ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ސާމާންތައް ހަދިޔާކުރުމާއި ގުޅޭ އެއްްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން މިކަމާގުޅޭ ލިޔެކިޔުންތަކުގައި ވަނީ ސޮއިކޮށްފައެވެ، ޖަޕާން ސަރުކާރުގެ ފަރާތުން މިލިޔެކިޔުންތަކުގައި ސޮއިކުރެއްވީ ޖަޕާން އެމްބަސީގެ ކައުންސިލަރ މަސަމިޗީ އަބޭއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޑރ.މުހަންމަދު ޝާފީޢީ އަބްދުލް މުނިމްއެވެ.

ހެލެތް މިނިސްޓްރީން ވިދާޅުވީ، ޖަޕާން ސަރުކާރުން ދެއްވުމަށް ހަމަޖެހިފައިވާ މި އެހީގެދަށުން އައިޖީއެމްއެޗް އާއި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ސާމާންތައް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ތަކެތި ހެލްތް މިނިސްޓްރީ އާއި ހަވާލުކުރާނީ 2019 ވަނަ އަހަރުއެވެ. އާލާތްތަކުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 40 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

ޖަޕާނަކީ ޞިއްޙީ ދާއިރާއަށް މީގެ ކުރިންވެސް އެކިފަހަރުމަތިން ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައިވާ ޤައުމެކެވެ. އެގޮތުން 2014 ވަނަ އަހަރު 23.5 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި އަލާތްތައް ޖަޕާން ސަރުކާރުން ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ހަދިޔާ ކުރައްވާފައެވެ.