ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަންނަވާއިރު މެންބަރުން ތިބި ޕާޓީ ބަދަލުކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އެންޓި-ޑިފެކްޝަން ގާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ މެންބަރުން އެ އިންތިހާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ހިމެނެއެވެ.

މި ގާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމާއެކު، ބައި-އިލެކްޝަން ބޭއްވުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރައްވާފައިވެއެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެންބަރުކަމުން އިސްތިޢުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ހައްގު ލިބިދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދަތްނެތްކުއްޖާ

    ތިޔަ ބިލަކުން ކުރާނެ ފައިދާ އެއް ނޯންނާނެ! ވޯޓު ލާ ދުވަހު މިލިއަނުން މިލިއަނުން ފައިސާ ނެގުމަށްފަހު އޮޅިގެން ކަމަށް ހަދާ ނުބައި ފިތަކަށް ފިތާލިއަސް ވާނެ ކަމެއް ޙަރާން. ޕާރޓީގެ ރޫޙާއި ޙިލާފަށް އޮޅިގެން ވޯޓު ދެވުނީތީ ބުނާނީ މިއަލާ ވަރަށް ހިތާމަ ކުރަމޭ! އޮޅިގެން ނުބައި ބަޓަން އަކަށް ފިތުނީއޭ!

    31
    2
    • އަންމާކަލޯ

      ބަލަ އެއޮތީނު ޕާޓީން ވަކިކުރީމާވެސް ގޮނޑި ގެއްލޭނެއޭ މާގިނައިން އޮޅޭ
      މީހުން ޕާޓީން ފިޔަވަޅުއަޅާ ވަކިކުރާނީ... (ނޯޓު: ދިހަ ވަރަކަށް އަހަރު ބޭނުންވާނެ ދަށު ކޯޓުތަކުން ގޮސް ސުޕްރީމް ކޯޓާ ހިސާބުން ނިމެން)

      17
      1
  2. ކޮޔާ

    ތިބިލުގަ އެބަހުރި ކަންބޮޑުވާން ޖެހޭ ކަންތަށްތަކެއް ދިރާސާ ނުކޮށް ބިލު ފާސް ކުރީ އެކަމް ތަސްދީގު ކުރީމަ ފުރުސަތެއްނެތް

    10
    2
  3. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިވަނީ މިރާއްޖޭގައި އަދުލި އިންސާފު ޤާއިމްވިޔެނާ ނުދޭންވެގެން ޖޭއެސްސީ ކިޔާތަނެއް ހަދައިގެން އެތަނަށް ސިޔާސީ ޗޯރުންވަދެ މުޅި ޖުޑިޝަރީ ސިޔާސީ ޖަގަހަޔަކަށް ހަދާފައި، މިމީހުން ބޭނުން މީހެއްގެ މައްޗަށް ހުކުމް ކުރެވޭގޮތަށް ، ސިޔާސީ ބޮޑު ޕާޓީން ހުކުމް ކުރާ ގޮތަށް މިއޮތީ ޖުޑިޝަރީ ބައްޓަން ވެފައި ، މިކަން ބަދަލްވާން އެބަޖެހޭ !

    19
    1
    • މަދުރޭ

      މީ އަސްލުވެސް ވަރަށް ނުރައްކާތެރި ބިލެއް ފާސްކޮށްފައިވުން. މިއަށް ވުރެ ރަގަޅުވާނެ މަޖިލިސްއަށް ހޮވުމަށް ފަހު މެމްބަރުން ވަކު ކުރުންވެސް އެ ހޮވިދާއިރާގެ ވޯޓަކުން ނިންމުން. ސަބަބަކީ އެ މެމްބަރަކީ އެދާއިރާ ތަމްސީލުކުރާން ހޮވާ މެމްބަރެކަން، އަދި ޕާޓީއަށް ނޫންކަން ހޮވުމަށް ފަހު ހިދުމަތް ކުރަން ޖެހެނީ ކަމަށްވާތީވެ.

  4. އެންމެ ގަދައީ މޑޕ ގެ ނިންމުން

    ޓިކެޓް ލިބުނު އެންމެން ލައްވައި، ޕާރޓީއަށް ވަފާތެރި ވުމަށް ﷲ ގަންދީ ހުވާކުރުވުމީ މޑޕ ކުރި ވަރަށް ބުއްދިވެރި ކަމެކެވެ. އޭރުން މުސްލިމުން ކަމަށް ވީތީ ޣައްދާރުވާން ޖެހިލުންވާނެ އެވެ. އަދި އޮޅިގެން ކަމަށްބުނެ ވޯޓު ދިނަސް އެކަމުގެ ސަޒާ ދެދުނިޔޭގައި ވެސް ﷲ ދެއްވާނެ އެވެ.

  5. ކޮރަލް

    އީވާ ހޮވުނަސް ނުހޮވުނަސް މުސާރައިގެ 75 ޕަސެންޓް ދެން އަބަދަުވެސް ލިބޭނެ އެވެ. އެކަން ބަދަލު ކުރާކަށް ނޫޅެއެވެ. ދާއިރާ އަށް ކޮށްދިން ކަމެއް ނެތެވެ. އަނެއްކާ ކުރިމަތި ލައިފި އެވެ.

  6. ޙެހެހ

    ތިބިލާއި އެކު އެބަޖެހޭ މެމްބަރުންނަށް ބާރުލިބޭގޮތަށް ކެނެރީގޭ ނަޝީދު މަޖިލީސް ރައީސްކަމުގައި ހުރެ ހެދި މަޖިލިސް ޤވައިދުގެ ބިލް އުވާލަން ޖެހޭނެ ، އެޤަވައިދު ޤާނޫނުއަސާސީއާއި ވަރަށް ބޮޑަށް ތައާރުޒުވޭ ، މެމްބަރުން މީހަކު މަރަންގޮވިޔަސް ، ބޭއަދަބީ ބަސް ބުނިއަސް އެނުވޭ ކުށްވެރިއެއް ، މިހެންވެގެން ނުވާނެ ، އެމީހުންނަށް ވެސް މުސާރަދެނީ ޤވަމެންޓުންދޯ

  7. Anonymous

    ދިވެހި ދައުލަތަށް ގެއްލުންދޭ ގޮތަށް ފަ ާސްކުރާ ބިލްތައް މާ ނުރައްކާ. ޤައުމު ހިންގަން ދަތިވާގޮތަށް ޢަމަލުކުރުންވެސް އެހާމެ ބޮޑުކަމެއް. މިބިލުން ޤައުމަށްލިބޭނީ ގެެއްލުން. ބައި އިލެކްޝަންތައް ގިނަގިނައިން ބޭއްވުމަކީ ދައުލަތުގެ ޚަރަދުބޮޑުވެ ރައްޔިތުން އިތުރަަށް ނިކަމެތިވާނެކަމެެއް.