމަށް އެޗްޑީސީން ވިދާޅުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެޗްޑީސީއިން އެހެން ވިދާޅުވެފައި ވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ކަމަށް އަކްރަމް ވިދާޅުވެފައިވެއެވެ. އަދި އޭނާ އިސްކޮށް ހުރެގެން މިދިޔަ ސަރުކާރުގައި ބިންތައް ދޫކޮށްފައިވަނީ އެޗްޑީސީން ތައްޔާރުކޮށްފައި ދިން ލޭންޑް ޔޫސް ޕްލޭން އާއި އެއްގޮތަށް ކަމަށް އަކްރަމް ވިދާޅުވެފައި ވެއެވެ. އަދި ގޯތީގެ ޕްލޮޓްތައް ކަނޑައެޅީ އެޗްޑީސީން ފާހަގަކުރި ގޮޅިތަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ހައުސިން މިނިސްޓްރީ އަކަށް ނޭނގޭނެ ބިމުއަޑީގައި އެއްޗެއް ހުރިކަމެއް ނުވަތަ ނެތް ކަމެއް އެޗްޑީސީން ވިދާޅުނުވާ ނަމަ. ކަންތައްތައް އޮޅުވާލަން އުޅުއްވާ ނަމަ، ހަމަ އަތަށް ގޮވަމުން ދާނީ. އަނެއްކާވެސް މުއިއްޒަށް ދަންނަވާލަން އޮތީ ރައްޔިތުން ގުބޯ ނުހައްދަވާށޭ." އަކްރަމް ވިދާޅުވެފައިވެއެވެ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައި ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެތަންތަނުން 9،000 ގޯތި ދޭނެއެެވެ. އެ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. ކުރީ ސަރުކާރުންވެސް ވަނީ ބައެއް ފަރާތްތަކަށް ބިމާއި ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖް ވިދާޅުވީ ބިން ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރުމުގެ މަސައްކަތްކޮށް އިން ފާރު ރޭނުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެޗްޑީސީ އަށް ދިމާވެފައިވާ ބައެއް ހުރަސްތަކާ ގުޅިގެން ބައެއް މީހުންނަށް އިން ވަކިކޮށް ބިން ހަވާލު ކުރުމުގައި ލަސްކަމެއް ދިމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކް އަރާ ގޮތަށް ގިނަ ގޯތިތަކެއް ކަނޑައަޅާފައި ވަނީ. މި ގޯތިތައް ދޫކުރުމުގެ ކުރިން އަޅުގަނޑުމެން އެބަ ޖެހޭ މި ނެޓްވޯކްތައް ގޯތިތަކަށް ނާރާނެ ގޮތަށް ރީލޮކޭޓް ކުރަން،" އެޗްޑީސީން އާންމު ކުރި ވީޑިއޯއެއްގައި ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އެކަމުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާ ވާހަކަ ދައްކައިގެން ކުރަމުންދާ ކަމަށެވެ. މި ނެޓްވޯކްތަކާ ގުޅިފައިވާ އާންމު ހިދުމަތްތަކަށް ބުރޫ ނާރާނެ ހެން ރޭވުންތެރިކަމާ އެކީގައި ސާވިސް ލައިން ބަދަލުކޮށްގެން ނޫނީ އެ ސަރަހައްދުން ދޫކޮށްފައިވާ ބިން ހަވާލު ކުރުމަކީ ވަރަށް ދަތިކަމެއް ކަމުގައި ސިރާޖު ވިދާޅުވި އެވެ.

"އިން ވަކިކޮށް ބިން ހަވާލު ކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލައި ގޮންޖެހުންތައް ހައްލުކޮށް ގޯތީގެ ވެރިންނާ ބިން ހަވާލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެޗްޑީސީގެ ފަރާތުން ކޮށްދޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ސިރާޖު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަތާހަރާމީ

    ކަންކަމާ މަރުމޯލުން ހަވާލުވީމާ ތަނެއްގައި ކަން އޮތީ ކިހިނެތްތޯ ބަލާނުލާނެ. މަރުމޯލުންނަށް ކަންކަން އޮތީ ކިހިނެއްކަން ބަލާލާކަށްވެސް ނޭނގޭނެ. ކުރަން އެނގޭ ކަމަކަށް އޮންނާނީ ދޮގު ހެދުމާއި މަކަރު ހެދުމާއި ވައްކަންކުރުން.

    4
    1
  2. ހނހ

    މިސަރުކާރާ ދިމާލައް ތަނެއް ދޮރެއްނޭނގޭ މީހުން ވެރިންނައް ލީޔޭ ކިޔާއިރު އަސްލު މިކިޔަނީ މިމީހުންގެ ހާލަތު

  3. އަހްމަދު

    ދެންއަކުރަމުމެން ކީއްވެތަ ނުހިއްކާއޮތްފަޅުތަކުން ނިކަމެތިރައްޔިތުންނައް ގޯތިދޫކުރީ ދެންމިސަރުކާފުން ކޮންމެހެން އެތަންތަން ހިއްކަންޖެހޭތަ މީހުންވާވައްދަން ކުރިކަމެއްނޫންތައެއީ އަނެއްކާ ގުރުލާއިރުވެސް ޕާޓީގެއިސްމީހުންނައް ޖެހިޖެހިގެން ގުރުދިމާވުން އެވެސް އިއްތިފާގެކޯ މީހުންނައްއޮޅުވާލިއަސް މިދެންބޮޑުވަރުދޯ

  4. އަބްދޫ

    ހުސްކޮށް ބިމެއް އޮތިއްޔާ ވޯޓަށް ބަހާލީ މިމީހުންއެއްވެސް ކަމެއްނުކޮށް ނާޖާއިޒް މަންފާނެގީ މުސްތަގުބަލަށް ވެސް ބެލުމެއްނެތި ވަގުތީ މަންފާނެގީ ދެން ބަހާނީ ކޯންޗެއްބާ؟