ބޯކޮށް ވާރެ ވެހި ގުގުރާނެ ކަަމަށް ލަފާކޮށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާތާ ދެ ތިން ދުވަސް ވެއްޖެއެވެ. ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގެއްލުންތައްވެސް ލިބިފައި ވެއެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގައި ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ. އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަަމަށެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 12:30 އަށެވެ.

މާދަމާގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު