އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރު ނުވަތަ ބިިލް ބޯޑުތަކަށް ގެއްލުން ދިނުން އާންމު ކަމަކަށްވެ، ބައެއް މައްސަލަތައް ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފިއެވެ.

މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ވަރަށް ގިނަ ރަށްރަށުގައި ވެސް ވަނީ ކެމްޕެއިން ޕޯސްޓަރުތައް ހަރުކޮށްފައެވެ. ގިނަ އިން ގެއްލުން ދީފައި ހުރީ މީހުންގެ މޫނު ޖަހާފައި ހުންނަ ކެމްޕެއިން ޕޯސްޓަރުތަކަށެވެ.

މީހުންގެ ފޮޓޯ ޖަހާފައި ހުންނަ ޕޯސްޓަރުތައް ނުވަތަ ބިލް ބޯޑުތަކަށް ގެއްލުން ދިނުމަކީ މީގެކުރިން ވެސް ކުރަމުން އައި ކަމެކެވެ. އެކަން އެންމެ ބޮޑަށް ފާހަގަވެފައި އޮންނަނީ ވެސް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިންތަކުގައި އާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައެވެ.

މި މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވިޔަސް މިކަމުގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ބިލް ބޯޑުތައް ނުވަތަ ކެމްޕެއިން ޕޯސްޓަރުތައް މަގުމަތީގައި ބެހެއްޓޭނީ މާލެ ސިޓީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ.

މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އަރައިގަތުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި ކޮންމެ ކެންޑިޑޭޓަކަށް ވެސް މިނިވަންކަމާ އެކު ކެމްޕެއިން ކުރުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ފުރުސަތު މުއައްސަސާތަކުން ކެންޑިޑޭޓުންނަށް ފަހިކޮށް ދެއްވަން ވާނެ،" ހަބީބު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފުޖަލް

    އިލެކްސަން ކޮމިސަނުން ކީކޭ ބުނަނީ؟ އެތާ އުޅެފަ ތިބިމީހުން ބުނާ އެއްޗެއް ނޫން އެއްޗެއް ނެތީތަ؟

  2. ކަނޔޭ

    ޕޮލިހުން އަޅާނުލާ ކަންތައްތަކައް އާންމު ރައްޔިތުން ނުކުމު މަގުމަތީ ގާނޫނު ހިންގުމުގެ ބޭނުމެއްނެތް.

  3. Anonymous

    ބިލްބޯޑުތަކާހުރެ މަގުވެސް ގޮނޑުވެއްޖެ. އަމިއްލަ ގެދޮރުގަ ތިސާމާނު ދަބަރުޖަެހި ހޮޅީގަ ހަރުކޮއްފަ ބަހައްޓަބަލަ