ކުޅުދުއްފުށި ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރިތާ ގިނަ އިރުތަކެއްނުވެ މުޅި ރަށުން ކަރަންޓު ކެނޑުމުން އަނެއްކާވެސް މައްސަލަ ހައްލުކޮށްފިއެވެ.

ތިން ޖަރަނަރޭޓަރަކަށް ގެއްލުންވެ ކުޅުދުއްފުށި ސިޓީން ކަރަންޓު ކެނޑުނީ އިއްޔެ ހެނދުނު 9:15 ހާއިރުއެވެ. ކުޅުދުއްފުށި ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ އެދުމުގެ މަތިން ސްޓެލްކޯއިން ހާއްސަ ޓީމެއް އެރަށަށް ގޮސް ގުޅިގެން ކުރި މަސައްކަތުން ރޭ 8:00 ހާއިރަށް މުޅި ރަށަށް ވަނީ ކަރަންޓުދީފައެވެ.

އެކަަމަކު މިއަދު ހެނދުނު އަނެއްކާވެސް މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. ފެނަކައިން ބުނީ ކުޅުދުއްފުއްޓަށް އަލަށް ގެންދެވުނު 800 ކިލޯވޮޓުގެ އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް، ހިންގާފައި ހުރި އިންޖީނު ތަކުގެ ތެރެއިން އެއް މެގަވޮޓުގެ އިންޖީނެއްގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން މިއަދު ހިދުމަތް މެދުކެނޑުނު ކަމަށެވެ.

ނަމަވެސް މި މައްސަލަ ހައްލުކޮށް މިހާރު މުޅި ރަށަށް ވަނީ ހިދުމަތް ދީފައިވާ ކަމަށް ފެނަކައިން މިއަދު ބުންޏެވެ.

ކުޅުދުއްފުށީގެ ކަރަންޓުގެ ހިދުމަތަށް ދިމާވެފައިވާ މަައްސަލައާ ގުޅިގެން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ "ވަގުތު"އަށް ވިދާޅުވީ މި މައްސަލަތައް ހައްލު ކުރުމަށް އެކުންފުނީގެ އިތުރު އިންޖިނިއަރިން ޓީމެއް މިއަދު ފުރުވާލާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ މި މައްސަލަ ޖެހުނީ ޖަނަރޭޓަރުތައް ރަނގަޅަށް މެއިންޓެނެންސްކޮށް ބެލެހެއްޓިފައި ނެތުމުން ކަމަށެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ވަގުތު ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެވޭނީ ޓެމްޕަރަރީ ހައްލެއް. ދާއިމީ ހައްލު ގެނައުމަށް ފެނަކައަށް ވަގުތު ބޭނުންވާނެ. ވަގުތު ނަގާނެ. އެއީ މިހާ ގިނަދުވަސްވަންދެން މެއިންޓަނަންސް ކޮށްފަ ނެތީމަ." އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީން އިއްޔެ ކަރަންޓު ކެނޑުނީ، ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު