ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓް ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގައި ބަޔަކު ރޯކޮށްލާފައިވާ ކަމަށް ތުހުމަތުކޮށްފިއެވެ.

ފަރުހަތުގެ ކެމްޕެއިން އޮފީހުގައި ރޯކޮށްލި މައްސަލަ މިހާރު ފުލުހަށް ވަނީ ހުށަހަޅާފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަގުތު"އަށް ވިދާޅުވީ ކުޅުދުއްފުށީގެ ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯވި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިސަރު ވިދާޅުވިއެވެ. އަދި މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.

ކެމްޕެއިން ހަރަކާތުގައި އިސްކޮށް އުޅޭ މީހަކު ފޭސްބުކުގައި ލިޔެފައިވަނީ އަލިފާން ޖެހޭނީ މީހުންގެ މުދަލުގައި ކަމަށެވެ. އެހެން ނަމަވެސް ފަރުހަތަށް މީހުންގެ ހިތުގައި އޮތް ލޯބަކާއި ކުރާ އިހުތިރާމެއްގައި އަލިފާން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ފަރުހަތުގެ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކުރާ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ވީޑިއޯއިން ފެންނަނީ ވިއްސާރަ ކޯޓް ލައި, މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ރޭ 3:49 ގައި ކެމްޕެއިން އޮފީހަށް ވަދެ އަލިފާން ރޯކޮށްލާފައި ދާ ތަނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމްޑީޕީ އައުޓް

    އަންނި އިސްތިއުފާދިނީމަ ގައުމުގަ ބޮޑުހުޅުޖެހި މީހުނެއްނު ތިޔައީ.

  2. ލަކުޑި

    މިކަހަލަ މުޑްދާރު ޢަމަލުތައް ނުކުރޭ
    މޮޅުވާނީ ކޮންމެވެސް އެއްބައެއް.
    ކުޅުދުއްފުށީ ސިޓީއަށް ހުތުރު ދޯ

  3. ކޮރަކަލި

    ތިކަންކުރި މީހުންހޯދާ އެމީހުންނަށް ގާނޫނީ ހުކުމް ތަންފީޒު ކުރޭ ތިޔަހިންގީ އަންނިވެރިކަމުގަ ހިންގިފަދަ ލާއިންސާނީ ޖަރީމާއެއް ތިކަން ނުބަލާ ދޫކޮށްލައިފި ނަމަ ދެން ހުރިހާތަނެއްގަ ތިމީހުން ރޯކޮށްފާނެ ވަރަށްދެރަ.